ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހާއި ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 2.4 ބިލިއަން ރުފިޔާ ލިބިފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އާމްދަނީއާ ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 2.4 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބަޖެޓް ސާޕްލަސްގެ ގޮތުގައި، 772.7 މިލިއަން ރުފިޔާ ބާކީވެފައިވެއެވެ.

ދައުލަތުން 1.6 ބިލިއަން ރުފިޔާ އަހަރުގެ ފުރަތަމަ މަހާއި އަދި ދެވަނަ މަހުގެ ދުވަސްކޮޅެއްގެ ތެރޭގައި ހަރަދު ކޮށްފައިވާއިރު 2019ވަނަ އަހަރު މި މުއްދަތާއި އަޅާ ބަލާއިރު ކޮށްފައިވާ ހަރަދު 20 ޕަސެންޓު ވަނީ ދައްކޮށްފައެވެ. އެއީ ގާތްގަނޑަކަށް 428.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރަމުންދާތީ ދައުލަތުގެ ހަރަދު ކުޑަ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަންގަވާފައެވެ. މި އެންގުމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ އޮފީސްތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

އެ ސާކިއުލާއެއްގައި ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަ ފިޔަވަޅެއް އަޅަން ވަނީ އަންގައިފައެވެ. އެގޮތުން ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ކުންފުނީގެ އިދާރީ އޮނގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށްވެސް އެއްވެސް ބަދަލެއް ނުގެންނަން ވަނީ އަންގައިފައެވެ.

ހަމަ އެއާއެކު ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު ނުދޭ އެއްވެސް އެލަވަންސެއް މި އަހަރު ތެރޭގައި އަލަށް ދޭން ނުފަށަންވެސް ވަނީ އަންގައިފައެވެ.

ކުންފުނީގެ ހަރަދުގައި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި އަދި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކުންފުނިތަކުގެ އިސްވެރިންގެ ދަތުރުފަތުރުތައް ހަމަޖެއްސުމުގެ އުސޫލަށް އަމަލުކުރުމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އަދި މި އަހަރު ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫނީ ނުކުރުމަށާއި ކާޕެޓް ބަދަލު ކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ހަރަދު ކުޑަ ކުރުން ވެސް ހިމެނެއެވެ.

ފިނޭންސުން ވަނީ، ގައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްގެން ފާހަގަނުކުރުމަށާއި، ކުންފުނީގެ އަހަރީ ދުވަސްވެސް ފާހަގަ ނުކުރުމަށާއި ފޯނާއި އިންޓަނެޓާއި ފެން އަދި މިނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ވީހާވެސް ހަރަދު ކުޑަކޮށް ހަމަޖެއްސުމަށް އަންގާފައެވެ.

އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީތައް ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލާފައި ބެހެއްޓުމަށާއި އެތެރޭގެ މުއާމަލާތްތަކަށް ވީހާވެސް މަދުން ކަރުދާސް ބޭނުން ކުރުމަށާއި ކުންފުނިން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ހުރިހާ ކެޕިޓަލް ހަރަދެއް ހުއްޓާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޫރި

    ބުނަން ކުރުމަތީގައިއޮތް ވޯޓަށް ޚަރަދުކުރުމަށް ސިވިލް ސާވެންޓުން އަތުން ފައިސާ ދަމާނެކަމެއްނެތް ރައްޔިތުންގެ ފައިސާ ތަޅައި ބުރުވަނީ އަންނި ބުނިގޮތށް ވީ ދަޢުދު ފުނީގެ ބޭނުމެއްނެތް

    16
  2. އެމަންޖެ

    ކޮންކަމަކައްތަ ތިޔަ ފައިސާ ހަރަދު ކުރީ..އަދި ރަނގަޅައް ބެލީމަ އިނގޭނީ ކޭވަރު.