ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހިމަބިއްސަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 12 އަށް އަރާފާއިވާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔަ ނަމަވެސް އަދި އެ ބަލި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިމަބިހި ހެރިކަމަށް ޝައްކު ކުރެވިގެން 173 މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި، އަދިވެސް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

"ހިމަބިހީގެ ހާލަތު ނާޒުކު. ބޮޑަށް މި ބަލި މި ފެތުރެނީ މާލެ ސަރަހައްދުގައި. ބަލި އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އަދި އެޗްޕީއޭ އިން ވިދާޅުވީ، ބަލިޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމާތު ދިނުމާއި އިތުުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ހާމަކޮށް، ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ބަލި ރާއްޖެއިން އަނެއްކާވެސް ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

މި ބަލި ‏‎ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްގެންނެވެ.