މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ ގޮތުން ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ އުސޫލުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ޕްރޮޕޯޒަލް ފޮތާއި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށްދޭ މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

މިދިޔަ އަހަރު ދިވެހިން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން ޒައީ ގުރޫޕާއި އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑެވެ.