މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އިންގިރޭސި ބަހުން ލިޔެފައިވާ ބައެއް ފޮތްތައް ދިވެހި ބަހުން ތަރުޖަމާ ކުރުމަށް ހާއްސަ ވޯކްޝޮޕެއް އެ ޔުނިވަސިޓީގައި މިއަދު ފަށައިފިއެވެ.

"ލެޓްސް ރީޑް"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހެރިޓޭޖް މިނިސްޓަރު ދުންޔާ މައުމޫނާއި ޔުނިވަސިޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޯކްޝޮޕްގެ ތެރެއިން ތަރުޖަމާ ކުރާ ފޮތްތައް ޕްރިންޓުކޮށް ނެރުމަށް ވުރެ މިހާރު އިންޓަނެޓުން ކިޔާލެވޭ ހެން ބެހެއްޓުމަކީ މުހިންމު ކަމެއް ކަން ފާހަގަކޮށް އެމްއެންޔޫ އިން ބުނީ މި ފޮތްތައް އޭޝިއާ ފައުންޑޭޝަންގެ "ލެޓްސްރީޑް ޕޯޓަލް"އިން ލިބެން ހުންނާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ މިފަދަ ކަމެއް ފެށުމަށް މިހާރު ވެސް މާ ލަސްވެފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ އެންމެންނަށް ކިޔޭ ފަދަ ފޮތްތަކަކަށް އިނގިރޭސި ބަހުން ޝާއިއުކޮށްފައިވާ ފޮތްތައް ހެދުމުން އެންމެންގެ ސިކުނޑިތައް އުޖާލާވާނެ ކަމަށެވެ.

ފަޒްނާ މިއަދު ވާހަކަ ދައްކަވަނީ. ---ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުގެ ދަރިން މިހާރު 23، 25 އަހަރު ވެއްޖެ. އަޅުގަނޑު ހީކުރީ އެކުދިން ކުޑަ އިރު މިފަދަ ފޮތްތަކެއް ނެތަސް މި ތަރައްގީ ޒަމާނުގައި ހުންނާނެ ކަމަށް. އެކަމަކު އަޅުގަނޑުގެ ރަހުމަތްތެރިއެއްގެ ދަރިއަކަށް ފޮތެއް ދޭން ވެގެން މުޅި މާލޭގެ ހުރިހާ ފިހާރައެއް ބެލި އިރުވެސް ބޭނުންތެރި ފޮތެއް ނުފެނުނު. އަޅުގަނޑު އުންމީދުކުރަން މި ޕްރޮގްރާމް ނިމޭއިރު ހުރިހާ އެންމެންނަށްވެސް ބޭނުން ހިފޭ ފަދަ ފޮތްތަކެއް ލިބެން ހުންނާނެ ކަމަށް" ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ އިންސާނެއްގެ ކުރިއެރުމަށް ފޮތް ކިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ދިވެހިން ފޮތް ކިޔުމަށް އާދަކުރެއްވުމަށް އެކަމަނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އޭޝިއާ ފައުންޑޭޝަންގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވި ޔޮހާން ރޮބާޓް ވިދާޅުވީ މިއީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، އެ ފައުންޑޭޝަނާ ގުޅިގެން ބޭރުގެ އެހެނިހެން ގައުމުތަކުން ވެސް ފޮތްތައް ތަރުޖަމާކޮށް ޕޯޓަލުން ކިޔޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއެންޔޫ އިން މައުލޫމާތު ދިން ގޮތުގައި މިހާރު އެ ޕޯޓަލުގައި ހުރި އިނގިރޭސި ފޮތްތައް ދިވެހިބަހުން ތަރުޖަމާ ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި، ދިވެހި ބަހުން ނެރެފައި ހުންނަ ފޮތްތައް އިނގިރޭސި ބަހުން ތަރުޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޭޝިއާ ފައުންޑޭޝަނާއި އެމްއެންޔޫ، ގައުމީ ކުތުބުހާނާ އަދި ދިވެހިބަހުގެ އެކަޑަމީ ގުޅިގެންނެވެ. މި ވޯކްޝޮޕްގައި މަޝްހޫރު ލިއުންތެރިންނާއި އެޑިޓަރުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަޒުނާ

    ގައިގައި ޖަހާވައްތަރު

    6
    1
  2. ޕްލީސް

    ކޮބާތަ ތިޕޯޓަލް އަކީ؟

    3
    1
  3. ޖަހާންގީރު

    ބަންގީގެ އަޑަށް އުނދަގޫ ވާތީ ހުކުރު މިސްކިތް ބަންދު ކުރުވީ މި މީހާއާއި ހެދި !

    5
    1
  4. ދިވެހިބަސް

    މިހާރުވެސް ތިޔަ ތަނުން ބައެއް އިލްމީ ފޮތްފޮތް ނެރެފައި އެބަހުރި. އެކަމަކު އެފޮތްތަކުގައި ދިވެހިބަހުގެ އެއްވެސް ފެންވަރެއް އޮއްޓަރެއް ނެތް. ބައެއް ލަފުޒުތަކާއި އިބާރާތްތަކުން ދޭހަވަނީވެސް މުޅިން ރޯނުބައި މާނަ.