ކ. ތިލަފުށީގައި ތަރައްގީކޮށްފައިވާ އިންޑަސްޓްރިއަލް ޒޯނަށް ދާން ތަރައްގީ ކުރަމުންދާ ތާރަ މަގުގެ 99 ޕަސެންޓް ނިމިފައިވާކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފިއެވެ.

ތިލަފުއްޓަކީ ވިޔަފާރިވެރިން ބޭނުންވާ ފަދަ މާހައުލަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެތަނުގައި ގިނަ ޕްރޮޖެކްޓްތަކެއް ދަނީ ހިންގަމުންނެވެ. އަދި ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އެގޮތުން ތިލަފުށީގެ އިންޑަސްޓްރިއަލް ޒޯނަށްދާ މަގު ތާރު އަޅައިގެން ތަރައްގީ ކުރަމުންދަނީވެސް ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

އެ މަސައްކަތް ކުރަމުން ދަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

ތިލަފުށީގައި މިހާރު ހިންގާ ޕްރޮޖެކްޓަތަކާއި ގުޅޭގޮތުން "ވަގުތު"އަށް މައުލޫމާތު ދެެއްވަމުން އެ ކުންފުނިގެ ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ވަސީމް ވިދާޅުވީ، ތިލަފުށީގެ އަލަށް ހިއްކި ސަރަހައްދާއި، ބާ ސަރަހައްދު ގުޅުވައިދޭ ޕްރޮޖެކްޓްގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަގު ހުޅުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވަސީމް ވިދާޅުވިއެވެ.

ވަސީމް ވިދާޅުވީ، މި މަގު ހެދުމުގެ މަސައްކަތް ނިމި އެތަނަށް ފެނާއި ކަރަންޓް އަދި ނަރުދަމާވެސް އެޅިގެން ދާނެ ކަމަށެެވެ.

ތިލަފުށި އިންޑަސްޓްރިއަލް ޒޯނުގައި މިހާރުވެސް ވިޔަފާރިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަރަށް ފަހުން އެ ސަރަހައްދުން 38 ބިމެއް ކުއްޔަށް ދިންއިރު، މި ބިންތަކުގެ ތެރެއިން ގިނަ ބިންތަކުގައި އެކި ފަރާތްތަކުން މަސައްކަތްތައް ވަނީ ފަށާފައެވެ.

"މިވީ ގޮތަކީ އަޅުގަނޑުމެން މި މަގުތައް ހަދާތަން ފެނުނީމަ ވަރަށް ގިނަ ބޭފުޅުން މަސައްކަތް ފަށާފައި ވަނީ. އެ ވާގޮތަކީ ކަރަންޓް އަންނާނެކަން އެ މީހުންނަ އިނގޭ ވިއްޔާ. އެގޮތަށް އެ މީހުންނަށް މި އަހަރު ތެރޭ އޮޕަރޭޝަން ސްޓާޓް ކުރެވޭނެތާ". ވަސީމް ވިދާޅުވިއެވެ.

ކުރިން ތިލަފުށީ އިންޑަސްޓްރިއަލް ޒޯނަށް ދިޔުމަށް އިންނަނީ ކޯޒްވޭއެކެވެ. އެގޮތަށް އިންނާތީ ގިނަ ބަޔަކު މައްސަލަވެސް ޖައްސައެވެ. ނަމަވެސް އެ ތަނުގައި ފުޅާމިނުގައި 14 މީޓަރު ދުއްވާ ކެރިއޭޖް ވޭގައި ހަދައި، އޭގެ އިތުރަށް ދެ ފަރާތު ދެ ވެލި މަގު ވަނީ ހަދާފައެވެ. އަދި އެމަގަކީ ދިގުމިނުގައި 820 މީޓަރު އިންނަ މަގެކެވެ.

"މި ތިން މަގު އެއްކޮށްލީމަ ވާނެ 30 މީޓަރު. ވަރަށް ފުޅާމަގެއް އެއީ. މިހާރު ދެ ފަރާތުގައި ވަނީ ސޯލާ ލެޑްލައިންސް ލެވިފައި. ދެ ފަރާތުގައި ޑްރެއިންސްތައް ވެސް ވަނީ ލެވިފައި. ގަސް ޖަހާ އޭރިއާވެސް ލެވިފައިވީ. ދެން ވަރަށް ކުޑަކުޑަ މަސައްކަތްތަކެއް މި އިނީ އެތެރޭގެ އަސްފޯލްޓުގައި ކޮށްލަން ޖެހޭ"، ވަސީމް ވިދާޅުވިއެވެ.

އެ މަގަކީ ބޮޑެތި ބަރު ވެހިކަލްތަކަށް ދުއްވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މަގެކެވެ.

"އާދައިގެ ބައެއް ރަށްތަކުގައި މި އަޅާފައި ހުރި ތާރަ މަގުތަކަށްވުރެ އެސްފާލްޓްވެސް ބޯ ވާނެ". ވަސީމް ވިދާޅުވިއެެވެ.

ތިލަފުށި ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި، މި އަހަރު ތެރޭ މި މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވި ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.