ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވިގެން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުށް ސާބިތުވީ 36.41% މީހުންގެ މައްޗަށް އެކަނި ކަމަށް، މިއަދު ފާސްކުރި ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މަދުކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އިސްލާހު ކުރަން ޖެހޭ ތިންކަމެއް ސަރުކާރަށް ލާޒިމްކޮށް، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 74 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ވަކިގޮތަކަށް ވޯޓް ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.

އެއީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫންއެވެ.

ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާދެއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެ ރިޕޯޓުން ޖިންސީ ގޯނާ ކުރާ ކުދިންނަށް އިންސާފު ހޯދައިދިނުމުގައި މުޅި ނިޒާމްވެސް ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމަށެވެ.

"މިދިޔަ 15 އަހަރުތެރޭގައި 3135 މައްސަލަ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅި. އޭގެ ތެރެއިން މައްސަލަ ނިމި ކޯޓާއި ހަމައަށް ދިޔައީ 1085 މައްސަލަ.. އެއީ ގާތްގަނޑަކަށް 30%މައްސަލަތައް. އޭގެތެރެެއިން 45.35% މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ނުވޭ. މީގެ އިތުރުން ފުލުހުންށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ، 70% މައްސަލައިގެ ތަހުގީގު ނިންމަން އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި" ޖީހާން ވިދާޅުވިއެވެ.

އެހެންްކަމުން ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ލަސްވުމަކީ އެފަދަ މައްސަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް ކަން ޖީހާން ފާހަގަކުރެއްވިއެވެ.

ޖީހާން ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް ގިނައިން ހުންނަނީ ވަންހަނާ ވެފައި ކަމަށާ، އެއީ ކުޑަކުދިންނާއި ބެލެނިވެރިންނަށްވެސް ދައްކަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކަށް އިންސާފު ނުލިބުމަކީ އެފަދަ އިތުރު މައްސަލަތައް ހިނގުމަށް މަގުފަހުވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސް ވާހަކަ

    ގިނަ ފަހަރައް ތިކަން ކުރަނީ މަޖުލީހުގައި ތިއްބެވި ބޭފުޅުން ހެކި އެބަހުރި

  2. ހިތާމަ

    ތެދެއް ތިބުނީ. އެމީހުން ދެން އެތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންދޯ. ތިޔައިން މީހަކު ކުށްވެރިއެއްވެސް ނުވާނެ. ހިފޭނެ ގޮތެއްވެސް ނޯންނާނެ

  3. ކޮއްކޮ

    ނިކަން ހޭ އަރުވާލަން ދަސްކޮށްދެންވީ ދަރިންނަށް! ގޯނާ ކުރާމީހުން މީހުން ކުރިމަތީ ބޭޒާރުކޮށް ދިމާލަށް ބުނެގަންނަން ދަސްކޮށްދެންވީ..