މިހާރު ދޫކުރަމުން އަންނަ ވިސާގެ ތެރެއިން އިތުރު ދެ ވިސާއެއް ތައާރަފު ކުރުމަށްޓަކައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ ވޯކް ވިސާގެ ބަދަލުގައި ވޯކް ޕާމިޓު ދޫކުރަން ހުށަހަޅާ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާއާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއިން ކުރާ ގޮތަށް ހަމަޖެއްސުމަށާއި މީޓިން ވިސާ އަދި ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ގޮތުގައި ވިސާގެ ދެބާވަތެއް ތައާރަފު ކުރުމަށް ކަމަށެވެ.

އިސްލާހުގައި ބުނެފައިވަނީ ވޯކް ޕާމިޓު ދޫކުރުމާއި ވޯކް ޕާމިޓުގެ މުއްދަތު އިތުރު ކުރުމާއި ވޯކް ޕާމިޓު ބާތިލު ކުރުމާއި ފީ ނެގުމާއި ގުޅޭ ކަންކަން ކުރިޔަށް ގެންދަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ. އަދި ބުނެފައިވަނީ މީޓިން ވިސާއާ ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ކަމަށެވެ. އިސްލާހުގައި ވަނީ ބިޒްނަސް ވިސާއާ ކޯޕަރޭޓް ރެޒިޑެންޓު ވިސާތަކުގެ މުއްދަތު އިތުރު ކުރުމާއި ބާތިލް ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ ރަޖިސްޓްރާ އޮފް ބިޒަނަސް ކަނޑައަޅާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށެވެ. މި ގަވާއިދު އިސްލާހު ފާސްވާތާ 14 ދުވަހުގެ ތެރޭގައި އެކުލާވާލާ އާއްމު ކުރަންޖެހޭނެ ކަަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ވޯކް ޕާމިޓަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ މުއްދަތުގައި އެމީހަކު މަސައްކަތް ކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ދޭ ވިސާއެކެވެ. ބިޒްނަސް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށްޓަކައި އެމީހަކު ރާއްޖޭގައި ވަކި މުއްދަތަކަށް ހުރުމަށް ދޫކުރާ ވިސާއެކެވެ. މީޓިން ވިސާއަކީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ދޫކުރާ ހުއްދައެއްގެ ދަށުން ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާއި ގުޅުންހުރި ބައްދަލުވުމެއް ބައިވެރިވުމަށް އަންނަ ކުރު މުއްދަތުގައި އެމީހަކަށް ދޭ ވިސާއެކެވެ. ކޯރަޕޭޓް ރެޒިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓުމަންޓުގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް ނުވަތަ އެއިން ބޭފުޅެއްގެ އާއިލީ ބޭފުޅަކު ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ދެވޭ ވިސާއެކެވެ.