ކޯޓުތަކުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނު އިސްލާހު ކުރަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"ގަޟާއީ އަހަރު 2020" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ވަރަށް އިޚުލާސްތެރި ނިޔަތުގައި ކަމަށާ، ބޭނުމަކީ އާއްމު މީހެއްގެ ކިތަންމެ ކުޑަ ހައްގެއް ގެއްލުނަސް، އެ ހައްގުވެސް ހޯދާދިނުން ކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުގެ އިސްލާހު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ފަނޑިޔާރުގެ އިސްލާހު ކުރަން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަނޑިޔާރުގެ އިސްލާހުކޮށް ފަނޑިޔާރުގެ އަށް ރައްޔިތުންގެ އިތުބާރު ހޯދަން ކަމާއި ބެހޭ ޤާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެގޮތުން ޖުޑީޝަލް ސަރވިސްގެ ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވިފައި" ރައީސް ވިދާޅުވިއެވެ.

އެ ޤާނޫނު އިސްލާހުވުމުން ޖޭއެސްސީގެ ބާރުތަކާއި، މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަނޑިޔާރުންނަސް ލިބިދޭ ހައްގުތައް މިހާރަށް ވުރެ ފުރިހަމައަށް އެނގޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ. އަދި އެ ޤާނޫނު މެދުވެރިކޮށް އެފަދަ މައްސަލަތައް ބަލާ ނިންމުމުގެ އިޖުރާއަތުތަައް މިހާރަށް ވުރެ ރަނގަޅަށް ބަޔާން ވެގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ތިމާމެންގެ އިސް ވާޖިބު ކަމުގައި، އަމިއްލަ ނަފްސަށް ޤަބޫލުކުރާ ފަނޑިޔާރުންތަކެއްގެ މައްޗަށް، ޝަރުޢީ ނިޒާމު ބައްޓަންވުމަކީ، ޤައުމެއްގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭ އަށް ދިމާވެފައިވާ ކުޑަކުދިންނަށް ގޯނާކުރުން ފަދަ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ފަނޑިޔާރުންނަށް ކަމަށް ވީނަމަވެސް އިންސާފު ޤާއިމްކުރުމަކީ ހަމައެކަނި ފަނޑިޔާރުންނަށް އެކަނި އޮތް ޒިންމާއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ޝަރުއީ ނިޒާމަށް ބަލާއިރު ޚިދުމަތް ހޯދަން ފަސޭހަ ގޮތަކަށް ޚިދުމަތް ލިބުމަކީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށާ، ހުރިހާ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ، ފަސޭހައިން މުއާމަލާތު ކުރެވޭނެ ގޮތްތަކެއް ހަމަޖެހުމަކީ ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.