ޤާނޫނުގެ ހުކޫމަތް ކަށަވަރު ނުވާނަމަ މުޖުތަމައު ބައިބައިވެދާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި، "ގަޒާއީ އަހަރު 2020" އިފްތިތާހް ކުރުމުގައި ޖަލްސާގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިވެހި ދައުލަތުގެ ބާރުތައް ހަމަޖެހިގެން ހިންގޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ.

މާޒީގައި ދިމާވި ހާދިސާތަކުން މިހާރު ފިލާވަޅު ހޯދާ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ، ދަައުލަތުގައި ހިމެނޭ ބާރުތަކުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ޤާނޫނުތަކުގެ ހުކޫމަތު ދެމެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ޤާނޫނުގެ ޙުކޫމަތް ކަށަވަރުކޮށްް ދަމަހައްޓާ ނެގެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން. އެ ޒިންމާއަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ޚިދުމަތްތަކާއި، ކައުންސިލްތަކާއި، ދިވެހިރާއްޖޭގެ ބާގެ މެމްބަރުންނާއި، ރައްޔިތުންގެ ވެސް ޒިންމާއެއް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގެއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަކީ މައްސަލަތައް ބައްލަވާ ފަނޑިޔާރުންގެ އަދަދާއި އަޅާ ބަލާއިރު ގިނަ އަދަދެއްކަން ފާހަގަކުރައްވާ މުއުތަސިމް ވިދާޅުވީ އެ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

އަދި ފަނޑިޔާރުގެ އަށް ދިމާވެފައިވާ އެހެން ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާ، ކޮރަޕްޝަނާއި ފަސާދަ އަށް ފުރުސަތު ނުދީ ފަނޑިޔާރުގެ ހިންގާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށާ، ފަސޭހައިން މައްސަލަތައް ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލިފު!

  މުޖުތަމައު ބައިބައި ވެދާނެޔޯ! މީ ފަހެ "ސުންމުން، ބުކުމުން، ޢުމުޔުން" ގުރޫޕުގެ މީހެއް ނޫންބާ! އާނ! އެހެންޏާ ފަހެ، މުޅި ޤައުމު ބައިބައިވެ ފިތުނައިގެ ހާއްޔަކަށް ވެފައިވާތަން މީނާ އަށް ހަމަނުފެންނަނީތަަ!

  13
 2. މުޖުރިމް:

  ފަނޑިޔާރުގެތައް މިނިވަންވާނީ ކެނެރީގޭ ބުއްޅަބެއާއި ފަނޑިޔާރުގެތައް ޙަވާލުކުރުމުން ކަމަށް ފެނޭ؟

  12
 3. ބޮލި މުލައް

  މިނިވަންކަމާއެކު ޙުކުމްކުރުމުގެ ބާރެއްނެތް ބަޔަކަށް ކޮން ޤާނޫނީ ޙުކޫމަތެއް ޤާއިމުކުރެވޭނީ.

  14
 4. ހުސޭނުބޭ

  އަނެއްކާ ޖަންގަލީ ޤާނޫނުގެ ހުކޫމަތުގެ ވާހަކަތޯ ތި ވިދާޅުވަނީ! މަހުލޫފް އެޕްފީ އާރުސީގެ ޑޮލަރުކޮޅު ކައިލިއިރު ކޮބައިތޯ ތިކިޔާ ޤާނޫނީ ޙުކޫމަތު! ޝާހިދު ކާޕެޓް ވަގަށްނެގިއިރު ކީއްވެތޯ ނިދާފއި އިނީ!