މި އަހަރު އޮންނަ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއޭ)ގެ އިންތިހާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް ކުރިމަތިލައިފިއެވެ.

ކަސިއަސް ސްޕެއިންގެ އެފްއޭގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު އޭނާ އަންނަނީ އަދިވެސް ފުޓްބޯޅަ ކުޅެމުންނެވެ. ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ކުޅެމުން އަންނަ ކަސިއަސް އަށް ވަނީ އެ ކްލަބުގެ ފަރިތަކުރުންތަކުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާވެސް ދީފައެވެ. އޭގެ ދެ މަސް ފަހުން އަލުން ޕްރެކްޓިހަށް ނުކުތް ނަމަވެސް ފަހުން ކަސިއަސް އަދިވެސް ދަނޑުމަތިން ފެނިފައިނުވެއެވެ. ރަސްމީކޮށް އަދި ކުޅުން ހުއްޓާލިކަން ކަސިޔަސް އިއުލާން ކޮށްފައިނުވި ނަމަވެސް، އޭނާ ބުނީ އިންތިހާބުގައި ވާދަކުރަން ނިންމީ ޕޯޓޯގެ ރައީސްއާ ވެސް ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

" އަހަރެން ވާނީ ޕޯޓޯގެ ރައީސް ގާތުގައި އަހަރެން މި އިންތިހާބުގައި ވާދަކުރާނެ ވާހަކަ ހިއްސާކޮށްފައި. އަހަރެންގެ ކެނޑިޑެސީއާއެކު ކުރިއަށްމިދަނީ ހިތްވަރާއެކު. އިންސާފުވެރިކަމާއެކު އަދި ދެ ފުށް ފެންނަ ގޮތަށް ބޭއްވޭ އިންތިހާބެއްގައި ވޯޓު ލެވޭ 23000 އަށް ވުރެ ގިނަ މީހުން އެބަތިބި އަހަރެމެންގެ އިންތިޒާރުގައި، " ކަސިއަސް އޭނާގެ ކެނޑިޑެސީ އިއުލާނު ކުރަމުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކަސިއަސް ވަނީ ދާދި ފަހުން ސްޕެއިންގެ ކުޅިވަރާ ބެހޭ ވަޒީރު އަދި ސްޕެއިންގެ ސްޕޯޓްސް ކައުންސިލްގެ ރައީސް އައިރީން ލޮޒާނޯއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބުގައި ވާދަކުރުމާއި ބެހޭގޮތުން ކަސިއަސް ވަނީ ލޮޒާނޯގެ ހިޔާލު ހޯދައިފައެވެ. މީގެ އިތުރުން ސްޕެއިނުގެ އެފްއޭގެ މިހާރުގެ ރައީސް ލުއިސް ރުބިއާލެސް، އެ އެސޯސިއޭޝަން ހިންގަމުން އަންނަ ގޮތާ މެދު ކަސިއަސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ލޮޒާނޯ އަށް ހުށަހަޅައިފަ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ސްޕެއިން އެފްއޭގެ އެސެމްބްލީގައި ހިމެނޭ 140 މެންބަރުންގެ ތެރެއިން 15 ޕަސެންޓު މެންބަރުންގެ ތާއީދު ކަސިއަސް އަށް ލިބެންޖެހެއެވެ.

ކަސިއަސް އަކީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލްކީޕަރުންގެ ތެރެއިން އެއް ކީޕަރެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމަށް މުޅިއެކު 167 މެޗު ކުޅެދީފައެވެ. ސްޕެއިން ޖާޒީގައި ކަސިއަސް ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. ކްލަބު ލެވެލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދި ކަސިއަސް އޭނާގެ ކްލަބު ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. ރެއާލްގައި ހޭދަކުރި 16 އަހަރުގައި އޭނާ ވަނީ ކްލަބާއެކު ސްޕެނިޝް ލީގް ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.