ފަހަތުން އަރައި ވާދަވެރި އޭސީ މިލާން ބަލިކޮށް އިންޓަ މިލާން އިން އިޓާލިއަން ލީގް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހެލަސް ވެރޯނާ އަތުން ޔުވެންޓަސް ބަލިވުމުގެ ފައިދާ ނަގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އޭސީ މިލާންގެ މައްޗަށް ހޯދި މޮޅާއެކު އިންޓަ މިލާނުން ސެރިއާ އޭގެ އެއްވަނަ އަށް ޖެހިލީ 54 ޕޮއިންޓާއެކު އެވެ. ދެވަނަ އަށް ވެއްޓުނު ޔުވެންޓަސް އަށް ވެސް 54 ޕޮއިންޓް ލިބިފައިވާއިރު އިންޓަ އަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އިންޓަ އަތުން ބަލިވި އޭސީ މިލާން އޮތީ 32 ޕޮއިންޓާއެކު 8 ވަނައިގައެވެ.

ރޭ އިންޓަ އާއި އޭސީ މިލާން ބައްދަލުކުރި ޑާބީ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ އަވޭ ޓީމުންނެވެ. ފުރަތަމަ ހާފު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޒްލަޓަން އިބްރަހިމޮވިޗްގެ ފަރާތުން ތަނަވަސްވި ފުރުސަތެއްގައި އޭސީ މިލާނަށް ލީޑު ނަގައިދިނީ އަންޓޭ ރެބިކް އެވެ. އޭގެ ފަސް މިނެޓު ފަހުން ފްރޭންކް ކެސީގެ އެހީތެރިކަމާއެކު އިބްރަހިމޮވިޗް ވަނީ ބޮލުން އިންޓަގެ ގޯލު ފޫއަޅުވާލައި އޭސީ މިލާންގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ އޭސީ މިލާނުން ދެވަނަ ހާފާ ކުރިމަތިލި ނަމަވެސް މާގިނައިރެއް ދަންދެން އެޓީމަށް ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި މާސެލޯ ބްރޮޒޮވިޗް ކާމިޔާބުކުރި ލަނޑުން އިންޓަ އުއްމީދު އާކުރި އިރު އޭގެ ދެ މިނެޓު ފަހުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަޓިއަސް ވެޗީނޯ އެވެ.

އިންޓަ އިން މެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދީ 70 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންޑްރެވާގެ ނަގައިދިން ހުރަހެއްގައި ސްޓެފަން ޑެ ވްރީ ބޮލުން ޖެހި ލަނޑުންނެވެ. އޭގެ ކުރިން ލީޑު ނަގަން އިބްރަހިމޮވިޗަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖެހުމާއި ކައިރިއަށް އިންޓަ ދިޔައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އިންޓަގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ވިކްޓާ މޯސެސް ދިން ބޯޅައެއްގައި ޖެހީ ރޮމެލޫ ލުކާކޫ އެވެ. އޭގެ އިރުކޮޅެއް ކުރިން އޭސީ މިލާނުން އުފެއްދި ހަމަލާއެއްގައި އޮބްރަހިމޮވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އިންޓަ އަށް ދެން ކުރިއަށް އޮތީ ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހު ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މުބާރާތުގެ އަނެއް ސެމީގައި އޭސީ މިލާން ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު ޔުވެންޓަސްއާ ދެކޮޅަށެވެ.