ކުންފުންޏަކަށް ލިބޭ ފައިސާ އިތުރުވުމަކީ ފައިދާވުމެއް ނޫން ކަމަށާއި ކުންފުންޏަކަށް ފައިދާއެއް ވާނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުފަލުން ތިބުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރަށްވެހި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން 3000 ގަސް އިންދުމަށް ބޭއްވި ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި އާޒިމް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުން ކުރާ މަސައްކަތަކީ އެހެނިހެން ކުންފުނިތަކުގެ މަސައްކަތްތަކާ އަޅާ ބަލާއިރު، ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ، އެ ކުންފުނީގެ މުވައްޒަފުން އެގޮތުގައި ދެމިތިބުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އާޒިމް ވަނީ ސްޓެލްކޯގެ މުވައްޒަފުންނާ މެދު އަމަލުކޮށް ދެއްވުމަށް އެ ކުންފުނީގެ ވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ސްޓެލްކޯ އިިން މިއަދު ތިލަފުށީގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ގަސް އިންދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތަކީ ފެހި ވެއްޓެއް ގާއިމްކުރުމަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މިއަދަކީ ލޯބީގެ ދުވަހެއް. މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މަސައްކަތް ކުރިއަށް ގެންދާތީ ވަރަށް އުފާވޭ." އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި ކަރަންޓް ބޭނުންކޮށްގެން ބޮތްކެއް ދިއްލިތާ 70 އަހަރުވެފައި ވަނިކޮށް، ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަން ސްޓެލްކޯއިން މިހާރު ވިސްނާފައިވާ ކަމަށާއި އެއީ ތިމާވެއްޓަށް ވިސްނާފައި ސްޓެލްކޯއިން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ މުގުނީ ވާހަކަދައްކަވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލްު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

" މި ޕްރޮގްރާމް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔަ. ފޯރިގަދަ ކުރަން ވެގެން އަޅުގަނޑުމެން މިގެންދަނީ ކޮމްޕެޓިޝަނެއް ގޮތަށް." މުޣުނީ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ރަށްފެހި"ގެ ނަމުގައި ރާއްޖެ ފެހި ކުރުމުގެ ޕްރޮގްރާމެއް ފެއްޓެވީ ޑިސެމްބަރު 15، 2018ގައެވެ.

ސްޓެލްކޯގެ 35 ޕަވާ ހައުސްގައި އެއް ފަހަރާ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އެންމެ ގިނަ ގަސް އިންދި އައުޓްލެޓާއި، އެންމެ ތަފާތު ގަހާއި އެންމެ ރީތި ގަސް، އަދި އެންމެ ރަނގަޅަށް ގަސް ބަލަަހައްޓާ މުވައްޒަފުންނަށް އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު މި ޕްރޮގްރާމްގައި ކޮންމެ މުވައްޒަފަކު ދެ ގަސް އިންދިއެވެ. މިދިޔަ އަަހަރު 2000 އަށް ވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ.

މި އަހަރު ކޮންމެ މުވައްޒަފަކަށް ތިން ގަސް އިންދަން ވަނީ ހަމަޖެހިފައެވެ. އެއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 3000 އަށް ވުރެ ގިނަ ގަހެވެ. މި ޕްރޮގްރާމްގެ ދަށުން މިފަހަރު އެންމެ ފުރަތަމަ ގަސް އިންދަން ފެށީ ކ. ތިލަފުށީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބެއްޔާ

  ރައްޔިތުންނަށް އިހުމާލުވާނަމަ ކައުންސިލް އިންތިޚާބަަށް އަސަރުކުރާނެ. މިހާރުވެސް މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން ނުދޭ. ވައްކަންކުރި ސަރުކާރުން އެކުރިއެރުން ބަރާބަރަށް ދެމުންގެންދިޔަ. ވައްކަންނުކުރާ ސަރުކާރުން އެބައި ފޭރިގެންފި.

  13
 2. ދައްތަ

  މިހާރު މި ސަރުކާރުއައިފަހުން މުއައްޒަފުނަށް ލިބޭއުފަލެއް ޙަރާން ކޮންމެ ތަނަކުން މުއަށްޒަފުން ކަނޑައި ހުސްކޮށް ބޭނުން ބަޔަކު ވައްދަނީ މުސާރަދެނީ މަޖިލީހުގެ މެންބަރުންނާ މިނިސްޓަރުންނާ ސްޓޭޓްމިނިސްޓަރުންނަށް އެކަނި

  14
 3. މުހައްމަދު ނިޔާޒު

  ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ފައިސާދޭން ނިންމުމަކީ ކޮންގޮތަކުން ފައިދާހުރިކަމެއްތޯ؟
  ކުންފުނީގެ މުވައްޒަފުންގެ އަތުން ނަގާ ފައިސާ ހަމަ އެމުވައްޒަފުންނަށް ދިނުމުން އެޖެހެނީ ކޮންތާކުތޯ؟ މުވައްޒަފުންނަށްވެސް ދިވެހި ރައްޔިތުންނަށްވެސް އެންމެ ފައިދާވާނެ ގޮތަކީ ކަރަން ބިލް ވީހާވެސް އަގު ހެޔޮ ކުރުން ނޫންތޯ؟ ވެރިންނަށް ހަމަ ނުވިސްނެނީތޯ؟ ނޫނީ ރައްޔިތުންނަށް ހެވާލާބައަށް ކަމެއްކުރަން ބޭނުން ނުވަނީތޯ؟

  11
 4. އަލަކަ

  މިދިޔަ އަހަރު އިންދި ގަސްތައް ކޮބައިތޯ؟ އެތަނުން މިހާރު މަރުނުވެހުރީ ކިތައްގަސްތޯ؟ ފޫނެތްފަޔަށް ފެންފުރިއަކަސް ކަމަކު ނުދާނެ. އޭރުން ދާނީ ހުސް ޚަރަދު.

 5. ދަންނަ

  ކޮބައިބާ ވައްކަން ނުކުރާ ދަރުކާރެއް އެކި މީހުން ވައްކަން ކުރާނީ އެކި ގޮތަށް ކޮންމެ ގޮތަކަށް ކުރިނަމަވެސް ވައްކަން ވާނީ ވައްކަމަކަށް އަދި ދޮގު ވާނީ ދޮގަށް މިހާރު މިއޮތް ސަނުކާރަކީ ކޮންމެ ކަމެއްވެސް ހައްދު ފަހަނަ އަޅައި ގޮސްފައިވާ ސަރުކަރެއް އެއީ ކޮންމެ ރޮނގަކުން ބެލިނަމަވެސް މިޘާލަކަށް ވައްކަން، ފޭރުން، ޓެކުން، ދޮގުހެދުން، މަކަރާ ހީލަތްހެދުން، ލާދީނަށް ހިތްވަރުދިނުން، އަނިޔާވެރިވުން، މުވައްޒަފުންނަށް ޙަރާމްކޯރުވުން މިފަދަ ކިތައްކިތައްމެ ކަމެއް ކުރުމަށް ފަސްނުޖެހޭ ނުބައިނުލަފާ ޙާއިނެއް މިހާރު މިގައުމުގަ ވެރިކަންމިކުރަނީ