ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުމުގެ ސަބަބުން ބާސެލޯނާގެ ފޯވަޑް އުސްމާން ޑެމްބެލޭ އަށް ކުރިއަށް މިދާ ފުޓްބޯޅަ ސީޒަން ނިމިއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި، ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހަށްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ޑެމްބެލޭ އެނބުރި އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އޭނާ ވަނީ އަނިޔާ އިން ސަލާމަތްވުމަށްފަހު އެނބުރި އައިސް ކްލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ. އެހެން ނަމަވެސް ފްރާންސް ކުޅުންތެރިއާ އަށާއި ބާސެލޯނާ އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވީ ފަރިތަކުރުންތަކުގެ ތެރެއިން އަނެއްކާވެސް ޑެމްބެލޭގެ ފަލަ މަސްގަނޑުގެ އަނިޔާ އިތުރަށް ގޯސްވުމުންނެވެ.

ފިންލޭންޑުގައި ދާދި ފަހުން ކުރި އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް ޑެމްބެލޭ އަށް މިސީޒަނުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެން ޑެމްބެލޭ އަށް އެނބުރި ދަނޑުމައްޗަށް ނުކުމެވޭ ވަރު ވާނީ މީގެ ހަ މަސް ފަހުންނެވެ. އެހެންކަމުން މިސީޒަނުގެ ހުރިހާ މެޗެއްގެ އިތުރުން އަންނަ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އޭނާ އަށް ގެއްލިގެންދާނެ އެވެ.

ޑޯޓްމަންޑުގައި މޮޅަށް ކުޅެ ދުނިޔޭގެ ވަރުގަދަ ގިނަ ކްލަބުތަކެއްގެ ލޯ އަމާޒުވި ޑެމްބެލޭ ބާސެލޯނާއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. ސްޕެއިން އަށް ބަދަލު ވުމަށްފަހު މިވީހާ ދުވަހު އަނިޔާގެ ތަފާތު މައްސަލަތައް ކުރިމަތިވުމުން ބާސާ ޖާޒީގައި އެދެވޭ ކުޅުމެއް 22 އަހަރުގެ ކުޅުންތެރިއާ އަށް ދެއްކިފައިނުވެއެވެ. އޭނާ އަށް މި ސީޒަނުގައި ފުލްކޮށް ކުޅެވުނީ އެންމެ ތިން މެޗެވެ. ބާސެލޯނާއާ ގުޅުމަށްފަހު އަނިޔާގެ ސަބަބުން ޑެމްބެލޭ އަށް ވަނީ މުޅިއެކު 60 އަށްވުރެ ގިނަ މެޗު ގެއްލިފައެވެ.

ޑެމްބެލޭ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުމުން އޭނާގެ ބަދަލުގައި އާ ކުޅުންތެރިއަކު ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް ވަނީ ހުޅުވާލެވިފައެވެ. ސްޕެނިޝް އެފްއޭގެ ގަވާއިދު ބުނާގޮތުން ޓީމެއްގެ ކުޅުންތެރިއަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން ފަސް މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކުޅުމުން ބޭރުވާން ޖެހިއްޖެނަމަ އޭގެ ބަދަލުގައި ސްޕެނިޝް އެހެން ޓީމަކުން ކުޅުންތެރިއެއްގެ ސޮއި ހޯދުމުގެ ފުރުސަތު އެ ޓީމަކަށް އޮންނާނެ އެވެ.

ޑެމްބެލޭގެ އިތުރުން ބާސާގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބާސެލޯނާ ބަލިވި މެޗުގަައި ކުޅުމަށްފަހު ސުއަރޭޒް ވަނީ ޑޮކްޓަރުންގެ ލަފަޔާއެކު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ސުއަރޭޒްގެ ބަދަލުގައި ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބާސާ އިން އާ ކުޅުންތެރިއަކު ހޯދަން މަސަތްކަތް ކުރި އިރު ޓްރާންސްފާ ވިންޑޯ ނިމުނު އިރު ވެސް އެ ކްލަބުން ހޯދަން އުޅުނު އެއްވެސް ކުޅުންތެރިއަކާއެކު އެއްބަސްވުމަކަށް ނާދެވުނެވެ. ބާސާ އިން ވަނީ ވެލެންސިއާގެ ފޯވަޑް ރޮޑްރީގޯގެ އިތުރުން އިންޓަގެ ލައުޓަރޯ މާޓިނެޒް އާއި އާސެނަލްގެ ޕިއެރޭ އެމެރިކް އޮބާމެޔަންގް އަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.