ނޫމަޑި ކޮންސްޓްރަކްޝަނުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނުނިމެނީސް، ސެޓްލްމެންޓް އެގްރީމެންޓަކަށް ދާން ނިންމީ އެ މައްސަލައިގައި ސަރުކާރުގެ ދިފާއުތައް ބަލިކަށިވުމުން، ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެެއެވެ.

ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސީޒްއިން ދިވެހި ސަރުކާރާއި ދެކޮޅަށް، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، ދިވެހިރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ޑޮލަރު (ބަދަލުގެ ގޮތުގައި) ދިނީ ކޮން ޤާނޫނީ ހައިސިއްޔަތަކުންތޯ، އަދި އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭންޖެހޭ ގޮތަށްކަން އެނގިވަޑައިގަތީ ކިހިނެއްތޯ އާއި އާބިޓްރޭޝަން ނުނިމެނީސް ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި ކިހާ ފައިސާއެއް ދެއްވާފައިވޭތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓާ ވިދާޅުވީ، ނޫމަޑިއަށް ބަދަލުދޭން ނިންމީ ރައީސުލް ޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށެވެ.

އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީއިން ގޮތެއް ނިންމުމުގެ ކުރިން، އާބިޓްރޭޝަންގައި ދިވެހި ސަރުކާރުގެ ފަރާތުން ވަކާލާތު ކުރި ސިންގަޕޫރުގެ ކުންފުނިން ދެ ފަހަރެއްގެ މަތިން ޤާނޫނީ ލަފާހޯދާފައިވާނެ ކަމަށާ، ނޫމަޑި އަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނީ ކުރީ ސަރުކާރުން ނޫމަޑި އެއްބަސްވުމާއި މެދު އަމަލުކޮށްފައިވާ ގޮތުން ކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުން އަމީރު މިއަދު ވެސް ތަކުރާރު ކުރެއްވެވިއެވެ.

"ބަދަލާއި ގުޅޭގޮތުން އެސެސްމެންޓްތއްް ހެދިފައިވޭ. އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު ބުރަ ވެވުނީ މި މައްސަލަތައް ދައުލަތަށް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުކަން. އަދި އެފަދަ ހާލަތެއްގައި ނޫމަޑިން އާބިޓްރޭޝަންގައި ކްލެއިމްކޮށްފައިވާ ޖުމްލަ އަދަދު 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަންގެ އިތުރު ޚަރަދުވެސް ދިވެހި ސަރުކާރުން ދައްކަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަން" އަމީރު ވިދާޅުވިއެވެ.

ނޫމަޑި ކުންފުނިން އެ މައްސަލަ ބައިނަލްއަޤްވާމީ އާބިޓްރޭޝަން ކޯޓުގައި ދިވެހި ދަޢުލަތާ ދެކޮޅަށް ޖައްސާފައިވަނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ.

25 އޮގަސްޓް 2019އިގައި އެކުލަވާލި ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.

އޭގެތެރެއިން 27.5 މިލިއަން ޑޮލަރު ދެއްކީ 5 ސެޕްޓެމްބަރ 2019 އިގައެވެ. ބާކީ 27.5 މިލިއަން ޑޮލަރު ދެއްކީ މި މަހުގެ ތެރޭގައެވެ.

އަމީރު ވިދާޅުވީ ސެޓްލްމެންޓް އެގްރީމެންޓަކީ ވަކި މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ފައިސާކަމަށް ވުމާއި އެކު އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ދެއްކުމަކީ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކޯޓުން ބޭރުގައި ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ބަދަލުދެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި، އެއީ ބައިނަލްއަޤްވާމީ އާބިޓްރޭޝަން އުސޫލުތަކާއި، މިންގަނޑުތަކާއިވެސް ޙިލާފަށް ކުރާ ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔައި އެކަމާ ދެކޮޅަށް އެކި މުނާސަބަތުތަކާ ގުޅިގެން ފާޑުވިދާޅުވަމުން ދާއިރު، އެކަމާ ގުޅޭގޮތުން ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ވިދާޅުވަަނީ ބަދަލްދޭން ޖެހެނީ އުސޫލްތަކާއި ޙިލާފަށް ކޮންޓްރެކްޓުތައް ބާތިލުކޮށް، ކުންފުނިތަކަށް ގެއްލުންވާ ގޮތަށް ކުރީގެ ސަރުކާރުތަކުން ޢަމަލްކޮށްފައިވާތީ ކަމަށެވެ.

ނޫމަޑި މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަނީ!

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ވައްކަމާއި އޮޅުވާލުމާއި އެކި ނަންނަމުގައި އެކި ކުންފުނި ނަމުގައި ވައްކަން

    15
  2. ާައަހުމަދު

    ތީގަ އަޑިނޭގޭ ކަންތަށްގަނޑެއް އެބައޮތޯ ކިޔާއަޑުއިވޭ

    15
  3. ޢިބޫ

    މިއަށްވުރެ ގާބިލް މީހުން މިނިސްޓްރީ ތެރޭގަވެސް އެބަތިބިކަމަށް މީހުންބުނޭ.

    16
  4. ހުސޭނުބޭ

    ކަލޭމެން ސަރުކާރު ވަރުގަދައީ ބަޖެޓް ކައިލަންވީމާ!

    12
  5. ނަންނެއް

    ފުރަތަމަ ތި ޕްރޮޖެކްޓް ހަވާލުކުރި އިރުވެސް ކޮންޓްރެކްޓަރ އަކަށް އޮތް ކުންފުނި އަދިވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ. ނޫމަޑި ޑައިރެކްޓް ކޮށް އިންވޯލް ނުވާކަން އެކަނި. މިހާރު ޕްރޮޖެކްޓް ހިންގާ ކުންފުނި އޮތް ހާލަތެއް ބަލާނެ މީހަކު ނެއް. ހަމަ ރައްޔިތުން ލޮލުގަ އަޅުވާ އަނދުނެއް. އެންމެ ފަހު ވަގުތު ބުނާނެ ކުންފުނިން އޮޅުވާލީއޭ. އެކަމު ހުރިހާ ކަމެއް އެނގި ތިބެ އަޅާނުލީމަ ވާގޮތް ބަލަން ތިބޭ. ތިތަނުން އެއްވެސް ޕްރޮޖެކްޓެއް މިހާރު އެތަން ތަން ހަދާ ކުންފުންޏަކަށް ނުނިންމޭނެ.

  6. އަހުމަދު

    މިސަރުކާރުގެ ދިފާއު އެކަނިތަބަލިކަށީ ހުރިހާ މުއައްސަސާޔެއްގަތިބީީވެސް ބަލިކަށިވެފަތިބި ގަމާރުން ހުރިހާއެންމެން އިސްތިއުފާ ދީފަ ގެޔައްދޭ ކަންތައް ކުރެވޭ ވރުގެ މީހުން އެބަތިިިބިި

  7. ޔޫސުފް

    ނޫމަޑި އިން ދައުލަތަށް ދީފައިވާ ބައުންސް ޗެކުތަކަށް ފައިސާ ދައްކަނީ ކޮންފަރާތަކުންބާ؟ ނޫނީ އެފައީސާ ވެސް ނޫމަޑިން ދައްކަން ނުޖެހޭ ގޮތަށް ކޯޓުން ބޭރުން ނިންމާލީބާ؟ ނޫނީ އާބިޓްރޭޝަނުން ގޮތެއް ނު ނިންމަނީސް ފައިސާދޭން ނިންމީ ޚިދުމްތުގެ އަގަށް ކިތައްޕަސެންޓް ލިބޭ ގޮތަށްބާ؟
    ދައުލަތުގެ މާލިއްޔާ އެކިނަން ނަމުގައި ބަހައި ހުސްވަނީ

  8. މަންޖެ

    މިކަހަލަ ބަދަލެން ދޭން އުޅެނީ ޒިކުރާ މިސްކިތުގެ ފުރާޅު ނެގި ކުންފުންޏަކަށްވެސް. ބަދަލުގެ ގޮތުގައި ކޮރަޕްޝަން.

  9. ސަމްސިއްޔާ

    ބަލަން ތިބޭތި. ދެން ތިޔަނޫމަޑި އަށް ޕްރޮޖެކްތައްވެސް ދޭނެ. އެސް.ޖޭ ކޮންސްޓްރަކްޝަންއަށްވެސް ޒިކުރާ މިސްކިތުގެ މައްސަލައަށް ފަހު، ތިލަ ފުށިގައި ކެމިކަލް ގުދަން ހަދަންދިނީވެސް، އިހައްދުވަހު އެދިނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން. މިކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެބަޖެހޭ.