މިދިޔަ ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމާއި ބެހޭ ފަރާތްތައް މެދުވެރިކޮށް ބަލަން، ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން އެގޮތަށް ނިންމާފައި ވަނީ، އެމްއައިޓީޑީސީ ގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭ ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެެ.

މިއަދު ރައްޔިތުންގެ މަޖިލީހުން، އެ ރިޕޯޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ވޯޓްގައި ބައިވެރިވަޑައި ނުގަންނަވާ އެއް މެމްބަރަކު އިންނެވިއެވެ.

އެ ރިޕޯޓް އެސްއޯއީ ކޮމިޓީއަށް ހުށަހެޅީ ފެބްރުއަރީ 9 ގައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ މަސައްކަތް ދިރަސާކުރެއްވުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންނާއި އެސްއޯއީ ކޮމިޓީގެ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަބު ބައްދަލުކުރައްވާފައެވެ.

އެމްއައިޓީޑީސީގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭ ރިޕޯޓު ހުށަހަޅާފައިވަނީ އެ ބައްދަލުވުމުގައެވެ.

މި ރިޕޯޓާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި އެސްއޮއީ ކޮމިޓީއިން ވަނީ ބައްދަލުކޮށްފައެވެ.

އެމްއައިޓީޑީސީއާއި އެކު ބޭއްވި ބައްދަލުވުމަށްފަހު މިދިޔަ ސަރުކާރުން އެމްއައިޓީޑީސީ މެދުވެރިކޮށް ހިންގާފައިވާ ކަންކަން ބެލުމަށް ކަމާއި، ބެހޭ މުއައްސަސާތައް މެދުވެރިވެގެން މަސައްކަތް ކުރުމަށް އެސްއޯއީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމިއެވެ.

އަދި ކުންފުނީގެ ހިންގުން ހަރުދަނަ ކުރުމަށް ކޯޕަރޭޓް ގަވަނަންސް ކޯޑެއް އެކުލަވާލާ އެ ކޯޑި ތަންފީޒް ކުރަން ފެށުމާއި، އެ ކޯޑާއި ގުޅިގެން އެ ކުންފުނީގެ އިންޓަރނަލް ކޮންޓްރޯސް ހަރުދަނާކުރުމަށް އަޅަންޖެހެ ފިޔަވަޅުތައް އެޅުމަށާއި، އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ފުރުސަތު އެ ކުންފުންޏަށް ދިނުމަށް އެސްއޯއީ ކޮމިޓީން ނިންމިއެވެ.

މީގެ އިތުރުން އެމްއައިޓީޑީސީން ސަރުކާރުގެ ތައީދާއި ރުހުން ހޯދުމަށް ސީއެސްއާރުގެ ހަރަކާތްތައް ހިންގުމަށް ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަން ކެންސަލްކުރުމަށާއި، އެމްއައިޓީޑީސީއަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ލިބުނު ކުރިއެރުން، އަދި ކުރިމަގުގައި ލިބޭނެ ފައިދާ އެނގޭނެ ރިޕޯޓެއް، މިއަދު ފާސްކުރި ރިޕޯޓް ފާސް ކުރާތާ 6 މަސް ދުވަސްތެރޭގައި ހުށަހަޅަން ވާނެ ކަމަށް، އެސްއޯއީ ކޮމިޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިރުފާ

    އަބަދުވެސް ކުރީގެ މީހުންކުރި ކަންތަށް ހޯދާ. ޢަމިއްލަ ކަންކަން ކުރަން ނޭގޭ ނަމަ ގޭގައޮވޭ

    18
  2. ޢަހުމަދު

    މިހާރު ހިނގާ ކޮރަޕްޝަންގެ ކަންތައްވެސް ބަލާބަލަ...