މެލޭޝިއާ މަގުން އިންޑޮނޭޝިއާ އަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އެކަން ބަލަމުން އަންނަ ކަމަށް މިއަދު ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހަތަރު ދިވެހީން އިންޑޮނޭޝިއާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހައްޔަރު ކުރީ 46 އަހަރުގެ މީހަކާއި، 39 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެ ހަތަރު މީހުންވެސް އިއްޔެގެ ވަގުތެއި އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ނަމަވެސް މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިންޑޮނޭޝިއާ އަކީ ހަރުކަށި ދީނީ ފިކުރާއި ދެކޮޅަށް މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ. ހަރުކަށި ދީނީ ފިކުރު ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ އެހެން ގައުމުތަކުގެ މީހުން އިންޑޮނޭޝިއާ އިން ވަރަށް ގިނައިން ހައްޔަރު ކުރެއެވެ. ނަމަވެސް ހަތަރު ދިވެހިންގެ މައްޗަށް އިންޑޮނޭޝިއާގެ ރަސްމީ އިދާރާތަކުން ކުރަނީ އެފަދަ ތުހުމަތެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ޑީޕޯޓް ކުރީދޯ؟

    4
    2
  2. Anonymous

    ތިވާނީ އެސް އެސް ފިކުރުގެ މުހައްމަދު ހަސަން އާއި އޭނާގެ ބައިގަނޑު

    3
    6