ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުން ކުށްވެރި ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ލާޒިމު ކަމެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.

އީޔޫގެ ހުށަހެޅުން ކުށްވެރިކޮށް އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ސާފުބަހުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް ބަޔާންކޮށް ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށް އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނީ މައިގަނޑު މަސްދަރު ކަމަށް ބަޔާންކޮށް ރާއްޖޭގެ އިސްލާމްދީނުގެ އަސްލަކާއި ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސޮއިކުރެވި ބައިވެރިވެފައިވާ ޖަމާއަތްތަކުން ނުވަތަ ގައުމަކުން ވިޔަސް ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގެ ވަރުގަދަ އަގީދާއެއްގެ ގޮތުގައި ބިންވަޅު ނެގިފައިވާ މާތްވެގެންދާ އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންތައްތައް ކުރުމަށް ގޮވާލާ އަންގާ އަދި އިލްތިމާސް ކުރުމުގެ ހައްގު ލިބިގެންވާ އެއްވެސް ޖަމާއަތެއް ނުވަތަ ގައުމެއް އޮވެގެން ނުވާނެ ކަމަށް އެމްޑީއޭ އިން ބުނެއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކޮށްފައިވާ މާތްވެގެންވާ އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންތައް ކުރުމަށް ދިވެހި ދައުލަތަށް ލަފާދީ ގޮވާލާ ގޮވާލުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމުރު ކުރާ ފަރާތްތަކާއެކު ވެފައިވާ މުއާހަދާތައް ބާތިލުކޮށް އެފަދަ ފަރާތްތަކުން ވަކިވެވެން އޮތް ގޮތަކަށް ވަކިވާންޖެހޭނެ ކަމަށް ދެކެމެވެ" އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ އަކީ ޣައިރު މުސްލިމުންނަށް ވެސް އިހުތިރާމުކުރާ ގައުމަކަށް ވީހިނދު ރާއްޖޭގެ ރައްޔިތުންނަކީ ސައްތައިންސައްތަ ބައެއްކަމުގައި ދެކެ ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމުގައި ބަލައިގަނެ އެ ދީނަށް އިހުތިރާމް ކުރުމަށް ހުރިހާ ގައުމުތަކަށް މި ބަޔާނުގައި އެމްޑީއޭ އިން ވަނީ ގޮވާލާފައެވެ.

އަދި ރާއްޖޭގައި އޮތް މާތްވެގެންދާ އިސްލާމްދީނުގެ ހައްގުގައި އީޔޫގެ ބަސް ކުށްވެރި ކުރުމަކީ މުސްލިމު ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް އެމްޑީއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައިންޓީ

    ދޭތެރެ ދޭތެރެއިން އީޔޫ ގެ ވަފްދެއް ރާއްޖެ އަންނަނީ ކަންކަން ރަނގަޅު ކުރާކަށްނޫން. ހަމަ ނުޖެހުން އުފެދިފަ އޮތް އެކިފަރާތްތަކާ ބައްދަލްކޮށް ވާހަކަތައް އަޑުއަހާފަ ގޮސް ދެން ނެރޭ ރިޕޯޓެއް ނެރެނީ ހަމަނުޖެހުން އިތުރަށް ގޯސްވާގޮތަށް. ނުރުހުމާ ކޯޅުން ބޮޑުވާގޮތަށް. އީޔޫ ބޭނުންވަނީ އީޔޫ އެދޭގޮތަށް ރާއްޖެ ބަދަލްވުން. ދިވެހި އިދިކޮޅުފަރާތްތައް ގަބޫލްކުރިޔަސް ނުކުރިޔަސް އީޔޫގެ އެ ވާހަކަ ތައް ކަމަކުނުދޭ. އޯޔޫއަކީ ސުލްޙަޔަށް އެދޭބައެއްނޫން. އިދިކޮޅު މީހުނާއެކު މުޅިރާއްޖެ ފިތުނަ ކޮށްލުން އީޔޫގެ ވިސްނުމަކީ. އީޔޫއަށް ހަލާކުހުރި

  2. ރިޒާ

    ބެންކޮކަށް ގޮސް ފައިސާ ޚަރަދު ކޮށް އަންހެނުން ހޯދައި ޒިނޭކުރުމުގެ ވާހަކަ އެންމެނުކުމެ އެވާހަކަ ދައްކާންވެސްވީ