ރާއްޖޭގެ އަންހެން ސަބްމެރިން ޕައިލެޓެއް ދުނިޔޭގެ ރެކޯޑަކާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ ހަމައެކަނި ސަބްމެރިންގެ ޗީފް ޕައިލެޓް އައިޝަތް އާމިރާ މިވަނީ 3000 ސަބްމެރިން ޑައިވް ހަމަކޮށް ދުނިޔޭގެ ފެންވަރުގައި ރިކޯޑުތައް ބަލައިގަންނަ ގިނިސް ވޯލްޑް ރިކޯޑު ފޮތުން ޖާގައެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

”ވޭލް ސަބްމެރިން މޯލްޑިވްސް“ އިން ހާމަކޮށްފައިވާ ގޮތުގައި އާމިރާ އަކީ މުޅި ދުނިޔެ އިންވެސް ސަބްމެރިނެއްގައި 3000 ޑައިވް ފުރިހަމަ ކުރި ހަމައެކަނި އަންހެން ޕައިލެޓުކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން މިއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ބަލައިގަތުމަށް ގިނިސް އަށް ހުށަހަޅާފައިވާ ކަމަށެވެ.

އާމިރާ 3000 ޑައިވް ހަމަކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ވޭލް ސަބްމެރިން މޯލްޑިވްސް އިން ރާއްޖޭގައި އޮޮޕަރޭޓް ކުރަމުން އަންނަތާ 16 އަހަރުބެފައި ވާއިރު ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއެވެ.

ދުވާލަކު 6 ފަހަރު، ހަފްތާއަކު 5 ދުވަހު ސަބްމެރިންގެ ދަތުރުތައް އޮންނައިރު ކޮންމެ ދަތުރެއްގައިވެސް ކަނޑުއަޑިން 50 މީޓަރު އަޑިއަށް ސަބްމެރިން ދާނެއެވެ. މިކަން ތަޖުރިބާ ކޮށްލަން ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން އަންނައިރު ގިނަ އަދަދެއްގެ ދިވެހިންވެސް ސަބްމެރިންގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލަން ދާކަން ފާހަގަކޮށްލެވެއެވެ.

އާމިރާގެ ރެކޯޑު ގިނިސް އިން ދުނިޔޭގެ ފެންވަރުގެ ރެކޯޑެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ އިރުގައި މިއީ ހުރިހާ ދިވެހިންވެސް ފަޙުރުވެރިވާން ޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ކީއްވެ ނަމާ ފޮޓޯ ޖެހީ

    15
    6
  2. ބޮޑުތަކުރުފާނު

    މަރުޙަބާ

    19
  3. ސފސ

    މަރުހަބާ!!

    12