ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ތައްޔާރުވަމުން އަންނަ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތާއިދު ކުރުމަށް ފުރަތަމަ ޑިވިޝަނުގެ އިތުރު ދެ ކްލަބަކުން ނިންމައިފިއެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް ވަނީ މީގެ ކުރިން މިހާރުގެ ރައީސް ބައްސާމަށް ތާއީދު ކުރައްވާނެކަން އިއުލާނުކޮށްފައެވެ. މި ތިން ކްލަބުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އިން ވެސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި ބައްސާމުގެ ފަހަތަށް އެރުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.

ބައްސާމަށް ތާއީދުކުރާކަން އިއުލާނުކުރަމުން ޔުނައިޓެޑް ވިކްޓްރީގެ ރައީސް އިސްމާއިލް ޝަފީއު ބުނީ އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް ފަހުން މިއަދާއި ހަމައަށް ބައްސާމްގެ ފަރާތުން ފެނުނު މަސަތްކަތްތަކަކީ މީގެ ކުރިން ރާއްޖޭގެ އެފްއޭގެ ރައީސް ކަމަށް އައި އެއްވެސް ބޭފުޅެއްގެ ފަރާތުން ފެނިފައި ނުވާ ވަރުގެ ކަންކަން ކަމަށެވެ.

"އަޅުގަނޑުމެން ތާއީދުކުރަނީ ބައްސާމަށް. ރައީސްކަމަށް ހޮވިވަޑައިގަތުމަށްފަހު މިއަދާއި ހަމައަށް ބައްސާމް ކޮށްފައި ހުރި ކަންތަކާއި ކުރިއަށްއޮތް ތާގައި ކުރަން ނިންމައިފައި ހުރި މަސަތްކަތްތައް އަޅުގަނޑުމެންނަށް އިނގޭ. އަޅުގަނޑުމެންނަށް ވަރަށް އިތުބާރު އެބައޮތް އޭނާގެ މައްޗަށް. މީގެ ކުރިން ވަރަށް ބައިވަރު ރައީސުން އެފްއޭ ގައި މަސަތްކަތްކުރި. އެކަމަކު ބައްސާމް ފުޓްބޯޅަ އަށް އެ ބަހައްޓަވާ ޕެޝަން އާއި މި ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުކަން އަޅުގަނޑުމެންނަށް އެހެން ބައެއްގެ ފަރާތުން މިހާތަނަށް ނެތް ފެނިފައި. އެހެންވީމަ އެބަ އިނގޭ ބައްސާމަށް ރަނގަޅަށް ކަންތައްތަކެއް ކުރެވޭކަން، " ޝަފީއު ބުންޏެވެ.

ދަ ގްރާންޑޭގެ ރައީސް ފަސީހު މުހައްމަދު ބުނީ ބައްސާމުގެ ފަހަތަށް އަރަން ނިންމީ ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބައްސާމް ކުރަމުން އަންނަ މަސަތްކަތަށް ފުރިހަމަ އަށް އިތުބާރު ކުރައްވާތީ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ބައްސާމް ކުރަމުން އަންނަ މަސަތްކަތަށް ބަލާލުމުން އެބަ އިނގޭ އޭނާގެ ފެންވަރު. ވިދާޅުވާ ކޮންމެ ވައުދެއްގައިވެސް ބަހާއި އަމަލާއި ދިމާކުރޭ. އޭނާ އަކީ ބަހުގެ އިތުބާރު އޮންނަ އަދި ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލް އަކަށް ގެންދެއްވުމަށް އިހުލާސްތެރިކަމާއެކު މަސަތްކަތް ކުރަމުން އަންނަ ފަރާތެއް. ކްލަބުތަކާއި ވަރަށް ގާތްކޮށް އުޅެނީ. މިކަންކަމުގެ އެތެރޭގައި އުޅެލީމާ އިނގޭނެ ބައްސާމުގެ މަސަތްކަތް. އަޅުގަނޑުމެންނާއި ވަރަށް ގާތުން މަސަތްކަތް ކުރައްވަމުން އައީ. އަޅުގަނޑުމެންނަށް މީގެ ވާނުވާ އިނގެން ފެށީމަ މުޅިން ސާފުވެއްޖެ ބައްސާމުގެ މަސަތްކަތާއި ވިސްނުން ހުރިގޮތް. އަޅުގަނޑު ދިވެހި ފުޓްބޯޅަ އަށް ދެއްވަން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެން މިތިބީ ބައްސާމުގެ ފަހަތުގައޭ އަދި އެހެން ބޭފުޅުންވެސް މިކަމުގައި އަޅުގަނޑުމެންނާއި ބައިވެރިވެލައްވާށޭ،" ފަސީހު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގައި މިފަހަރު ވާދަކުރި ކްލަބް ޕީކޭ އިން ވެސް ވަނީ ބައްސާމަށް ތާއީދު ކުރުމަށް ނިންމައިފައެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.