މިސްރުގައި ބާއްވާ "27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓެ ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވާ ދަޢުވަތުގައި ފޮނުވާނެ ދަރިވަރެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމުގައިވާ އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލު ހޮވިއްޖެއެވެ.

އެ މުބާރާތް ކުރިއަށް ދާނީ މިޞްރު/ ޤާހިރާގައި މިއަހަރު ފެބްރުވަރީ 8 ން 13 އަށެވެ.

އާލާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވެރެކެވެ. އޭނާ ހާފިޘްކަމުގެ ސަނަދު ހާޞިލްކޮށްފައިވަނީ 2016 ވަނަ އަހަރު ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި ޝަހާދަ ޘާނަވިއްޔާ ހާސިލްކޮށްފައިވަނީ ޢަރަބިއްޔާ ސުކޫލުންނެވެ.

އާލާ ވަނީ 2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާންރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން 2017 ވަނަ އަހަރު ޑުބާއީ ގައި ބޭއްވުނު ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލް އަޤްވާމީ 2ވަނަ ޤުރްއާން މުބާރާތުގައިވެސް ބައިވެރިވެ ޤުރުއާން ކިޔަވާފައެވެ.

މިމުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ އެއް ކެންޑިޑޭޓަކަށެވެ. މިގޮތުން މި މުބާރާތުގައި ރާއްޖެއިން އާލާ ބައިވެރިވާނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިންނެވެ.

ދުނިޔޭގެ 70 ވަރަކަށް ގައުމުތަކުން ބައިވެރިވާ މިމުބާރާތަކީ ކޮންމެ އަހަރަކުވެސް މިސްރުގެ މިނިސްޓްރީ އޮފް އައުޤާފުން އިންތިޒާމު ކުރާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކެންޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ މިޞްރު ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ވަރަށް ރަނގަޅު ކާމިޔާބަކަށް އެދެން... ޝުކުރިއްޔާ ސަރުކާރު

    15
  2. Anonymous

    އިންޝާ ﷲ، އާލާއަށް ކާމިޔާބު މިންވަރު ކުރައްވާނެ!! ﷲ ގެ ކަލާމްފުޅު ހިތުދަސް މީހުނީ ﷲ ގެ ހެޔޮރަހްމަތް މިިންވަރު ކުރައްވާފައިވާ ބައެއްކަން ކަށަވަރު.

    11