ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން އެ ކުންފުންޏަށް ދިނީ 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ނޫން ކަމަށާއި އެ އަދަދު އެ އަށް ވުރެ އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫމަޑިއަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުންނެވެ. އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދޭން ރައީސް ޞާލިހްގެ ސަރުކާރުން އެއްބަސްވެ މިހާރު އެފައިސާ ވަނީ އެކުންފުންޏާއި ހަވާލުވެސް ކޮށްފައެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދިނުމުގެ އިތުރުން، ހުޅުމާލޭގައި ސިފައިންގެ ފްލެޓް އިމާރާތް ކުރަން ސިފްކޯ އިން ނޫމަޑި އަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން ސިފްކޯ އަށް އަނބުރާ ލިބެންޖެހޭ 92 މިލިއަން ރުފިޔާ ވެސް ނޫމަޑިން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ސިފްކޯ އަށް އަނބުރާ ލިބެންޖެހޭ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ސިފްކޯގެ މަޝްރޫއު އާއި ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި އުޝާމް ވިދާޅުވިއެވެ.

ސިފްކޯއަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ނޫމަޑިއަށް އެންގުމުން ނޫމަޑިއަށް ހަޤީޤަތުގައި ލިބުނު ފައިސާގެ އަދަދު 941 މިލިއަން ރުފިޔާއަށް އަރާނެއެވެ.

ނޫމަޑިއަށް މިސަރުކާރުން ފައިސާ ދެއްކުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނޫމަޑި އަކީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ގުޅުން އޮންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯދީ

    މިޒަމާނުގައި "ވައްކަން" ކުރަނީ ގާނޫނުގެ ތެރެއިން އެއްމެނަށް އެގިގެން! ދެން އަނެއްކާ އަނެއް ރައީސުމީހާ ޖަލަށްދާންޖެހޭގޮތް މިވަނީ!

    10
  2. ކިބުލެއް

    ބަލަ މީ އެބުނާ ޒީރޯ ޓޮލެރެންސް އަކީ.

    23
  3. ހަލީމު

    އަސްތާ މިފައްކާގޮތެއް ލާރިހޯދަން

  4. ސިކަންދަރު

    ނަންވާނީ އެމްއެމްޕީއާރސީ ތީހުސްޕީގެ ދަށުން ހިންގާ ޖަރީމާ

  5. ކަހެރު

    ދެން މިމީހުން ވެއްޖެނު ޤައުމުދަރުވާނުލާ އިސްތިޢުފާދޭން

  6. ޣޯސް

    ބަދަލުވަގުން