ނ.ހޮޅުދޫ، ރޯޒީ ބޭންކް، އިސްމާޢިލް ޢަބްދުއްރަޙުމާނުގެ މެއަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި، "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ" އުފުލާފައިވާ، އެ ރަށު، އާޒާދުގެ ހާރޫނު އަބްދުއްލަޠީފްގެ މައްޗަށް އެ ކުށް ސާބިތު ކުރުމަށް، ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގި، 4 އަހަރަށް ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމަކީވެސް ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑު އެހުމެކެވެ. މިއަދުގެ އަޑުއެހުމަށް އެއް ހެއްކަކު ހާޟިރުވި އިރު، މި މައްސަލައިގެ ނުވަދިހަ އިންސައްތަ ހެއްކަކީ، އިސްމާޢިލް ޢަބްދުއްރަޙުމާނު އުފަން، ނ.ހޮޅުދޫ އަށް ނިޞްބަތްވާ ހެކިންކަން މިއަދުގެ އަޑު އެހުމުގައި ދަޢުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

މިއަދުގެ ޝަރީޢަތުގައި، ހެކިބަސް ދީފައިވަނީ، މި މައްސަލައާއި ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މޯބައިން ފޯނެއްގައި ހިމެނޭ ފޮޓޯއެއްގެ ޑިޖިޓަލް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުހެކެވެ. މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން، ހެކިވެރިޔާ ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާ ލިބޭ، ހާރޫންގެ ފޯނުގައި ވަޅިއެއްގެ ފޮޓޮއެއް އިން ކަމަށާއި، އެ ވަޅިއަކީ، އިސްމާޢިލްބެއަށް ޙަމަލާ ދިނުމަށް ބޭނުން ކުރި ވަޅި ކަން ނުވަތަ ނޫން ކަން ޔަޤީން ކަމާއި އެކު ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ފޮޓޯގެ ޑިޖިޓަލް ކޮމްޕޭރިސަން ހެދި ފަރާތުގެ ނަން އެ ރިޕޯޓުގައި ހިމަނާފައި ވާނެ ކަމަށާއި، އެ ފަރާތަށް އެކަން ކަށަވަރުކޮށްދެވިދާނެ ކަމަށް ޤަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"ތިބޭފުޅާ ތިޔަ ވިދާޅުވަނީ، ޙަމަލާދޭން ބޭނުން ކުރި ވަޅި އާއި، ތިޔަ ވިދާޅުވާ ފޮޓޮއެއްގަ ފެންނަން އިން ވަޅިއަކީ އެއް ވަޅިއެއްކަން ޔަޤީން ކަމާއި އެކު ދަންނަވަން ނޭނގޭ ވާހަކަ. ދެން ކިހިނެއްތޯ ތި ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ކަށަވަރުވަނީ." ހާރޫނުގެ ދިފާޢީ ވަކީލް، ހެކިވެރިޔާ އާއި ސުވާލު ކުރިއެވެ.

ޖަވާބުގައި ހެކިވެރިޔާ ބުނީ، އެކަން ކަށަވަރުކޮށްދެވޭނީ އެ މަސައްކަތް ކުރި ފުލުސް މީހާ އަށް ކަމަށެވެ.

ދެ ފަރާތުގެ މި ވާހަކަތަކާއި ގުޅިގެން، ދަޢުލަތުން ވަނީ، އެ މަސައްކަތްކުރި ފުލުސް މީހާ، ޝަރީޢަތަށް ހާޟިރުކޮށްދެއްވަން، ޤާޟީގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް، އެކަމާއި ގުޅިގެން، ދިފާޢުން ކުރާނެ އިތުރު ސުވާލެއް ނެތް ކަމަށް ވިދާޅުވެފައިވާތީ، އެ ފޮޓޯގެ ކޮމްޕޭރިސަން ހެދި ފަރާތް ޝަރީޢަތަށް ހާޟިރު ނުކުރުމަށް ޤާޟީ ވަނީ ނިންމަވައިފައެވެ.

މި މައްސަލަ ނުނިމި، މިހާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މި މައްސަލަ ބައްލަވާ، ޤާޟީ، އަލްއުސްތާޒު ޙަސަން ނަޖީބުވެސް ވަނީ، މިއަދުގެ އަޑުއެހުމުގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ދައުލަތުގެ ފަރާތުން، ހުށަހަޅާފައިވާ ހެކިންގެ ތެރެއިން، ޝަރީޢަތުގެ މަޖިލީހަށް ހާޟިރުވެ، ހެކިބަސް ދެއްވޭނެ ބޭފުޅުންނާއި، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށްގެން، ހެކިބަސް ދެއްވަން ތައްޔާރަށް ތިއްބެވީ ކޮން ބޭފުޅުންނެއްކަން، ޝަރީޢަތަށް ސާފުކޮށްދެއްވުމަށް، މިއަދުގެ އަޑުއެހުމުގައިވެސް ޤާޟީ ވަނީ ދަޢުލަތުގެ ވަކީލުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، މި މައްސަލައަކީ، ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭ މައްސަލައެއް ކަމަށް، ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުންވެސް އަންގާފައިވާ މައްސަލައެއް ކަމާއި، އެހެންކަމުން، ހެކިވެރިން ހާޟިރުކުރުމަކީ، ދަޢުލަތުގެ ޒިންމާއަކަށް ވީ ހިނދު، އެކަން ކޮށްދެއްވުމަށް، ތަކުރާރުކޮށް، މިއަދުގެ އަޑުއެހުމުގައި، ޤާޟީ ވަނީ އިލްތިމާޞްކުރައްވައިފައެވެ.

ހެކިވެރިން ހާޟިރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން، މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން، ދަޢުލަތުގެ ވަކީލް ވިދާޅުވީ، ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަކީ، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކޯޓެއް ނޫން ކަމަށާއި، އެހެންކަމުން، އެ ހެކިވެރިން ގެންދަންޖެހޭ ރަށަކީ، ނ.މަނަދޫ ކަމަށެވެ.

"އިއްޒަތްތެރި ޤާޟީ. ދަޢުލަތަށް ވެސް ޤަބޫލުކުރެވޭ މި މައްސަލަ މި ވަނީ މާ ބޮޑުތަނުން ވެސް ލަސްވެފަ ކަމަށް. ނަމަވެސް ހޮޅުދޫގަ އެ އިންތިޒާމު ހަމަޖެހިފަ ނެތުމުން އެ މީހުން (ހެކިވެރިން) ގެންދަން މި ޖެހެނީ އެ އަތޮޅު މަނަދުއަށް. ހެކިވެރިން މި ގެންދަންޖެހެނީ ފުލުހުންގެ ބެލުމުގެ ދަށުން. އެ ޒިންމާ މި އޮންނަނީ ފުލުހުންނާ ހަވާލުކޮށްފަ. ނަމަވެސް ނ.އަތޮޅު ޕޮލިސް ސްޓޭޝަންގައި ބޭނުން ކުރަމުންދާ ލޯންޗު ވަނީ ހަލާކުވެފަ. އެހެންވީމަ، އެ ހެކިވެރިން ނުގެންދެވިގެން މިއުޅެނީ." ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދަޢުލަތުގެ މި ވާހަކަތަކާއި ގުޅިގެން، ޤާޟީ، އަލްއުސްތާޒު ޙަސަން ނަޖީބް ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް، މިމަހުގެ 17 އަދި 20 ވަނަ ދުވަހަށްވެސް ތާވަލްކޮށްފައިވާ ކަމަށާއި، އެހެންކަމުން، ޕޮލިސް ސްޓޭޝަންގެ ލޯންޗް ހަލާކުވެގެން ހެކިވެރިން ނުގެންދެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ބަދަލުކޮށް، އެހެން އިންތިޒާމެއްގެ ތެރެއިން ހެކިވެރިން ހާޟިރުކުރުމަކީ ދަޢުލަތުން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

ނ.ހޮޅުދޫ، ރޯޒީ ބޭންކް، އިސްމާޢިލް ޢަބްދުއްރަޙުމާނުގެ މަރަށް 4 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ، އެ ރަށު، އާޒާދުގެ ހާރޫނު އަބްދުއްލަޠީފް އަދިވެސް ހުރީ، ރިމާންޑް ޖަލެއްގައި ހައްޔަރު ކޮށްފައެވެ. ޝަރީޢަތް ދިގުލައިގެން ދާތީ، ޝަރުތުތަކަކާއި އެކު ނަމަވެސް، ހާރޫނުގެ ބަންދަށް ލުޔެއް ދިނުމަށް، އޭނާގެ ދިފާޢީ ވަކީލް ވަނީ ޤާޟީގެ ކިބައިން އެދިފައެވެ.

"މި މައްސަލަ އަކީ، ޖިނާއަތުގެ އެންމެ މަތީ ދަަރަޖައިގެ ކުށެެއް. ހާރޫނު ބަންދުން ދޫވުމަކީ، މުޖުތަމަޢުގެ ސަލާމަތާއި އަމާންކަމަށް، ބުރޫއަރާފާނެ ކަމެއް ކަމަށް، ޝަރީޢަތަށް ޤާބޫލުކުރެވޭތީ އާއި، އަދި މިކަމަކީ، އެތައް ބައެއްގެ ހައްޤުތަކާއި ގުޅިފައިވާ ކަމެއް ކަމަށް ވާތީ، ޝަރީޢަތުން މި ނިންމަނީ، ޝަރީޢަތް ނިމެންދެން ހާރޫން ބަންދުގައި ބެހެއްޓުމަށް." ޖަވާބުގައި، ޤާޟީ ވިދާޅުވިއެވެ.

"ޖިނާޢީ ކޮންމެ މައްސަލައެއްގެވެސް ޝަރީޢަތް ހިންގަންވާނީ، ޢަލުދުވެރިކަމާއި އެކު ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއި އެކުގައެވެ. އަދި ޝަރީޢަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މެދު ކެނޑުމެއްނެތި އެ ޝަރީޢަތް ނިންމަންވާނެއެވެ." މިއީ މިހާރު ޢަމަލުކުރަމުންދާ ޖިނާޢީ އިޖުރާޢަތުގެ 142 ވަނަ މާއްދާގެ (ހ) އަދި (ށ) ބުނެދޭ ގޮތެވެ.

ޝަރީޢަތުގެ މަޖިލީހަށް ހެކިވެރިން ހާޟިރުނުކުރެވުމުގެ ސަބަބުން، މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ، ހެކިވެރިންގެ ހެކިބަސް ނެގުމުގައި ޢަމަލު ކުރެވިދާނެ ގޮތްތަކެއްވެސް ޖިނާޢީ އިޖުރާޢަތުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 148 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ހެކިބަސް ދޭ މީހާ ހުރީ ޝަރީޢަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިޙްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

ހުދުކުލަ އާއި ކަޅު ކުލައިގެން ގޮޅި ޖެހި، އަތް ދިގު ގަމީހަކާއި، ގަދަ ނޫކުލައިގެ ފަޓުލޫނެއް ލައިގެން، އިން ހާރޫނު، މިއަދުގެ އަޑުއެހުމުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ.

އިސްމާއިލްބެއަށް ވަޅިން ޙަމަލާދީފައިވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީއެވެ. އިސްމާޢިލްބެ އަށް ދީފައިވާ މި ޙަމަލާއާއި ގުޅިގެން، އޭނާ ނިޔާވެފައިވަނީ، މެއަށް ލިބުނު ޒަޙަމްތަކަށް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ދަރިންނޭ ހަމަޔަގީނުންދިރުންލެއްވި ކޮންމެއްޗަކީ ފަނާވާނެއެއްޗެކެވެ. ލިބޭމަދުފައިސާކޮޅެއްގެބޭނުމަށް ނަފްސުވިއްކާނުލާށެވެ. ޖަވާބުދާރީވާންޖެހޭނެކަން ޔަގީނެވެ. ސަލާމަތްކަންއޮތީ މިއަދުހޯދިހެޔޮކަމެއްގައިކަން ހަނދާންބަހައްޓަވާށެވެ.

  2. އައިއޭ

    ހޮޅުދޫން މަނަދުއަށް ކިތައް ރުފިޔުާއަށްތޯ ދަތުރު ކޮށްދެނީ ، ޕޮލިސް ލޯންޗެއް ނެތިއްޔާ ކުއްޔައް ލޯންޗެއް ނަގައިގެންވެސް ތިކަން ނުކުރެވެނީ ތޯ؟ ކޮބާތޯ މިކަމާ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނާ ބަހަކީ؟

  3. ހުސޭނުބޭ

    ގާޒީ ހައިލަމްގެ މައްސަލަ 12 ގަޑިއިރުން ނިމުނު! ކުށެއްނެތް މީހެއްގެ މަރު 4 އަހަރުވީއިރުވެސް ވާގޮތެއްވެސް ނޭގޭ! އަދުލު އިންސާފުގެ ދާއިރާ ތިހުރީ ހިސްލާޙްކުރެވިފައި! ޖޭއެއްސީ ހޭވައްޓާލާފައި މުށިމަހު ގަރުދިޔަ ކައްކަނީ!