ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ އަށް ލިބޭނެ ވޯޓުގެ އަދަދާއި އިދިކޮޅު ފަރާތްތަކަށް ލިބޭނެ ވޯޓުގެ އަދަދު އެމްޑީޕީ އަށް އެނގުމުން އިންތިހާބާ މެދުގައި ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ދަރުބާރުގޭގައި ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހޮވާނީ 12،0000 ވޯޓާ އެކުގައި ކަމަށް ވިދާޅުވެފައެވެ. އަނަސްއާ އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ސުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ އިންތިހާބު ނުނިމެނީސް، ނަތީޖާ އެނގޭ ގޮތް ހެދީތޯ ސުވާލު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުން އިތުބާރު ނުކުރަނީ މިކަހަލަ ކަންކަމާ ހުރެއެވެ.

"މިހާރު މިގޮތަށް އިންތިހާބު ނުނިމެނީސް ނަތީޖާ އެނގޭނެ ގޮތެއް ވެސް ހެދީތަ؟ ހާދަ ނުކަސިޔާރު ކަންކަން މި ފެންނަނީ؟ މިގޮތަށް ކަންކަން ވާތީ އީސީ އަށް ރައްޔިތުން އިތުބާރު ނުކުރަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ޓެގް ކުރައްވައި ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން "ވަގުތަށް" ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނީ ކިތައް ވޯޓުކަމާއި ޕީޕީއެމަށް ލިބޭނީ ކިތައް ވޯޓުކަން އެނގުމުން އިންތިހާބާ މެދުގައި ސުވާލު އުފެދޭ ކަމަށެވެ. އަދި އިންސާފާއި ހަމަހަމަކަން ގާއިމް ކުރަންޖެހޭ ކަމަށާއި އީސީއިން ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

އަންނަ އޭޕްރީލަ ހަ ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޮމިޝަނުން ކުރިން ބުނި ގޮތުގައި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަކީ ވީހާވެސް އިންސާފުވެރި، ހާމަކަން ބޮޑު ގޮތެއްގައި އެ ކޮމިޝަނުން ބާއްވާނެ އިންތިހާބެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާޒުކު

    ސުޖާއަށް ނޭގެނީތަ އައްނިގެ ހިސާބު. އެއީ އެ މީހުންގެ މީހުންނަށްލާ ވޯޓުގެ އަދަދު. އަމިއްލަގޮތުންވެސް ބޮޑާހާކާފަ ބައެއް އެބަލާ އެއީވެސް އޭނާގެ ހިސާބުތެރެއަށް ވަންނާނެޔޯ.

    19
    2
  2. ނިހާން09

    ރިޔާސީ އި ންތިހާބުގަ އަދުރޭ 200،000 ވޯޓް ލިބޭ ނެޔޭ ބު ނިއިރު ތިޔަ ސުވާލް ކީއްވެގެ ންތޯ ނުއުފެއްދީ

    9
    19
  3. އަލްޖިބްރާ

    ކަލޭމެން މިހާރު ތިޔައުޅެނީ މޮޔަވެގެންނޭ ބުނަންޖެހެނީ ތިޒާތުގެ ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ !

    3
    7
  4. ކ

    ޢެމް ޑީޕީގެ މެމްބަރުން ތިބިގޮތް އެއީ! ބާރަ ހާސް މާލޭގައި އެކަނި އެބަތިބި!

    3
    13
  5. ނީމަ

    ޝުޖާމެންގެ ސިކުނޑި ކޮބައިތޯ؟؟

    6
    5
  6. އަދުރޭ

    މަށާ ނަސީދު އާ ހިސާބު ޖަހަނީ އަމަ އެއް ފޯމިއުލަރ އަކަށް. ދެން ވިސްނާ ޖަވާބުތަށް ހުންނާނެ ގޮތް

    4
    1
  7. އ. ޖ. އ

    ތިޔާހެން ޔާމިނު ވެސް ޢަދަދު ޖެހި.. މަޖިލިސް ގޮނޑީގެ ޢަދަދު ވެސް ޖެހި.. އެކަމު ބަލިވީ..

    1
    4
  8. ދޯރި

    ޝުޖާޢޫ! 50 ގުނަ 4 ގެ ހިސާބު ޖެހިއިރު ޝުޖާއު ހުރީ އެމްޑީޕީގައިތަ؟ އޭރު އެއްޗެއް ނުބުނީ. ޙަޤީގަތް އޮޅުވާލަން ނޫޅޭ. މާލެއިން އަނަސަށް 12 ހާސްވެސް މަދު ކަމެއް ޝުޖާއުކަށް ނޭނގުނީމާ ވަރަށް ދެރަ.

    1
    3
  9. އަހްމަދު

    ޝުޖާޢޫ! 50 ގުނަ 4 ގެ ހިސާބު ޖެހިއިރު ޝުޖާއު ހުރީ އެމްޑީޕީގައިތަ؟ އޭރު އެއްޗެއް ނުބުނީ. ޙަޤީގަތް އޮޅުވާލަން ނޫޅޭ. މާލެއިން އަނަސަށް 12 ހާސްވެސް މަދު ކަމެއް ޝުޖާއުކަށް ނޭނގުނީމާ ވަރަށް ދެރަ.

    1
    3