ސްޓެލްކޯ އިން "ރިނިއުބަލް އެނާޖީ" މަޝްރޫއުގެ ދަށުން އިންސްޓޯލްމެންޓަށް ސޯލާ ޕެނަލް ދޫކޮށް، އެ ތަކެތި ގޭބިސީތަކުގައި ހަރުކޮށްދިނުމުގެ ހިދުމަތް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.

ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަން އިފްތިތާހުކޮށް ދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މަހުން މަހަށް ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ދޫކުރާ ޕެނަލް ބޯޑުތަކަކީ އެއްވެސް މައްސަލައެއް ނުޖެހި ދިގު މުއްދަތަކަށް ބޭނުން ކުރެވިދާނެ ވަސީލަތެއް ކަމަށެވެ. ސޯލާ ޕެނަލް ނަގާ ނަމަ، އާންމުކޮށް މީހުން ގިނަ ގޭބިސީތަކުގައި ދައްކާ ކަރަންޓު ބިލަށް ވުރެ އަގުހެޔޮ، ތިމާވެއްޓާ ރައްޓެހިކޮށް ކަރަންޓު ބޭނުން ކުރެވިދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފެށުމަށް ހަމަޖެހިފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ޕެނަލް ބޯޑު ޖެހުމެވެ. ނަމަވެސް މި މަޝްރޫއު އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މި ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލާ ޕެނަލް ހަރު ކުރާ ކަމުގައިވާ ނަމަވެސް، އިތުރަށް އެއްވެސް ޗާޖެއް ނުކުރާނެ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އިބްރާހިމް ޝާބިލް

މިހާރު ކުރިއަށް ދަނީ ޕްރޮޖެކްޓަށް ސްޓެލްކޯގެ މުވައްޒަފުން އަހުލުވެރި ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މުގުނީ ވިދާޅުވީ މިކަމަށް ވާން ހުރި ތައްޔާރީތައް އެއްކޮށް ނިންމާލެވުމާ އެކު ކުރު މުއްދަތެއްގެ ތެރޭގައި މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އަދި މާލެ ސިޓީއަކީ ގިނަ ބަޔަކު ކުއްޔަށް އުޅޭ ސަރަހައްދެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި މަޝްރޫގެ ދަށުން ހަރު ކުރާ ޕެނަލްތައް ހަމައެކަނި ހަރުކުރާނީ ގޭގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ކަމަށެވެ.

ޕެނަލްތައް ހަރުކުރުމަށްފަހު އެއްވެސް މައްސަލައެއް ދިމާވެދާނެ ކަމަށް ޕެނަލްގެ ވެރިފަރާތާއި ސްޓެލްކޯ އާއި ދެމެދު "މެއިންޓަނަސް" އެއްބަސްވުމެއް ވެވޭނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

"25 އަހަރުން ފެށިގެން 30 އަހަރާ ހަމަޔަށް ޕެނަލްތައް އެއްވެސް މައްސަލައެއް ނުޖެހި ބޭނުންކުރެވިދާނެ ރަނގަޅަށް ބަލައްހައްޓާނަމަ،. އެކަމަކު ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު މެއިންޓަނަސް އެއްބަސްވުމެއް ވެވިދާނެ އެފަރާތުން ބޭނުންވާ ކަމުގައިވާނަމަ" މުގުނީ ވިދާޅުވިއެވެ.

މި މަޝްރޫގެ ދަށުން އެއް އަހަރުން ފެށިގެން ތިން އަހަރު ދުވަހާއި ހަމައަށް ސޯލާ ޕެނަލްގެ އިންސްޓޯލްމަންޓު ދިގު ދަންމާލެވިދާނެއެވެ. އިންސްޓޯލްމެންޓުގެ އިތުރުން އެއް ފަހަރާ ފައިސާ ދައްކައިގެން ވެސް ސޯލާ ޕެނަލް ހަރުކުރެވިދާނެއެވެ. މިއިން ޕެނަލް ބޯޑެއްގެ އަގަކީ 25000 ރުފިޔާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    ކިތައް ކިލޯ ތިއިން ޕެނަލަކުން އުފެއްދޭތަ؟؟؟؟؟؟

  2. އާޛަނު

    ރަގަޅުކަމެއްތިޔައީ

  3. ސުރުޚީ

    ކަމެއް ކޮށްނިމިގެން އިފްތިތާހު ނުކޮށް ސުރިޚީ ހެދުން ކަމަކީ ފުރަތަމަ ބަލާބަލަ ކިތައްމީހުންތޯ ތިޔަ ބޭނުން ވަނީ އަދި މީހުން ހޭލުން ތެރިކޮށްފައި ދެން މީހުން ތަމް ރީން ކޮށްބަލަ ... 3 މަސް ފަހުން ބުނާނެ މިހާރު ތަކެއްޗަށް އޯޑަރ ކުރުމުގެ ކުރިން ޑިމާންޑް އޮތްވަރު ބަލަން ސާރވޭ ކުރަނީއޭ ދެން 6 މަސް ފަހުން ބުނާނެ މީހުން ތަމްރީން ކުރަނިއްޔޭ ދެން ޚަބަރެއް ނުވާނެ މީޑިއާގައި ސުރުޚީ ހެދުމުން ކަމަކު ނުދާނެ

  4. Anonymous

    މުޢްނީބޭ. ގްރޭޓާރ މާލެއޭކިޔާފަ ރާއްޖެތެރޭމީހުނަނަށް ކޮށްނުދޭ އެއްވެސްކަމެއް މާލެއަށް ކޮށްދީގެންނުވާނެ. ތިޔަ އެނާޖީއެއް މާލޭ ގެއްގަހަެުކުރިއްޔާ އަތޮޅުތެރޭ ގެއެއްގަވެސް ހަރުކުރަންވާނެ. އޮންނާނީ 1 ޕްލަސް 1 ކަން ހަނދާންކުރާތި. ތިޔަޒަމާން ފާއިތުވެ ހިގައްޖެކަން ހަނދާންކުރާތި.