ނ.އަތޮޅާއި ތ.އަތޮޅާއި ދެމެދަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ މިއަދު ހަވީރު 16:00 އާއި ހަމައަށް އެސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސްއުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for average strong winds of 23 - 29 mph. pic.twitter.com/1cmNxUTPHS
— Maldives Meteorology (@MetMaldives) February 13, 2020
އުތުރާއި އިރުއުތުރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ނަމަވެސް ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް 29 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.