ހުވަނދު އަތޮޅުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިތުރު މީހުންވެސް އިހުމާލުވެފައިވާ ކަމަށާއި އެމީހުންނަށްވެސް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އެ މައްސައިގައި މިހާރު 3 މީހުންނަށް ދައުވާ ކުރާއިރު، އިތުރު މީހުންނަށްވެސް ދައުވާ ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ 3 މީހުންނަށް ވުރެ ގިނަ ވާނެހެން އަޅުގަނޑުމެން ދައުވާ ކުރާނެ މީހުން" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކުޑަ ކުއްޖާގެ މައްސަލައިގައި 3 މީހުންގެ އިތުރުން އެހެން ބަޔަކު ހައްޔަރު ނުކުރިއަސް، ކުއްޖާގެ އާއިލާއިން ބަޔަކު ކުއްޖާއަށް އިހުމާލިވި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މީހުންނަށް ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެ ފެމިލީގައިވެސް އެބަ ތިބި އެކުއްޖާއަށް އިހުމާލުވި އިތުރު ބައެއް މީހުންވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި. އަދި ހައްޔަރު ނުކުރިއަސް. ފަހަރެއްގަ ދައުވާ ކުރާއިރުގަ މިހާރު އެ ހައްޔަރުގައި ތިބި 3 މީހުންނަށް ވުރެ ގިނަ މީހުންނަށް ދައުވާ ކުރުމަކީވެސް އެކަށީގެންވާ ކަމަށް. ފުރިހަމަ މައުލޫމާތު ލިބޭނީ މިއަދު މެންދުރު ފަހުން" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ތުއްތު ކުއްޖާގެ މައްސަލައަށް މިމަހުގެ 16 ވަނަ ދުވަހަށް 30 ދުވަސް ހަމަ ވާނެ ކަމަށާއި އެ މައްސަލައިގެ ލިޔެކިއުންތައް މިއަދު މެންދުރު ހިސާބެއްގައި ޕީޖީ އޮފީހަށް ލިބޭނެ ކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ޝަރީއަތަށް ފޮނުވުމުގެ ކަންކަން ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވިދާޅުވީ، ކުއްޖާގެ ކާފައަށް ކުރެވިފައިވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށާއި ކުއްޖާގެ މުނި ކާފައަށް ކުރެވެނީ ޖިންސީ ފުރަައްސާރަ ކުރި ކަމުގެ ތުހުމަތު ކަމަށެވެ. ކުއްޖާގެ ބައްޕަގެ މައްސަލައަކީ ކުއްޖާ އެފަދަ މާހައުލެއްގައި ހުއްޓާ، ކުއްޖާގެ މަންމަގެ ކައިރިއަށް ފޮނުވާލަން އާއިލާއިން މަސައްކަތް ކުރުމުން ހުރަސް އުޅުމެވެ.