އަންނަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ މީހުން ކުށުގެ ރެކޯޑު ސާފުކުރަން ހުށަހެޅުމުން ވަގުތުން ރެކޯޑްތައް ސާފްކޮށްދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާފާލައެފައެވެ.

ސުޕްރީމް ކޯޓުން މިއަދު ވިދާޅުވީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ކުށުގެ ރެކޯޑް ވަގުތުން ސާފުކޮށް އަދި ފޯމް ހުށަހެޅުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުށުގެ ރެކޯޑް ފޯމް ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ހަމަޖެހިފައި ވަނި ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ހަވީރު 4:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:30 އަށް ވެސް ފޯމް ބަލައިގަތުމަށް ވަނީ ހަމަޖައްސާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.