ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް އިމާރާތް ކޮށްފައިވާ ސީޕްލޭން ޓާމިނަލްއިން ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ޑެޑިކޭޓް ލައުންޖުތައް އޮޕަރޭޓަރުން އަތުން ނެގުން ކަމަށާއި ޓީއެމްއޭއިން އެދޭ ގޮތަށް ދައުލަތުން ކަންތައް ކޮށްދީފި ކަމަށްވާ ނަމަ ވާދަވެރިކަންވެސް ގެއްލިގެން ދާނެ ކަމަށް މަންޓާ އެއާއިން ބުނެފިއެވެ.

މަންޓާ އެއާއިން އެދިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖް ހަދަން ޓީއެމްއޭއިން ރިސޯޓްތަކަށް ދޫކޮށްފި ނަމަ، އެހެން އެއާލައިންތަކަށް ފަތުރުވެރިން އުފުލުމަށް އޮންނަ ފުރުސަތު އެއްކޮށް ބަންދުވެގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މޮނޮޕޮލީއެއް އުފެދޭނެ ކަމަށެވެ. އަދި ޓީއެމްއޭއިން ކަންތައް އެކުރަނީވެސް މޮނޮޕޮލީއެއް އުފެދޭނެ ގޮތަށް ކަމަށެވެ. ނަމަވެސް މޮނޮޕޮލީއެއް ނުއުފެދޭ ގޮތަށް ޓީއެމްއޭއަށް ޖާގަ ދިނުމަކަށް މަންޓާއިން އިންކާރެއް ނުކުރެއެވެ.

ހަލީލު ވިދާޅުވި ގޮތުގައި ލައުންޖުތަކަކީ ރިސޯޓުތަކުން ހަރަދުކޮށްގެން ހިންގާ ތަންތަނަށް ވުމުން އެމްއޭސީއެލް އިން ލައުންޖުތަކަށް އިތުރަށް ކުރަން ޖެހޭނެ އެއްވެސް ހަރަދެއް ނޯންނާނެ ކަމަށެވެ. ހަމައެކަނި އެމްއޭސީއެލްއިން ކުރަންޖެހޭނެ ކަމަކީ ޑެޑިކޭޓަޑް ލައުންޖު ހިންގަން ބޭނުންވާ ރިސޯޓުތަކާ އެކު ކޮންޓްރެކްޓް ހެދުން ކަމަށް ހަލީލް ފާހަގަކުރެއްވިއެވެ.

ހަލީލު ވަނީ މާލިއްޔަތު ކޮމެޓީއަށް ޓީއެމްއޭ ހާޒިރުވި ދުވަހު އެ ކުންފުނިން ދެއްކި ބައެއް ވާހަކަތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއާލައިން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ލައުންޖްތައް ހަދާނެ ޖާގަ ޓީއެމްއޭއަށް ދިނުމާ ބެހޭ ގޮތުން ޓީއެމްއޭއިން މާލިއްޔަތު ކޮމިޓީގައި ހަދާފައި ވަނީ ދޮގު ކަމަށެވެ. ޑެޑިކޭޓެެޑް ލައުންޖްތައް ހިންގާ ރިސޯޓްތަކުން ޓީއެމްއޭއަށް ވަރަށް ބޮޑު ފީއެއް ވެސް ދައްކާކަން ފާހަގަކުރައްވާ ހަލީލު ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖުތަކަށް ވަންނަ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރާއި 40 ޑޮލަރާއި ދެމެދުގެ އަދަދެއް ރިސޯޓުތަކުން ޓީއެމްއޭއަށް ޗާޖު ކުރާ ކަމަށެވެ.

މަންޓާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫނު ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖްތައް ބޭނުންކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ޓީއެމްއޭއިން އެވަރުގެ ބޮޑު ޗާޖެއް ނަގާ ކަމަށްވާނަމަ އަހަރެއްގެ މައްޗަށް 10 ވަރަކަށް މިލިއަން ޑޮލަރު ޓީއެމްއޭއަށް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތް ތަނުގައި އެ އަދަދު 20 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މަންޓާއިން ވަނީ ޓާމިނަލް ކަންތަކުގައި އެމްއޭސީއެލްއާ އެކުގައިވެސް ބައްދަލުވުންތައް ބާއްވާފައެވެ. އެ ބައްދަލުވުންތަކުގައި އެމްއޭސީއެލްއިން އަބަދުވެސް ބުނަމުން ދަނީ އެކުންފުނިން ޓާމިނަލް އޮޕަރޭޓް ކުރާނީ މަލްޓި އޮޕަރޭޓާ ޓާމިނަލެއްގެ ގޮތުގައި ކަމަށް މަންޓާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްރޯ

    ތުހުމަތު ކޮށްފައިވާ ލިއުމެއްގަ ނަސީދު 13 މިލިއަންޑޮލަރު ޓީއެމްއޭ އިން ނެގިކަމަށް ފޭސްބުކްގަ ތުހުމަތެއް އެބައޮތް.

  2. ނުރަބޯ

    ސުބްޙާނަﷲ. އެއްބަޔަކު އަނެއްބަޔަކަށްވުރެ ގިނަ ލާރި މިހާރު މެންބަރުންނަށް ހުށަހަޅާނެ. ފާޑެއްގެ ބާޒަރެއް މިއީ. މި ރީނދޫ ސަރުކާރެއް ގަދަބާރުން ފާވިފަހުން މުޅި ގައުމު ފަސާދަ ވެއްޖެ.