2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާލޭގައި ހުންނަ "އޮރެންޖް ކައުންޓީ" ފިހާރައާއި އެ ފިހާރައިގެ ގުދަނުން އަދި މާލޭގައި ހުންނަ "ވޯޓަރ ގަރޑެން ކެފޭ" ތެރެއިން ފެނުނު 8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ 5 މީހުންނާއި ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ފުވައްމުލަކު މީހަކާއި ގއ.މާމެންދޫ މީހަކާއި ބ.އޭދަފުށީ މީހަކާއި ގއ.ގައްދޫ މީހެއްގެ އިތުރުން ގދ.ތިނަދޫ މީހެއްގެ މައްޗަށެވެ.

ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގެ 9 ވަނަ އަޑުއެހުމުގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ ފަސް މީހުންގެ މައްޗަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަސް މީހުން ހައްޔަރު ކުރި ސީންތަކަށް ހާޒިރުވި ފަސް ފުލުހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ، ފުލުހުން ހިންގި ހާއްޞަ އޮޕަރޭޝަނުގައި މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރު ތިބި ތަންތަން ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ފެނިފައިވާކަން ސާބިތު ކުރުމަށެވެ.

މީގެ ތެރެއިން ފުވައްމުލަކު މީހާގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި އޭނާ މަސައްކަތްކުރި އޮރެންޖް ކައުންޓީގެ މެނޭޖިން ޑިރެކްޓަރ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އެ ފިހާރައިގެ ގުދަނުން މަސްތުވާތަކެތި ފެނިފައިވާތީ، އެ ގުދަނަށް އެކްސެސް ލިބެނީ ކޮން ބަޔަކަށްކަން ބެލުމަށެވެ. އޭނާގެ މަށްޗަށް ދެން ހުށަހަޅާފައިވަނީ ފެނިފައިވާ މަސްތުވާތަކެތީގެ ފޮރެންސިކް ރިޕޯޓާއި، "އޮރެންޖު ކައުންޓީ" ގެ އެތެރެއާއި ބޭރުގެ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ސީޑީ އަދި ވީޑިއޯ އެންޑް އިމޭޖް ފުޓޭޖް އެނަލައިސިސް ރިޕޯޓެވެ.

ސިއްރު ހެއްކެއްގެ ގޮތުގައި "އޮރެންޖު ކައުންޓީ" ގެ އެތެރެއާއި ބޭރުގެ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ސީޑީ ހުށަހަޅާފައިވަނީ، ފިހާރައިގެ ސީސީޓީވީ ފުޓޭޖްއިން ފެންނަ މީހަކީ އޭނާ ކަން ސާބިތު ކުރުމަށާއި، ފިހާރައިގެ ކައުންޓަރުގައި ހުރެ އޭނާ މަސްތުވާތަކެތި ބަންދުކުރާކަމާއި، ބަންދުކުރި މަސްތުވާތަކެތި ކޮތަޅަކަށް ލުމަށްފަހު މި މައްސަލައިގައި ދައުވާ ލިބޭ ގދ. ތިނަދޫ މީހާއަށް ދޭކަން ސާބިތު ކުރުމަށްޓަކައެވެ. މީގެ އިތުރުން ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ސީޑީއިން އިތުރު ކަންކަންވެސް ދައުލަތުން ސާބިތުކުރަން ބޭނުންވެއެވެ. އޭގެ ތެރޭގައި އެ ކޮތަޅު ހިފައިގެން އޭނާ ފިހާރައިން ނިކުމެ، ފިހާރައިގެ ބޭރުގައި ހުރި، މި ދައުވާ ލިބޭ ގއ.ގައްދޫ މީހާއާއި އެކު އާއި ދެމީހުން މަޝްވަރާ ކުރަން ތިބިކަން ސާބިތުކުރުން ހިމެނެއެވެ.

މީގެ އިތުރުން ވޯޓަރ ގަރޑެން ކެފޭ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ އިތުރުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓް ދައުލަތުން ހުށަހަޅާފައިވަނީ މި ފަސް މީހުންވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވެފައިވާކަން ސާބިތުކުރުމަށެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ގއ.މާމެންދޫ މީހާ އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނެނީ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އޭނާ ހައްޔަރު ކޮށްފައިވާ ވޯޓަރ ގާޑެން ކެފޭގެ ތެރެއިން ފެނިފައިވާ މަސްތުވާތެކެތީގެ ފޮރެންސިކް ރިޕޯޓް އަދި އޭނާ ހައްޔަރު ކުރުމަށްފަހު ކުރި ކުޑަކަމުދާ ތަކެތީގެ ޓެސްޓުން ކެންބިސްއަށް ޕޮޒިޓިވް ވެފައިވާތީ އެ ޓެސްޓުގެ ނަތީޖާއެވެ.

ގއ.ގައްދޫ މީހާ އަދި ގދ.ތިނަދޫ މީހާ އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ "އޮރެންޖު ކައުންޓީ" ގެ އެތެރެއާއި ބޭރުގެ ސީސީޓީވީ ކެމެރާތަކުގެ ދެ ވީޑިއޯ ސީޑީއާއި، ވީޑިއޯ އެންޑް އިމޭޖް ފުޓޭޖް އެނަލައިސިސް ރިޕޯޓުގެ އިތުރުން އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާއެވެ. މި ވީޑިއޯއިން ދައުލަތުން ސާބިތުކުރުމަށް ބޭނުންވަނީ މި މައްސަލައިގެ ދައުވާ ލިބޭ ގއ. މާމެންދޫ މީހާ މަސްތުވާތަކެތި ހުރި ކޮތަޅު ހިފައިގެން އޮރެންޖް ކައުންޓީ ފިހާރައިން ނިކުމެ މަޝްވަރާ ކުރަނީ ގއ. ގައްދޫ މީހާއާއި ކަމެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ބ.އޭދަފުށީ މީހާ އާއި ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އޭނާ ހައްޔަރުކުރި ވޯޓަރ ގާޑެން ކެފޭއިން މަސްތުވާތަކެތި ފެނުނު ކޮތަޅުން ފެނިފައިވާ ބ. އޭދަފުށީ މީހާގެ ފިންގަރ ޕްރިންޓުގެ ތަހްލީލު ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާއެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން ހިފާ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުތަކާއި ބަލާ ފާސް ކުރުމަށް ނެރެފައިވާ އަމުރުތައް ހެކީގެ ގޮތުގައި ހުށަހަޅާފައި ވާނެކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރާ ފަސް މީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުން، ފުވައްމުލަކު މީހާ އަދި ގއ. މާމެންދޫ މީހާގެ ދިފާއީ ވަކީލު ވިދާޅުވީ، މި ދެ މީހުން ހިފާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަން އެނގިފައި ނުވާކަމަށާއި، އެފަދަ ލިޔުމެއް އަދި ގއ. މާމެންދޫ މީހާގެ ކުޑަކަމުދާ ތަކެތީގެ ޓެސްޓެއްގެ ލިޔުމެއްވެސް ލިބިފައި ނުވާކަމަށެވެ. މި ސުވާލުތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ފުވައްމުލަކު މީހާ ހިފާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ގއ. މާމެންދޫ މިހާ ހިފާ ހައްޔަރު ކުރުމަށާއި، ބަލާ ފާސް ކުރުމަށް އަމުރެއް ނެރެފައި ނުވާކަމަށާއި، އޭނާގެ ކުޑަކަމުދާ ތަކެތީގެ ރިޕޯޓް ދިފާއަށް ދޫކުރަން ކޯޓުގައި އެދިފައިވާނެކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ޖަވާބާއި ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ފުވައްމުލަކު މީހާ ހައްޔަރު ކުރުމަށް ނެރެފައިވާކަމަށް ބުނާ ކޯޓު އަމުރު ލިބިފައި ނުވާކަމަށާއި، ދައުލަތުން ބުނާ ގއ. މާމެންދޫ މީހާ ވޯޓާ ގާޑެން ކެފޭ ތެރެއިން ހިފާ ހައްޔަރު ކުރި ކްރައިމް ސީން ރިޕޯޓުވެސް ލިބިފައި ނުވާ ކަމަށެވެ. އެއާއެކު ދައުލަތުގެ ވަކީލާ ވިދާޅުވީ، ކެފޭ ތެރެއިން ހިފާ ހައްޔަރު ކުރި ކްރައިމް ސީން ރިޕޯޓުވެސް ނެތް ކަމަށެވެ.

ދައުލަތުގެ ޖަވާބާއި އެކު ދިފާޢީ ވަކީލު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށާއި، އިންޓެލިޖެންސް ރިޕޯޓުތަކާއި ފިހާރައިގެ ސީސީޓީވީ ފުޓޭޖަކީ މި މައްސަލައިގައި ދިފާއު ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ތަކެތި ކަމަށްވާއިރު އެ ތަކެތި ދިފާއަށް ލިބެންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، އިންޓެލިޖެންސް ރިޕޯޓުތައް ދިފާއަށް ހާމަކުރެވެން ނެތް ކަމަށާއި، ފިހާރައިގެ ވީޑިއޯ ފުޓޭޖް ކޯޓު ތެރޭގައި ދިފާއުން ބެލުމާއި މެދު އިއުތިރާޒު ނުކުރައްވާކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓް ކޯޓަށް ހުށަހަޅާފައިވަނީ ހަމައެކަނި އެ ރިޕޯޓްގެ މައްޗަށް ކުށް ސާބިތުކުރަން ނޫންކަމަށާއި ވަށައިގެންވާ ކަންކަން ހާމަކުރަން ކަމަށެވެ.

މި މައްސަލައިގައި ދައުވާލިބޭ ބ. އޭދަފުށީ މީހާއާއި، ގއ. ގައްދޫ މީހާ އަދި ގއ. މާމެންދޫ މީހާގެ ދިފާއީ ވަކީލުވެސް ވަނީ މި ދައުވާއާއި ގުޅިގެން ގިނަ ކަންކަމާމެދު ސުވާލު އުފައްދާފައެވެ. އޭނާ ދިވާޅުވީ ދައުލަތުގެ ދައުވާގައި ދިވެހިރާއްޖޭގެ ޤާނޫނު ނުދަންނަ އެތައް ކަމެއް އެބަހުރި ކަމަށާއި، މިގޮތަށް ހުކުމާ ހަމައަށް ގޮސްފިނަމަ މުވައްކިލުންގެ ހައްޤުތަކެއް ގެއްލިގެންދާނެކަމަށެވެ.

މި ތިން މީހުންގެ ދިފާއުގައި ދިފާޢީ ވަކީލު ވިދާޅުވީ، މި މީހުން ހައްޔަރު ކުރުމަށް ފުލުހުން ވޯޓަރ ގާޑެން ކެފޭ ތެރެއަށް ވަދެފައިވަނީ ކޯޓު އަމުރެއް އޮވެގެންކަން ދައުލަތަށް ހާމަކުރެވިފައި ނުވާއިރު ޤަބޫލު ކުރައްވަނީ ފުލުހުން އެ ކެފޭ ތެރެއަށް ވަދެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށާއި، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ޗެއިން އޮފް ކަސްޓަޑީވެސް ނެތް ކަމަށެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ މި ތިން މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓާއި، "އޮރެންޖު ކައުންޓީ"ގެ އެތެރެއާއި ބޭރުގެ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ސީޑީ އަދި ވީޑިއޯ އެންޑް އިމޭޖް ފުޓޭޖް އެނަލައިސިސް ރިޕޯޓު ސިއްރު ކޮށްފައިވާ މައްސަލައެވެ. އޭނާ ވިދާޅުވީ، ކޯޓު އަމުރެއް ނެތި ހެކިތަކެއް ސިއްރު ކޮށްފައިވާއިރު، ކުޑަމިނުން ސިއްރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުންކަންވެސް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ. އަދި އެފަދަ އަމުރެއް ނެތި ހެކި ސިއްރު ކުރުމުން މުވައްކިލުގެ ހައްޤުތަކެއް ގެއްލިގެންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ޤާނޫނީ ބޮޑު މައްސަލައެއް ދިފާޢީ އޭނާ ވަނީ ފާހަގަކުރައްވާއެވެ. އެގޮތުން ބ. އޭދަފުށި މީހާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ތަހްޤީގު ކުރުމެއްވެސް ނެތިކަމަށާއި، އެއީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، މީގެ ކުރިން އަމަލު ކުރަމުންއައި ޝަރީއަތް ކުރުމުގެ ގަވާއިދާވެސް ހިލާފު ކަމެއްކަމަށް ދިފާޢީ ވަކީލް ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރި މައްސަލައާއި ގުޅިގެން ދައުލަތުގެ ވަކީލާ ވަނީ ބ. އޭދަފުށި މީހާގެ މައްޗަށް ފުލުހުން ތަހްޤީގެއް ހިންގާފައި ނުވާކަމަށް އިއުތިރާފް ވެވަޑައިގެންފައެވެ. ނަމަވެސް ތަހްޤާގަށް ބަޔާނެއް ނަގަން އޭނާ ކައިރިއަށް ދެ ފުލުހަކު ދިޔަ ކަމަށާއި ބަޔާންދޭން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ބުނުމުން ބަޔާން ނުނަގާ ވާކަމަށްވެސް ދައުލަތުން ޝަރީއަތުގައި ވިދާޅުވިއެވެ. މިކަމާއި ގުޅުގެން ދިފާޢީ ވަކީލް ވިދާޅުވީ އެއީ މުވައްކިލަށް ލިބިގެންވާ ހައްޤެއް ކަމަށާއި ތަހްޤީގު ނުކޮށް މިގޮތަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ދައުލަތާއި ދައުވާލިބޭ ފަސް މީހުންގެ ދެމެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވުނު ނަމަވެސް ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި، ދިފާއުން ހެކި ހާމަކުރުމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ކަމަށްވާ މުޙައްމަދު ބ. އޭދަފުށީ މީހާއާއި، ގއ. ގައްދޫ މީހާގެ އިތުރުން ގދ. ތިނަދޫ މީހާގެ ދިފާއުގައި ހުށަހަޅާފައިވަނީ ދެ ހެކިވެރިންނެވެ. ދިފާއުގައި ވަކީލު ވިދާޅުވީ، އެ ދެ ހެކިވެރިންނަކީ ބ. އޭދަފުށީ މީހާ ހެދިކާ ގަންނަން ވޯޓަރ ގާޑެން ކެފޭއަށް ދިޔައިރު ގެންދިޔަ ކޮތަޅު އެ ކެފޭގައި ބަހައްޓާފައި އައިކަމާއި، އެ ކެފޭ ތެރެއިން މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތިކަން ސާބިތު ކުރުމަށްޓަކައި ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފުވައްމުލަކު މީހާއާއި، ގއ. މާމެންދޫ މީހާގެ ދިފާއުގައި ގިނަ ހެކިވެރިންތަކެއް ހުށަހަޅާފައިވެއެވެ. ފުވައްމުލަކު މީހާގެ ދިފާއިގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އޭނާ މަސައްކަތް ކުރި "އޮރެންޖު ކައުންޓީ" ފިހާރައިގެ 6 މުޒައްފުންނާއި، އޭނާ މަސައްކަތްކުރި ތަނުގެ 5 ވެރިންނެވެ. މި މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އެ ފިހާރައިގެ ގުދަނުގައި ހުންނާނީ ކޮން އެއްޗެއްސެއްތޯ އަދި އެ ގުދަނަށް އެކްސެސް ލިބެނީ ކޮން ބަޔަކަށްކަން ސާބިތު ކުރުމަށެވެ. އަދި ގއ. މާމެންދޫ މީހާގެ ދިފާއުގައި އޭނާ ހައްޔަރު ކުރި ވޯޓަރ ގާޑެން ކެފޭގައި ހުރި 3 މީހަކު ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެ ތިން މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އޭނާ ކެފޭ ތެރެއަށް ވަތް ތަނާހެން އޭނާ ހައްޔަރު ކުރިކަން ސާބިތު ކުރުމަށެވެ.

މި ދެމީހުންގެ ދިފާއުގައި ދިފާއީ ވަކީލު ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ބާކީ ތިބި ހަތަރު މީހުންވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.

8 ކިލޯގެ މަސްތުވާތަކެތީގެ މި މައްސަލައިގައި ދައުލަތާއި، ދައުވާ ލިބޭ ފަސް މީހުންގެ ފަރާތުން ހެކިން ހުށަހަޅާ ނިމުމުން މައްސަލަ ބައްލަވާ ގާޒީ ނިންމެނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ކަމަށާއި، މި މައްސަލައިގައި ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާ

    ސާބިތެއް ނުވާނެ. ތިޔަ 5 މީހުންނަކީ ސިޔަާސީ މީހުން ނަމަ 1 ދުވަހުން ނިމުނިސް