ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މަސައްކަތްތަކުގައި ތިބޭ ފަރާތްތަކަށް ވަޒީފާ ގެއްލި ނުހަނު ބޮޑު ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށް ބުނެ، މަސައްކަތްތެރިންގެ ހުރިހާ ޖަމްއިއްޔާތަކެއް ބައިވެރިވާ މަސައްކަތްތެރިންގެ އިބްތިހާދު އެމްޓީޔޫސީ މޯލްޑިވްސް ޓްރޭޑް ޔުނިޓް ކޮންގްރެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ. މި އިސްލާހާއި އެކީ ގިނަ ރައްޔިތުންގެ އިތުރުން ވަޒީފާ އަދާ ކުރާ މުވައްޒަފުންވެސް ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ވަޒީފާއާއި ބެހޭ ޤާނޫނާށް ހުށަހެޅުނު އިސްލާހުތަކާއި ބެހޭގޮތުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވީ، އެބޭފުޅުންގެ އެދުމަކީ ކުރިންވެސް އެޤާނޫނު އޮއްގޮތަށް ބޭއްވުން ކަމަށާއި މިހާރު ހުށަހެޅިފައިވާ އިސްލާހު ފާސްވެއްޖެނަމަ މަސައްކަތްތެރިންނަށް ބޮޑެތި ގެއްލުން ލިބިގެން ދާނެ ކަމަށެވެ.

މައުރޫފު ވިދާޅުވީ، ސަރުކާރުގެ ފަރާތުން 20 ވަރަކަށް އިސްލާހު ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި މަސައްކަތް ތެރިން ކަންބޮޑުވާ 4 އިސްލާހެއް އުޅޭ ކަމަށެވެ. އެ އިސްލާހު ތަކުގައި ސީދާ ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަމެއް ނުވަތަ ގެއްލުންވާ ޒާތުގެ އިސްލާހު ކަަމަށެވެ.

"މި އިސްލާހުތައް އެގޮތަށް މަޖިލީހުން ފާސްވެއްޖެނަމަ، އޭގެ ގެއްލުން ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ފޯރާނެ ކަމާއި މެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން." މައުރޫފު ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ އިސްލާހަށް ހުށަހެޅިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތީ ވަޒީފާގެ ޕްރޮބޭޝަން 6 މަސް ދުވަހަށް ބަދަލު ކުރުމާއި، ސަލާމުގެ ޗުއްޓީއާއި ބެހޭގޮތުން ހުށަހެޅިފައިވާ އިސްލާހު، ސާވިސް ޗާޖާއި ބެހޭ މާއްދާ އަށް ހުށަހެޅިފައިވާ އިސްލާހުގެ އިތުރުން ރެޑަންޑެންޓް ކުރުމުގެ ފުރުސަތު އެމްޕްލޯޔަރުންނަށް ދޭ ގޮތަށް އަދި ރެޑަންޑެންޓް ކުރުމުގެ މާނަ ހެދޭ ޤަވާއިދެއްގެ ދަށުން ކަނޑައެޅޭ ގޮތަށް ހުށަހެޅިފައިވާ އިސްލާހު ކަމަށް މައުރޫފު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުން އެއްވެސް ކަހަލަ އެލެވެންސް އެއް ނުލިބެ މީގެ ކުރިން 3 މަހަށް އިންތިޒާރު ކޮށްގެން ތިބޭ ތިބުން 6 މަހަށް ބަދަލުވުގެން ދިއުމުން އާއިލާއިން ދުރުގައި ތިބޭ މުވައްޒަފުންނަށް ބޮޑު ދެރައެއް ލިބިގެން ދާނެ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޗުއްޓީއަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ ހަރަދު އިތުރަށް ބޮޑުވެ ހޮސްޕިޓަލުތަކަށް ބާރު ބޮޑު ވާނެ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުން މިހާރު ހުށަހާޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވަނީ އެންމެ ދުވަހެއް ސިކްލީވަށް ނަގާކަމުގައި ވާނަމަވެސް މެޑިކަލް ސެޓްފިކޭޓް ހުށަހެޅުމަށެވެ.

"ޓަީޗަރަކު ހެނދުނު ހޭލާއިރު ހުން އައިސްގެން، ރައްކާތެރި އެއް ނޫން އެއްވެސް ގޮތަކަށް ކުދިންގެ ކުރިމައްޗަށް ކްލާހަށް ދާކަށް. އެހެން ނަމަވެސް ޑޮކްޓަރުން ލަފާ ދެއްވަނީ ހުން އަޔަކަށް 3 ދުވަސް ފަހުން ހުން ދަށް ނުވެއްޖެއްޔާ ދައްކަން. އެހެން ނަމަވެސް ބެކްސްޓޭޓް އަކަށް މެޑިކަލް އެއް ނުލިބޭ. އެހެން ވެއްޖެޔާ ޓީޗަރުގެ މުސާރަ އެދުވަހު ނުހިނގާނެ" ޓީޗާސް އެސޯސިއޭޝަނަގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެބޭފުޅުން ވިދާޅުވީ، ސާވިސް ޗާޖަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ ގޮތަށް އެތަނަކަށް އަންނަ ފަތުރުވެރިން ނުވަތަ ބަޔަކު އަތުން ނަގާ އެއްޗަކަށް ވުމުން އެ އުނިކޮށްގެން ނުވާނެ ކަމަށެވެ. އަދި 10 ޕަސެންޓް ސާވިސް ޗާޖު ނަގަން ޖެހޭނެ ކަމަށާއި 10 ޕަސެންޓް ކޮންމެ 3 މަހަކުން މީރާއަށް ހުށަހެޅުމަށް އެބޭފުޅުން ވަނީ ގޮވާލާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުފައިވާ މި އިސްލާހާއި ދެކޮޅަށް އެބޭފުލުން ވަނީ އަމިއްލަ ގޮތުންނާއި ޖަމްއިއްޔާގެ ފަރާތުން މަޖިލީހުގައި ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއަށްވެސް އިސްލާހު ބަދަލު ގެނެސް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސް ނުކުރުމަށް އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެކޮޅު

    ކަލޭމެން މަލިލީހަށް ހޮވީ ރައްޔަތުން ބިކަހާލު ޖައްސާކައްނޫން ހަމަ މިހާރު އިސްތިުފާދީފަ ތިގޮނޑިން ފައިނާ

  2. އެޑްވަޑް ބާމުންޑޭ

    ހެޔޮވެރިކަމުގަ ތިހެންވާނެ، ފަހުން ރަނގަޅުވާނެ 2023ގަ