މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމަގެ ގަވާއިދަށް އިސްލާހު ގެނުވަން ނިންމައި، އެ ގާނުނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭސްއިން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެފުށް ފެންނަ ހަމަ ހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކާ އެއްހަމައެއްގައި ހުރިހާ ނިޒާމުތަކެއް ބެހެއްޓުމަށް ޓެކުހާގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާމެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ އަންނަ މާޗު މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓަށް އީމެއިލް މެދުވެރިކޮށް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ފޮނުވާ އިސްލާހުގެ ޕީޑީއެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯޑް ޑޮކިއުމެންޓް ވެސް ހިމެނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.