ސައުދީ އަރަބިއްޔާގައި ދިވެހި ކޮންސިއުލޭޓް ހުޅުވުމަށް އެގައުމުން ހުއްދަދީފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސައުދީ އިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރެއްވުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސައުދީގެ ޖިއްދާގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ކޮންސިއުލޭޓް ހުޅުވުމުގެ ހުއްދަ އެގައުމުން ދޫކޮށްފައި ވަނީ މިހަފްތާގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް ދުވަހެއް މިނިސްޓަރ ހާމަކުރައްވާފައެއް ނުވެެއެވެ.

"ސައުދީ އަރަބިއްޔާ އަށް ޒިޔާރާތްކުރަ ދިވެހިންނަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ފުރިހަމައަށް ހިދުމަތް ދިނުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހް ސައުދީ އަރަބިއްޔާގެ ޖިއްދާގައި އުފައްދަވާ ކޮންސިއުލޭޓް ހުޅުވުމަށް މިހަފްތާގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ހުއްދަ ދީފައި." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި އެކޮންސިއުލޭޓް ގާއިމް ކުރުމާއި އެކު އެގައުމަށް ދަތުރުކުރާ ދިވެހިންނަށް "ވަރަށް ބޮޑަށް" ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންސިއުލޭޓް ހުޅުވުމަށް ރައްޖެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެގައުމުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ހައްޖު މޫސުމަށް ކޮންސިއުލޭޓު ހުޅުވާ އެ ކޮންސިއުލޭޓްގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ދެކޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ އިން މިހާރު ވަނީ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށްވެސް ނިންމާފައެވެ. މި ވިސާ ދޭން ފެށުމާއި އެކު ދިވެހިން ދައްކަން ޖެހޭ ވިސާ ފީ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިހާތަަނަށް އެގައުމުން އޮންއެރައިވަލް ވިސާ ލިބޭގޮތަށް "ކެޓަގަރީ-އޭ"ގެ ގޮތުގައި ކަނޑައަޅާފައި ވަނީ 49 ގައުމެވެ. އެވިސާ ފުރަތަމަ ދޫކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމެބަރު މަހުގެ ތެރޭގައެވެ. އަދި މިކެޓަގަރީ އާއި އެކު ދިވެހި ރާއްޖެ ވާނީ އޭޝިއާއިން މި ފުރުސަތު ދޭ 8 ވަނަ ގައުމަށެވެ. އެހެން ނަމަވެސް ދެކުނު އޭޝިއާގައި ހިމެނޭ ގައުމަކަށް މިވިސާދިނުމަށް ހުޅުވާލީ ފުރަތަމަ ފަހަރަށެވެ. މިއީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށް އޮންއެރައިވަލް ވިސާ ސައުދީ އިން ދޭން ނިންމި ހަތަރުވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ތިކަމުންއުފާކުރާނީ މަނިކުފާނުތާ އެއީ އަނެއްކާތިޔަތަނުގަދިދަ ނަގަންދާންޖެހުނީމަ ޕޮކެޓްމަނީއައް ލާރިކޮޅެއްލިބޭނެވިއްޔާ ދިވެެހިންޖިއްދާއައްދަނީހަމަ އެކަނިއެއަރޕޯޓައް އެތަނުން މައްކާއައް ދެންޖިއްދާގަ އެންބަސީއެއް ހުޅުވުމަކުން ދިވެހިންނައް ވާނެފައިދާއެއް އެބައޮތްބާ ދާދިފަހުންލަންކާގަ ޢިމާރާތަކުން ކުއްޖަކު ވެއްޓިގެން މިނިސްޓްރީން އެހަބަރުނޫހައްދިންއިރުވެސް އެންބަސީބޭފުޅުން ތިއްބެވީ ޕާޓީކުރަން މިއީތޯ އެންބަސީގެބޭނުމަކީ