ލ.ގަމުގެ ތުނޑީ އަވަށުގެ ކުނިކޮއްޓެއްގައި އެއްވެސް އުސޫލެއް ހަމައެއް ނެތި ކުނި އަޅައި، އަދި ކުނި ކޮށީގައި ކުނި އެންދުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާއި އެތައް އުނދަގުލެއް ދިމާވެ، ސިއްހީ މައްސަލަތައް ވެސް ދިމާވަމުން އެބަދެއެވެ.

އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ގޭގެ ތެރޭގައި މެއްސާއި ކުނި ވަހުގެ ސަބަބުން އެތައް ދަތިތަކެއް ދިމާވަމުން އަންނަތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

"ގެ ދޫކޮށްލާފައި ގޮސް ވަންނާނެ ތަނެއް ނެތުމުން މިތާންގައި މިއުޅެނީ. ހަޤީޤަތުގައި ދިރިއުޅެވޭ ވަރެއް ނުވޭ. ގޭގެތެރެ އޮންނަނީ މެހިން ފުރިފައި. ދޮރުތައް ލައްޕާފައި ހުއްޓަސް މެހި ވަންނަނީ. ދުވާވަހުން ވެސް ގޭގައި ތިބެވޭ ވަރެއް ނުވޭ. ދެން އެންމެ ބޮޑު މައްސަލައަކީ ކުނިގޮނޑުގައި އަލިފާން ރޯކުރުން. އަލިފާން ރޯކުރުމުން ހުރިހާ ދުމެއް އައިސް މިވަންނަނީ އަޅުގަނޑުމެންގެ ގެއަށް. އެއީވެސް އެތައް އިތުރު ސިއްހީ މައްސަލަތައް ދިމާވާ ކަމެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ އެމައްސަލަ ކައުންސިލާއި، ފުލުހުންނާއި އެހެނިހެން އިދާރާތަކަށް ވެސް ހުށަހެޅި އަދަދު ބުނަން ވެސް ނޭނގޭ ކަމަށާއި ނަމަވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށެވެ.

ގަމުގެ ކުނިކޮށީގައި ކުނި އަންދަނީ
ގަމުގެ ކުނިކޮށީގައި ކުނި އަންދަނީ

"މި ފާއިތުވެގެން ދިޔަ ހަތަރު އަހަރު ދުވަހު އެއް އިދާރާ އިން އަނެއް އިދާރާއަށް ޝަކުވާ ހުށަހެޅުމުގައި އަޅުގަނޑު މިއުޅެނީ. އެހެން ކަމެއް އަޅުގަނޑަށް ނެތް ކުރެވޭކަށް. ނަމަވެސް ހައްލެއް ގެނައުމަށް ކުރެވުނު ކަމެއް ވެސް ނެތް. ކައުންސިލަރުންނަށް މިއީ މައްސަލައަކަށް ނުވޭ." އޭނާ ބުންޏެވެ.

އޭނާ ބުނީ ގަމަކީ ބިން ބޮޑު ރަށަކަށް ވާއިރު މީހުން ދިރިއުޅޭ ސަރަހައްދަކާއި އިންވެގެން ކުނިކޮއްޓެއް ހެދިއިރު ވެސް އެއީ މައްސަލައެއް ކަން ކައުންސިލަރުންނަށް އެނގޭނެ ކަމަށެވެ.

ގަމަކީ ރާއްޖޭގެ ނިސްބަތުން ވެސް އާބާދީ ބޮޑު ރަށެކެވެ. ނަމަވެސް ޒަމާނީ ފެންވަރުގެ ކުނިކޮއްޓެއް އެރަށުގައި ނެތެވެ. އެކަމުގެ ސަބަބުން ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ވަނީ ދަތިތައް ދިމާވެފައެވެ. ގަމުން ވާހަކަދެއްކި މީހަކު ބުނީ ކުނިކޮއްޓެއް ރަށުގައި ނޭޅިގެން އުޅެނީ ކައުސިލަރުންގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ.

"ކައުންސިލަރުން ކުރައްވާ ކަމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުން. މިއީ ފައިސާ ދީގެން މާލީ ގޮތުން ރަނގަޅު އެއްޗެއް ލިބޭ ގޮތައް ވެސް ކުނީގެ މައްސަލަ ހައްލު ކުރެވެން އޮތް ރަށެއް. އެކަން ނުކުރެވިގެން އުޅެނީ ކައުންސިލަރުންގެ ކިބައިގައި ގާބިލްކަން ނެތުމުން." ގަމުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ނަމަވެސް ގަމު ކައުންސިލްގެ ނައިބު ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަމުގައި ކުނިކޮއްޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭޕްރީލް މަހު ގޭގެއިން ކުނި ނަގައިގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކައުންސިލް ނައިބު ރައީސްގެ ވާހަކަތަކަށް ރައްދު ދެމުން ގަމުގެ އާއްމު ރައްޔިތަކު ބުނީ މިހާރު ބޭނުން ކުރާ ކުނިކޮއްޓަކީ ވެސް ކައުންސިލްގެ މުވައްޒަފުން އެތަނުގައި ތިބެގެން ކުނި އެންދުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެއް ކަމަށާއި "އަންނަ މަހު ކުނިކޮށި ނިމޭނެ ކަމަށް ކައުންސިލުން ވިދާޅުވާތާ ވެސް އަހަރެއް ވެއްޖެ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކުނިކޮށި އެތާނގަ ހެދިތާ 4 އަހަރުވެއްޖެތޯ؟

  2. Anonymous

    ތީ އައްޑުއެންނު ރަނގަޅު ވާނެ.

  3. ސައިމާ

    ރައްޔިތުންނަށް އުނދަގޫނުވާގޮތަށް ކުނިކޮށި ނުބެލެހެއްޓޭނަމަ، މާލޭގަ ނޫނަސް މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ކުނިކޮށި ހަދައިގެން ނުވާނެ. މިހާރު މުޅިރާއްޖޭގައިވެސް ކުނިކޮށިތަކުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ އުނދަގޫ ބޮޑުވެފައި. ޙައްލުކުރެވޭފަދަ ޤާބިލުކަން ހުންނަން އެބަޖެހޭ.