ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން 550 ސްޓޫޑަންޓު ލޯން ދޫކުރުމަށް ނިންމާފައިވާކަމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން އިއުލާންކޮށްފިއެވެ.

މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ވާނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އެގޮތުން މީގެ ކުރިން އެންމެ ބޮޑު އެއްމައްސަލައަކަށް ދިމާވި ސެޓްފިކެޓުތަކުގައި އަސްލާއި އެއްގޮތަށް ތައްގަނޑު ޖެހުން މިފަހަރަކު ނުހިމަނާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ލޯނު ދޫކުރުމުގައި މުޅި ރާއްޖެތެރެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ގޮތުން، ލޯނު ދޫކުރާނީ ކޮންމެ މަޖިލީހުގެ ދާއިރާއަކަށް ނިސްބަތްވާ އެއްކުއްޖަކަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުން ފެށިގެން ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލޯނަށް އެދުމުގެ ސުންގަޑިއަކީ މާޗްމަހުގެ 9 ވަނަ ދުވަހެވެ. މިހާރު ލޯން ދޫކުރުމުގެ އުސޫލުތައް ވަނީ ގެޒެޓު ކުރެވިފައެވެ.

"އަޅުގަނޑުމެން މިހާރު އިއުލާންކޮށްފައި އެވާ އުސޫލުގެ ދަށުން ކުރިއާއި ހިލާފަށް ވަރަށް ގިނަ މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރަން. އެއްކަމަކަށް ލޯނު ދިނުމުގައި އިސްކަންދޭ ބައެއް ކަންކަމަށް މިވަނީ ބަދަލުތަކެއް އައިސްފައި. އަޅުގަނޑުމެން މިފަހަރު އިސްކަންދޭ ތަރުތީބުހައި އެންމެ މުހިންމު އެއް ކަމަކަށް މިއޮތީ، މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިބްރާހިމް ވިދާޅުވީ ލޯނު ދިނުމުގައި އެންމެ ބޮޑަށް މިފަހަރު އިސްކަން ދިނުމަށް ނިންމާފައި ވަނީ، މާލީ ފުދުންތެރިކަން ނެތް މީހުންނަށް ކަަމަށެވެ. އެގޮތުން ލޯނަށް އެދޭ ކުދިންގެ ތެރެއިން، ޝަރުތުހަމަވާ އެންމެ މާލީ ތަނަވަސްކަމެއް ނެތް ކުދިންނަށް ލޯނު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލޯންސްކީމްގެ ދަށުން 67 ދާއިރާއަކުން ކިޔެވުމަށް ވަނީ ހުޅުވާލައިފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ ދާއިރާތައް ކަނޑައަޅައިފައިވާނީ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ އާއި އެކު ކަމަށެވެ.

އަދި ކޮންމެ މަޖިލިސް ދާއިރާއަކަށް އެއް ލޯނު ދޭ އުސޫލުގެ ދަށުން ލޯނު ދޫކުރަން ނިންމުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ކޮންމެ އަތޮޅަކަށް، ކޮންމެ ދާއިރާއަކަށް އުނިނުވެ ލޯނު ލިބިގެން ދާނޭ ކަަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ އެއް ދަރިވަރަކަށް ލޯނު ލިބިގެންދާނެ" މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    ކޮބަފުރަތަމަ ޑިގްރީގެ ފައިސާ ދައްކާނިމުނީތަ ؟

  2. ކާފަބޭ2020

    ކޮޅުދޮށިންގޮދާބާނާހެން ވޯޓުކައިރިވާތީހާދައެމެކޭ ތިޔައުކަނީ! ގުނބޯތައް "ފުއްޕިހަކުރުކާން"އަވަހަށް އާދޭ! ކުނިހިކަނދިވެސް ރޯސްކުކުޅަށްވުރެ މިހާރު މީރުވާދުވަސް އަންނަނީތޯ؟