މަޖިލިސް ތެރެއިން ވެރިކަން ވައްޓާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ބުންޏަސް އެކަން ނުވާނެ ކަމަށް ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ ގާނޫނީ އިމުން ބޭރުން ވެރިކަން ވައްޓާލަން އިދިކޮޅުން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައި ކަމަށެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނޫގެ ތެރެއިން ވެރިކަން ވައްޓާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ވައްޓާލަން ނުކުންނާނެ ބަޔަކު ނެތްކަމަށެވެ.

"ރައީސް ޔާމީން ވެރިކަމުން ވައްޓާލަން ނުކުންނާނެ ބަޔަކު ނެތް. އެހެންވީމާ އެއީ އިދިކޮޅު މީހުންނަށް ވާނެ ކަމެއްނޫން،" ޖަމީލް ވިދާޅުވިއެވެ.

" މަޖިލީސް ތެރެއިން ނިންމައެއް ނުލެވޭނެ. އެއަށްވުރެ މާބޮޑަށްވެސް ބަދަހިކޮށް ޕީޕީއެމްގެ އާންމު މެންބަރުންނާއި މަޖިލީސް މެންބަރުން ތިބީ. ޕީޕީއެމްގެ މެންބަރުންނެއް ނުގެއްލޭނެ،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތް ތަކުން ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ނުކުންނާނީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމުން ވައްޓާލައި އިލެކްޝަންސް ކޮމިޝަން ވެސް މިނިވަން ކުރުމަށްފަހު ކަމަށެވެ.

އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީޒްލީ

    ގަދަބަސް ނުބުނެ މަޖިލިސް އޭގެ ޒާތުގަ ހިންގުމުގެ ފުރުސަތު ދީބަލަ، ރައްޔަތުންގެ މަންދޫން ކަން ކުރަން ވާނެ ގޮތް ބަލާލަން!

  2. ތިމަންނަ

    މީ އަނެއްކާ ކާކު؟؟؟؟