ރަށްރަށުގައި ހިންގަމުން އަންނަ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 58 ކޯޓެއް ހިންގަމުން ދަނީ ކައުންސިލް އިދަރާތެރޭގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި ވަރަށް ދަތިކޮށް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.

މާލޭގެ ކޯޓުތަަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ގާއިމްކުރުމަށް ނިންމާފައިވާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ޖާގައިގެ ދަތިކަން ހަމައެކަނި ތަހައްމަލު ކުރަމުން ދަނީ މާލޭ ކޯޓުތަކުން ނޫންކަމަށާއި، ޑީޖޭއޭގެ ތަފާތު ހިސާބުތަކަށް ބަލާއިރު އަތޮޅުތެރޭ ރަށްރަށުގައި ހިންގަމުން އަންނަ ކޯޓުތަކުގެ ތެރެއިން 58 ކޯޓެއް ހިންގަމުން ދަނީ ކައުންސިލް އިދާރާގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.

"މިހާރު ބެލިބެލުމުން 58 ރަށެއްގެ ކޯޓުތައް ހިންގަނީ ކައުންސިލް އިދާރާގެ ތެރޭގައި ހުންނަ ކުޑަ ކޮޓަރިއެއްގައި. ހުރިހާ މައްސަލަތަކެއް މި ބަލަނީ އެފަދަ ދަތި ތަންތަންކޮޅުގައި. އެހެން ކަމުން އަޅުގަނޑުމެން މި ބަލަނީ އެމައްސަލަތައް ހައްލުކޮށް ރަށްރަށުގެ މެޖިސްޓްރޭޓްތައް ހިންގުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް" ނަޒީރު ވިދާޅުވިއެވެ.

އަދި މިއީ މިކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެރަށްރަށުގައި މެޖިސްްރޭޓް ކޯޓުތައް ގާއިމްކޮށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީރު ވަނީ ކޯޓުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން ނަޒީރު ވަނީ ކުރިއަށް އޮތް ތަނުގައި ގާއިމް ކުރާ ކޯޓުތައް ގާއިމް ކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފައްތައިގެން ކަަމަށާއި، ކޯޓުތަކުގެ ޖާގަ ތަނަވަސް ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ޖާގައިގެ ދަތިކަން ހައްލުވުމާއި އެކު އަވަސްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ވަނީ ހުޅުމާލޭގައި ހަތަރު އިމާރާތުގެ ކޯޓު ކޮމްޕްލެކްސް ގާއިމްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ކޮންމެ އިމާރާތަކަށް ހޭދަވާނެ ކަމަށް ޑީޖޭއޭ އިން ލަފާކޮށްފައި ވަނީ 48 މިލިއަން ރުފިޔާއެވެ.

މިތަންތަން ގާއިމް ކުރުމާއި އެކު ގިނަ ކޯޓުތަކެއް އެތަނަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.