ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅިޤައުމުވެސް ފަޚުރުވެރިވާފަދަ ކަންތައްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތަޢުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާ ކަމަށެވެ.

ޚާއްޞަގޮތެއްގައި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ޙާޞިލުކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަޚުރުވެރިވާން ޖެހޭކަމެއްކަން ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ، ސްކޫލު ދައުރުގެ ހަނދާންތައް އައު ކުރައްވަމުން މިހާރުގެ ސްކޫލުދަރިވަރުންނަށް ވަނީ ނަޞޭހަތްތަކެއް ދެއްވާފައެވެ.

އެގޮތުން ކުދިކުދި ކަންކަންވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތްކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިޚްތިރާމު އަދާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ސްކޫލުގެ އަހަރީދުވަސްފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިޙްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މި ޖަލްސާގައި އެ ސްކޫލުގެ އިސްމަޤާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައި ވަނީ ނައިބު ރައީސް ފައިޞަލް ނަޞީމެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.