ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ހުޅުމާލެ އިން ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުރި މީހަކު ފޮށިގަނޑެއްގައި ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދުން ހައްޔަރު ކުރި މީހާ ބަލައި ފާސް ކުރި އިރު، އޭނާގެ އަތުން 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ބިދޭސީއެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.