ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން އެ ކުންފުންޏަށް ދިނީ 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ނޫން ކަމަށް ބުނެ، ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ސަރުކާރުން އޮޅުވާލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ނޫމަޑިއަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުންނެވެ. އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދޭން ރައީސް ޞާލިހްގެ ސަރުކާރުން އެއްބަސްވެ މިހާރު އެފައިސާ ވަނީ އެކުންފުންޏާއި ހަވާލުވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސެޓްލްމެންޓް އެގްރީމެންޓްގައި ފައިސާ ދޭން ބުނި މުއްދަތުގެ ކުރިން ނޫމަޑިއަށް ފައިސާ ދީފައިވާތީ އޭނާ ވަނީ އެކަމާއި މެދު ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑުމެން ހިސާބު ޖެހި އިރުގައި ސިފްކޯއިން އަޕްފްރަންޓްކޮށް ނޫމަޑިއަށް ދައްކާފައި އޮތް 92 މިލިއަން ރުފިޔާ. އެއީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު. އެހެންވީމަ މިދޭތި އެއްކޮށްލީމަ 61 މިލިއަން ޑޮލަރު ނޫމަޑިއަށް ދީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދަ ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، ސަރުކާރުން ނޫމަޑި ކުންފުންޏަށް ދިނީ 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ނޫން ކަމަށާއި އެ އަދަދު އެ އަށް ވުރެ އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނޫމަޑި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީއިން ގޮތެއް ނިންމުމުގެ ކުރިން، އާބިޓްރޭޝަންގައި ދިވެހި ސަރުކާރުގެ ފަރާތުން ވަކާލާތު ކުރި ސިންގަޕޫރުގެ ކުންފުނިން ދެ ފަހަރެއްގެ މަތިން ޤާނޫނީ ލަފާހޯދާފައިވާނެ ކަމަށާ، ނޫމަޑި އަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނީ ކުރީ ސަރުކާރުން ނޫމަޑި އެއްބަސްވުމާއި މެދު އަމަލުކޮށްފައިވާ ގޮތުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައެވެ.