ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށާއި، އެހެންކަމުން ބޮއްކުރާ އަދި ޑިންގީ ފަދަ ކަނޑު އުޅަނދު ފަހަރުތަކުގައި ދަތުރު ނުކުރުމަަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ،ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް، ދަތުރަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްސަކޮށް ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން އަނގަމަތި ކުދި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދުފަހަރުގައި ދަތުރު ނުކުރުމަށާއި އަދި ރަށްރަށުގެ ކަނޑިންމައިން ވަދެ ނުކުމެ ހަދާއިރު ޙާއްސަ ސަމާލު ކަމެއް ދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމާއި، ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ.ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް ވަނީ އެދިފައެވެ

ކިޔުންތެރިންގެ ހިޔާލު