ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއަކީ ގެއެއްގެ ބެލްކަނީގައި ތިބެ، ދިވެހި ކުޑަ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ގައިގޯޅިވާ މަންޒަރެވެ. އެ ވީޑިއޯ އާންމުވުމާ އެކު، އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެއް ބަޔަކު ފާޑުކީ އެ ކުދިންގެ މައިންބަފައިންނަށެވެ. އަނެއް ބަޔަކު ފާޑުކީ އެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މީހުންނަށެވެ. އެ ކުޑަ ދެ ކުދިންގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑީއާ އަށް ދޫކޮށްލުމުން ގިނަ ބަޔަކު ދަނީ އެ ވީޑީއޯ ޝެއާ ކުރަމުންނެވެ. އެތައް ސަތޭކަ ބަޔަކު ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެންމެ ގިނަ ބަޔަކު އިނގިލި ދިއްކުރަނީ މުއައްސަސާތަކަށާއި އެކުދިންގެ މައިންބަފައިންނަށެވެ. ގޭތެރޭގައި އެ ކުދިން އުޅޭ އިރު، ޓީވީތަކުން ފެންނަން ނުޖެހޭ މަންޒަރުތައް އެ ކުދިންނަށް ދަސްވުމަކީ އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެކުދިންގެ މައިންބަފައިންގެ އިހުމާލެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ މައިންބަފައިންނަށް އަދާ ނުކުރެވެނީ ކަމަށް ވެސް ފާޑު ކިޔާ މީހުން ގަބޫލުކުރެއެވެ.

އާންމުވި ވީޑިއޯ މިހާރު ވަނީ ވަނީ ޖެންޑަ މިނިސްޓްރީ އާއި ފުލުހުންގެ ސަމާލު ކަމަށް އައިސްފައެވެ.

ޖެންޑާ އިން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ އިރު، އެކަން ފާހަގަވީ ވެސް ސޯޝަލް މީޑީއާ އިން ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ، ފުލުހުންނާ އެކު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުފަތުރަން މިނިސްޓްރީން އެދެއެވެ.

އެކަމަކު، މިކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

މިފަދަ ކަންކަން ހިނގަން މެދުވެރިވަނީ ކުޑަކުދިން ކުރިމަތީ ދިރިއުޅޭ މާހައުލުން ނުވަތަ އާންމުކޮށް ގޮސް އުޅޭ ތަންތަނުން ފެނިފައިވާ މަންޒަރުތަކެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ފަހަކަށް އައިސް މައިންބަފައިން ދެކޭ ގޮތުގައި ޅަފުރާ ކުދިންނަށް ފޯނާއި އިންޓަނެޓް ފޯރުކޮށްދީފައިވުމަކީ އެ ކުދިން ގޭތެރޭގައި މަޑުން ތިބެ ގިނަ އެއްޗެހި ދަސް ކުރުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ކަން މިވަނީ އެހެނެއް ނޫނެވެ. ފެންނަން ނުޖެހޭ މަންޒަރު މަންޒަރު ފެނި އިވެން ނުޖެހޭ އަޑުތައް އިވި އެ ކުދިންގެ ޅަފުރާ ދުވަސްވަރު ބަނަވެގެންދެއެވެ.

ކުދިން އުޅޭ ނޫޅޭ ގޮތާއި ކުދިން ގޮސް އުޅޭ ތަންތަނުގައި ދިރިއުޅޭ މީހުންނަކީ ކޮން ބައެއް ކަމާއި އެމީހުންގެ އަމަލުތައް ހުންނަ ގޮތް މިހާރަށް ވުރެ ބޮޑަށް ބަލަން އެބަޖެހެއެވެ. އެ ކުދިން އަތަށް މުއާސަލާތީ ވަސީލަތްތައް ދޫކޮށްލުމުގެ ކުރިން ސަލާމަތީ ފިޔަވަޅު އަޅާ އެކުދިން ބަލާ އެއްޗެއް މޮނީޓަ ކުރެވެން އެބަޖެހެއެވެ.

އެފަދަ ވީޑިއޯއެއް އާންމުކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އަމަލު ކުރަން ފަށަން ތައްޔާރުވަމުން އަންނަ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބަލާއިރު ވީޑިއޯ ކުރި މީހާގެ އަމަލަކީ ވެސް ގާނޫނީ ކުށެކެވެ.

"ފުކެއް ބޮޑުވަރު މިދެން. އަޅުގަނޑުމެންގެ ތެރޭގައި ދެން މިތިބީ ހުސް މަލާއިކަތުންތޯ އެ ކުދިންގެ ވީޑިއޯ ވައިރަލް ކުރަން. އެ ކުދިން ކުރީ ރަނގަޅު ކަމެކޭ ބުނަނީކީ ނޫން. އެކަމު އެވަރުގެ ކުދިންގެ އެ ކަހަލަ ވީޑިއޯ އާންމުކުރާކަށް ނުޖެހޭ. ކުދިން ގޯހެއް ހަދާނަމަ ރަނގަޅުކުރާނީ،" ބަންޑާރަ ނައިބުކަން ކުރިން ކުރެއްވި އާޒިމާ ޝުކޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އެ ކުދިން އެކަނި ގޯސްކޮށްގެން މިކަން ނުނިމޭ ކަމަށެވެ. އެއީ އަމިއްލަ އަށް އެނގިގެން ކުރާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެމީހާ ބުންޏެވެ.

"ކޮންމެވެސް ތަނަކުން ކޮންމެވެސް އެއްޗެއް ފެނިގެން ކޮޕީ ކުރަނީ އެ. އަހަރެން ނުބުނަން އަހަރެންނަކީ އެންމެ ފުރިހަމަ މައެކޭ ނަމަވެސް އެއާ ހަމައަށް އެ ދަނީ މައިންބަފައިންގެ ސަބަބުން. ބަނޑުން ބޭރުވާ ތަނުން ނިކްލޯޑިއަން ޑްރާމާތައް ދައްކަން ފަށާނެ. ހިންދީ، އިނގިރޭސި ލަ ދައްކަން ފަށާނެ. މަންމަ އިންނާނެ ހިނދީ ޑްރާމާ އަޅުވައިގެން ހަމަ ހެވިފައ. ބައްޕަ އިންނާނެ އިނގިރޭސި ފިލްމެއް އަޅުވައިގެން އެއަށް ގޮސް ގެއްލިފައި،" ކޮމެންޓުގައިވެއެވެ.

"ދަރިންނަށް ދައްކަން ހެޔޮ ނުވާ ވަރު އެއްޗެއް ކަމެއް ހިތަށް ވެސް އަރާ ނުލާ. އަމިއްލަ ފަސޭހަ އަށް ވައިފައި އާއި ޓެބް ދީފައި ދެން ބަލާ ނުލާ އެ ކުދިން އެއިން ބަލަނީ ކޯއްޗެއްތޯއެއް."

ފޭސްބުކްގައި އެހެން މީހަކު ބުނީ ދަރިންނަށް އެކަށީގެންވާ ވަގުތު ދޭ ނަމަ، މިފަދަ ކަންކަން ނުހިނގާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މެދެއްހާ ހިސާބު ގއ. ކަނޑުހުޅުދޫއިން ދެ އަހަރުގެ ކުއްޖަކަށް ބައްޕައާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއެވެ. އަދި މި ކުއްޖާގެ ހައްގުގައި އެތައް ދިވެހިން އެއްވަނީ މަގުމައްޗަށް ނިކުމެ ކުޑަ ކުދިންއަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ވެސް ކުޑަކުދިންނަށް އެކިއެކި ގޮތް ގޮތުން ޖިންސީ އަނިޔާ ލިބޭ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ޖެންޑާއާ ކަމާ ބެހޭ މުއައްސަސާތަކުން ވަނީ ބުނެފައެވެ.

މިއަހަރު އާދަޔާ ހިލާފަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެ އާންމުންނާއި ސިޔާސީ ބޭފުޅުންގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވި ފިއްތުއްތަކާ ގުޅިގެން ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުދިންގެ ކުށެއްނެތް

    ސުކޫލު ތަކުގެ އިސް ސަފުގަ ތިއްބަވާ ބޭފުޅުން ވިދާޅުވަނީ ގްރޭޑް 8ކުން ދަށުގެ ކުދިންގެ ނުހުންނާނެ ކަމަށް މިކަހަލަ ވިސްނުމާ ފިކުރެއް.

    40
    6
  2. ޢިލްމް

    މިކުދިންގެ މައިންބަފައިން އިހުމާލުކަމަށް ޖެންޑާއިން ބުނިތަ؟
    ޢެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނުނެގީ ކީއްވެ؟
    ވަކި ބައެއްގެ ދަރިންތަ ދައުލަތައް ނެގެނީ

    30
    2
  3. ހޫދު

    އަދިވެސް އަންހެނުންގެ ހައްގަށް ގޮވާ. ގިނަ ގިނަ އަންހެނުން ފޮނުވާ ވަޒީފާއަށް، އޭރުން އައިޕެޑްދީފަ ދަރިންކޮޅު އުކާލާފަ ތިއްބާވާ އޮފީހަށް. ދަރިންއޯކޭވާނެ.

    48
    9
  4. ސަލީމް

    މިކަމާގުޅިގެން އަޅުގަޑު ހަދާނަށް އަންނަނީ މީގެ 14 ވަރަކަށް އަހަރުކުރީން ޑރ. މުސްތަފާ ލުތުފީ އެޑިއުކޭޝަން މިނިސްޓްރީ އާޙަވާލުވުމާއެކު، ސްކޫލްތަކުގައި ދެޖިންސުގެ ކުދީން ވަކީން އޮތްއޮތުން ބަދަލުކޮށް އެއްކޮއްލުމަށް ނިންމައި އެކަމާގުޅޭގޮތުން ވާހަކަދައްކަމުން ބެލެނިވެރީންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައެވެ. ... ވިދާޅުވީ ތިމަންނާމެން މިބަދަލު މިގެންނަނީ މުޖުތަމަޢުގައި ދެޖިންސުގެ މީހުން އެކުއުޅުން ޓޮލަރޭޓްކުރަން ދަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
    ޒަމާނުއްސުރެ ދެޖިންސު ވަކީން ކިޔަވައިދެމުން އައި މަޖީދިއްޔާ، އަމީނިއްޔާ، މިދެސްކޫލް އެހިސާބުން މިކްސްކޮށް ކިޔަވައިދޭންފެށުނީ. އަދި މިހާރު ކުލާސްތަކުގައި ކުދީން ބައިތިއްބާފައި ތިބެނީ ޖޯޑު-ޖޯޑު ހަމަވާގޮތަށް.
    މިބަދަލާއެކު، އަދި އޭގެކުރީއްސުރެން ދިވެހި މުޖުތަމަޢުގައި މަގުބޫލުކަން ހޯދާފައިވާ ޑްރާމާތަކާއި މޫވީތަކާއި އަދިހަމަ ދުވަހެއްދުވަހަކަށް ރަގަޅުވަމުން، "އީޒިލީ އެކްސެސިބަލް" ވަމުން މިއަންނަ އިންޓަނެޓާއި، އަދި މިހުރިހާކަމެއްގެ މައްޗަށް މައިންބަފައިންގެ ފަރުވާކުޑަކަމާއި، ދޯދިޔާކަމާއި، ހޭލުންތެރިކަން ކުޑަވުމުގެ ނަތީޖާއެއްގެގޮތުން މިހާރުމިއޮތީ އެއްކަލަ މަގުޞަދު ވަރަށްރަގަޅަށް ޙާޞިލްވެފަ.
    އެއީ "ދެޖިންސުގެ މީހުން އެކުއުޅުން ޓޮލަރޭޓްކުރަން ދަސްވުން". ދެރައީ މަޢްޞޫމް ކުޑަކުދީން ހަލާކުވަމުންދާތީ. ހެއްވާކަމަކަށްވަނީ މިކަންކަމުގެ ޒިންމާނަގަން މިޖެހެނީ އިއްޔެގަ މުއައްސަސާތަކާ ޙަވާލުވި މީހުން!!!

    41
    3
  5. ދަންނަ

    ހުރިހާ މިފަދަ ހާދިސާތަކުން އެގިގެންދަނީ ދަރިން ތަރުބިއްތުކުރުމުން ބެލެނެވެރިން އިހުމާލުވެއްޖެކަން. ދަރިން ނަކަލުކުރާ އުމުރުގައި ފެންނަ ގިނަ ކަންކަން ދަސްކޮށް އަމަލު ކުރާނެ. ޖުމްލަ އިބާރާތުން ބުނާނަމަ، މައިންބަފައިންގެ އިހުމާލު އެންމެ ބޮޑީ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީ،އެހެނަސް އެ ކުއްޖާ މަޖޫސީ އަދި ޔަހޫދީ ކުރަނީ މައިންބަފައިން ކަން ސާފުކޮށް އެގެން އެބައޮތް.ބުނެލަން އޮތީ ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވާށޭ. ފަރުވާތެރިވާށޭ، "ތަރުބިއްޔަތު" ވަރަށް މާނަފުން ބަހެއް. ވިސްނަވާ!

    22
    1
  6. ނަސީދު

    މިއީ ގެދޮރުގެ ދަތިކަ މުންް ދި މާވެފައިވާ ހިތްދަތި މަންޒަރެއް، ތަފާތު ޑުރާ މާތައް ބަލާއިރު މައިންބަފައިން ތިބެނީީ އެކޮން މެ އެއްޗެއްދެއްކިޔަސް އަވާގަޖެހިފައި، ދަރިންތިއްބަސް އެވެސްބަލަންޖެހޭ

    27
    6
    • އެހެންޏާ

      މާނައަކީ އެކުދިންނަށް ވަކި ކޮޓަރިދީ ގަންނާނެ ގަނޑެއް ގަންނަށް ދޫކޮށްލާށޭ! ލޮލަށް ނުފެންނަންޏާ އޯކޭއޭ !
      މީ ދުރާލާ ރޭވިގެން ހިންގި ޖަރީމާއެއް ދެޖިންސްމަސްހުނި ކުރުވި އެޑިއުކޭޝަން ސިސްޓަމް ...