ރޭ މާލެގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމް އޭ އިން ބުނީ، އެހާދިސާ އާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން އެ ވަގުތުން ފެށިގެން ފޯރުކޮށްދެވިފައިވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވާ ގޮތުގައި ރޭ އަލިފާން ރޯވެފައި ވަނީ ގ.ޕުޔާ ސައިޑް ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާ އިންނެވެ. އަދި މި އަލިފާން ގަނޑު ވަނީ ފެތުރުމުގެ ކުރިން ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއްނުވެއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުގައި މާލޭގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށް ފެހި މަގުގައެވެ. އެ ހާދިސާގައި ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.