އިންސާނީ ހައްގުތައް ދަމަހައްޓައި ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި އެ ކޮމިޝަނާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްއާރުސީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރުސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި ޑީއެންއާރުގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ފަރީދާ ޔޫސުފެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައުލޫމާތުތައް ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮމިޝަނަށް އެ މައުލޫމާތު ޑީއެންއާރު މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އެ ކޮމިޝަނަށް ލިބިގެންވެއެވެ.

އަދި މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލު ކުރާނެ ގޮތްތައް ވެސް އެޗްއާރުސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފައެވެ.