ހިމަބިހި ވެކްސިން ޑޯޒް ހަމަ ނުކުރާ އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް ވެކްސިން ދޭން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލެތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށިގެން، ހިމިބިހި ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް ހަތް ހާހަށް ވުރެ ގިނަ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށާ ވެކްސިން ދިން މީހުންގެ ތެރޭގައި 6 މަހާއި 18 މަހާއި ދެމެދުގެ 1700 އަށް ވުރެ ގިނަ ކުދިން ހިމެނޭ ކަމަށެވެ.

އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ 2600 މީހުންނާއި ހިމަ ބިހި ޖެހުނު މީހުން ދިރިއުޅޭ ސަރަހައްދުގައި އުޅޭ 1380 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"ވެކްސިން ދިނުމުގައި އަޅުގަނޑުމެން މިބަދަލަނީ ފުރަތަމަ އަމިއްލަ އިސްނެގުމުގައި އައިސް ވެކްސިން ނުޖަހާ މީހުން ވެކްސިން ޖަހަން. އެކަން ނުވެއްޖެ ނަމަ އަޅުގަނޑުމެންގެ ވެކްސިން ޓީމުތަކުން ވެކްސިން ނުޖަހާ މީހުން ތިބި ތަންތަނަށް ގޮސްގެންވެސް ވެކްސިން ޖަހާނަން. މިކަމުގައި ބިދޭސީން އިސްތިސްނާއެއް ނުވޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްޕީއޭގެ ނޮން ކޮމިއުނިކެބްލް ޑިޒީޒްގެ ހެޑް، ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށްޓަކާ ކުރެވެން އޮތްކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

މިފަހަރު ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ މަސައްކަތް ކުރާނީ ވެކްސިން ދިން މީހުންގެ ޑާޓާބޭސްއެއް އެކުލަވާލުަމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ވެސް އެއްކޮށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ބަލިން ރައްކާތެރިވާން އޮންނަ ކަމަކީ ވެކްސިން ޖެހުން. އެއީ މިއީ ވައިގެތެރޭގައި ފެތުރޭ ބައްޔެއް. ކުރިން މި ވެކްސިން ޖެހުނުކަން ޔަޤީން ނުވާނަމަވެސް ވެކްސިން ޖަހަންވީ. އަދި ދެ ޑޯޒް ހަމަ ނުވަންޏާވެސް ޖެހިދާނެ. މިއީ ޑޯޒް އިތުރުވެގެން ނުރައްކާވާ އެއްޗެއް ނޫން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާނީ ދަމަނަވެށި، ސޯޝަލް ސެންޓާ، ވިލިމާލެ ފެރީ ޓާމިނަލް އަދި ހުޅުމާލެ އިންޑޯ ކޮމްޕްލެކްސްގައެވެ.

ދަމަނަވެށީގައި ވެކްސިން ދެނީ ހެނދުނު 8:15 އިން 12:00އަށް ކުޑަކުދިންނަށް ވެކްސިން ޖަހައިދޭނެ ކަމަށާ، ބޮޑެތި މީހުންނަށް މެންދުރު 02:00އިން ހަވީރު 05:00އަށް ވެކްސިން ޖެހޭނެ ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހުޅުމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް 02:00އިން ހަވީރު 05:00އަށް ވެކްސިން ޖެހޭ އިރު، ވިލިމާލެ ފެރީ ޓާމިނަލްގައި ހަވީރު 04:00އިން ހަވީރު 06:00އަށް ވެކްސިން ޖެހޭނެ ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ.

ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ވެސް ވެކްސިން ޖަހާދޭ އިރު، ވެކްސިން ޖަހަން ދާއިރު، ކުޑަކުއްޖެއް ނަމަ ވެކްސިން ކާޑު ގެންދިއުމަށާ، ބޮޑެތި މީހުން އައިޑީކާޑު ހިފައިގެން ދިޔުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަމެން

    40 އަހަރުން މަތީގެ މީހުންނޯ ..... އެވެރިން މަރާލަނީ ތޯ

  2. އ

    މީ ވެކްސިން ޖަހަން އައި ސަރުކާރެއްތަ؟ ﷲ ތަޢާލާ ލާދީނީ ބައިގަނޑުގެ ކިބައިން މި ގައުމު ރައްކާތެރިކުރައްވާށި. އާމީން

  3. ާަކަހެރުވަށް

    40 މަތި އެއީ ކަލޭމެން މިދުނިޔޭގައި ނެތްކަމަށް ނުވަތަ ތިބެން ނުޖެހޭ ނުވަތަ ތިބޭތަން ދެކެން ބޭނުން ނުވާބަޔަކީބާ.