ކޮރޯނާ ވައިރަސް ފެތުރި ޗައިނާގައި މަރުވަމުންދާ މީހުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގައުމުން މި ބަލި ޖެހިގެން މަރުވާ މީހުން ގިނަވަމުން އަންނައިރު، ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދެއެވެެ.

ޗައިނާގެ ރައްޔިތުން، އެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް އެދި ދިވެހިންވެސްދަނީ ޗައިނާ ރައްޔިތުންނަށް ހިތްވަރުދެމުންނެވެ. ޗައިނާގެ ވުހާންގައި ތިބި ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ހަދާފައިވާ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ.

އަދި މީގެ ތެރެއިން ދިވެހި ޑައިވަރުންތަކެއް ކަނޑުއަޑީގައި ނެގި ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި އެ ފޮޓޯތައް ޗައިނާގެ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

ރާއްޖޭގެ ކަނޑުއަޑިން ދިވެހިން ވުހާންއަށް ހިތްވަރުދޭ ފޮޓޯތައް - ފޮޓޯ: މާފުށީ ޑައިވްސް އެންޑް ވޯޓާ ސްޕޯޓްސް

އެގޮތުން ޗައިނާޣެ ޒިންހުވާ ނިއުސް އިން އެ ހަބަރު ގެނެެސްދީފައިވާއިރު، އެ ނޫހަކީ އެ ގައުމުގެ ގިނަ ބަޔަކު ބަލާ ނޫހެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ނޫހުގައި ބުނެފައި ވަނީ، ޗައިނާއިން ކޮރޯނާ ވައިރަސްއާ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި އެގައުމަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ޑައިވަރުންގެ ޓީމަކުން ކަނޑުއަޑީގައި ބޯޑުތައް ހިފައިގެން ތިބެ ފޮޓޯ ނަގާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުއަޑިން ދިވެހިން ވުހާންއަށް ހިތްވަރުދޭ ފޮޓޯތައް - ފޮޓޯ: މާފުށީ ޑައިވްސް އެންޑް ވޯޓާ ސްޕޯޓްސް

އެއީ މާފުށި ޑައިވް އެންޑް ވޯޓާ ސްޕޯޓްސްގެ މަސައްކަތެވެ. އެ މީހުން ނެގި އެ ފޮޓޯތަކުގެ ސަބަބުން ޗައިނާގެ ރައްޔިތުންގެ މެދުގައި ދިވެހި ރާއްޖެއަށް އޮތް ލޯބި އިތުރުވެން ދާނެއެވެ. އަދި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އެ މީހުންނަށް ހާމަވެގެންދާނެއެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 813 އަށް އަރާފައެވެ.

މިހާރު ނޮވެލް ކޮރޯނާވައިރަސް ވެފައި މިވަނީ 2003 ވަނަ އަހަރު ފެތުރުނު ސާސް ރޯގާ އަށް ވުރެ ވެސް ގިނަ މީހުން މަރުވި ބައްޔަކަށެވެ. ސާސް ރޯގާގައި މުޅި ދުނިޔެ އިން މަރުވީ 774 އެވެ. އެބަލި 8000 އަށް ވުރެ ގިނަ މީހުންނަށް ޖެހުނެވެ.