ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

އެކަމަށްޓަކައި ދާދި ދެންމެ ހޮޓެލް ޖެންގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ފޯރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރެވުނު ވަރަށް މުހިންމު ބޮޅެއް ކަމަށާއި، މިއަދު އިފްތިތާޙް ކުރެވިގެން މި ދިޔައީ ވަރަށް މުހިންމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ.

ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދުނިޔެއިން ޓީބީ ނައްތާލުމާ ގުޅޭގޮތުން، ވޭތުވެދިޔަ އަހަރު ނޮވެމްބަރ މަހު ރަޝިޔާގެ ވެރިރަށް މޮސްކޯގައި، ދިވެހިރާއްޖެވެ ސް ބައިވެރިވިވެގެން ބޭއްވި ކޮންފެރެންސް އިފްތިތާހް ކޮށްދެއްވައި ރަޝިޔާގެ ރައީސް ޕޫޓިން ޤައުމުތަކުގެ ވެރިންގެ ކިބައިން އެދިލެއްވީ، ޤައުމުތަކުގެ ވެރިން މިކަމުގައި އިސްނަންގަވައި ނަމޫނާ ދެއްކެވުމަށް ކަމަށާއި، އެ އަޑު އައްސަވާ އެންމެ ފުރަތަމަ އިސްނެންގެވި އެއް ވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެގެންދިއުމީ ކޮންމެ ދިވެހި ރައްޔިތަކު ފަހުރުވެރިވާ ކަމެއް ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

"2015 ވަނަ އަހަރު ދިވެހި ރައްޔިތުން ފާހަގަކުރީ ދިވެހިރާއްޖެއަކީ "މެލޭރިޔާ" ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި، 2016 ވަނަ އަހަރު "ފައިލޭރިޔާ" ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި، 2017 ވަނަ އަހަރު "ހިމަބިހި" ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި އަދި 2018 ވަނަ އަހަރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މައިންގެ ކިބައިން ދަރިންނަށް ޖެހޭ އެޗްއައިވީ ނައްތާލުމުގެ މަސައްކަތް." ޞިއްޙީ ދާއިރާއިން ދިވެހިރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

ކައިރި މާޒީއެއްގައި ދިވެހިރާއްޖެއިން ގިނަ ބަލިތަކެއް ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ޤަބޫލުކޮށްފައިވަނީ، މި ސަރުކާރުން ޞިއްޙީ ނިޒާމަށް ގެނައި ގިނަގުނަ ހެޔޮ ބަދަލުގެ ސަބަބުން ކަމަށާއި، އެކަމަށްޓަކައި ޞިއްޙީ ނިޒާމަށް ގެންނަން ޖެހިފައިހުރި ބަދަލުތަކެއް ހުރިކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، ސަރުކާރުން ޚިދުމަތްދޭ ހޮސްޕިޓަލްތަކަށް 350 އަށްވުރެ ގިނަ ޑޮކްޓަރުން އިތުރު ކުރެވިފައިވާ ކަމަށާއި، 121 އަށްވުރެ ގިނަ ބޭސްފިހާރަ އިތުރު ކުރެވިފައިވާ ކަމަށާއި، ހުޅުވަން ތައްޔާރުވަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަކާއި ޓްރީޓޮޕް ހޮސްޕިޓަލް ނުހިމަނައި 130 ހޮސްޕިޓަލް އެނދަށްވުރެ ސަރުކާރުގެ ނިޒާމްގެ ތެރެއިން އިތުރު ކުރެވިފައިވާ ކަމަށް އަދި މުޅިން އަލަށް 25 ސީ އެންބިއުލާންސް އަދި ބައުވެފައި ހުރި އެމްބިއުލާންސް މާރާމާތު ކުރުމުގެ އިތުރުން 87 އެންބިއުލާންސް ހިދުމަތަށް ނެރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކު ހުރި ފަސްގަނޑަކުން ޞިއްޙަތުގެ ފުރަތަމަ ފަރުވާ ލިބޭނެކަން ކަށަވަރުވެފައިވާއިރު، ކޮންމެ ރަށެއްގައި ޑޮކްޓަރެއް އަދި ބޭސްފިހާރައެއްގެ އިތުރުން ކޮންމެ ރަށެއްގައި އެންބިއުލާންސްގެ ޚިދުމަތް އަދި އެ ހެލްތް ފެސިލިޓީއެއް ކެޓަގަރައިޒް ކުރެވިފައިވާ މިންގަނޑަކުން ލެބޯޓަރީގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި، ހޯދަމުންދާ ކާމިޔާބީތައް ލިބެމުންދަނީ މިކަންކަމުގެ ސަބަބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ މީހުންނަށް ޓީބީ ބަލީގެ އަސަރު ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 1.7 މިލިއަން މީހުން މި ބަލީގައި ދުނިޔެ ދޫކޮށްފައިވާއިރު މިއީ ނުރައްކާތެރި ބައްޔެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު، ޑރ.މާތޫރު ވިދާޅުވިއެވެ.

ސައުތް އީސްޓް ރީޖަންގައި މި ބަލީގެ ނުރައްކާ ބޮޑު ކަމަށާއި، މި ބަލީގައި ކޮންމެ މިނިޓަކު 3 މީހުން މަރުވަމުންދާއިރު މިއީ ނުރައްކާތެރި އަދި އިޤްތިޞާދީ ގޮތުންވެސް ބޮޑު ގޮންޖެހުމެއްކަމަށް ޑރ.މާތޫރު ވިދާޅުވިއެވެ.

މި ރަސްމިއްޔާރުގައި ޓްރީ ޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ސަރުކާރަށް ޞިއްޙީ އާލާތްތަކެއް ހަދިޔާ ކުރައްވާފައިވާއިރު، އެކަމުގެ އަގު ވަޒަންކޮށް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ހަނދާނީ ފިލާ އެ ކުންފުނީގެ އެއް މުއައްސިސް މުހައްމަދު މޫސާ އަށް އެރުވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދިވެހިރާއްޖެއިން ޓީބީ ނައްތާލުމުގެ ޤައުމީ ސްޓްރެޓަޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ސަރުކާރުން ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވައި އެންމެހާ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޞިއްހީ ނިޒާމަށް އިންޤިލާބެއް ގެނުވާނެ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ނިމުމަކާ ގާތްވަމުން އަންނައިރު، ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން ބިނާކުރި ޓްރީ ޓޮޕް ހޮސްޕިޓަލް މިމަހުގެ ތެރޭގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.