ރަޙުމްކުޑަ ގޮތަކަށް، 3 އަހަރުގެ އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ އާ ދެކޮޅަށް ދަޢުލަތުން ކުރާ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެއް އެއްކަކީ އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީޢު އެވެ.

އިބްތިހާލުގެ މަރާއި ގުޅިގެން، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ވިޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، ޝަފީޢުގެ ހެކިބަސް ވަނީ ނަގާފައެވެ. ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް، ނެގި މި ހެކިބަހުގައި، އިބްތިހާލުގެ ދިރިއުޅުމާއި ގުޅޭ އެތައް ވާހަކަތަކެއް އޭނާ ވަނީ ޝަރީޢަތާއި ޙިއްސާކޮށްފައެވެ. މި ވާހަކަތަކަކީ، މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އަށް 2015 ވަނަ އަހަރު ޝަފީޢު ދީފައިވާ ބަޔާނުގައިވެސް ހިމެނޭ ވާހަކަ ތަކެކެވެ.

"އަޅުގަނޑު އޭރު މަސައްކަތް ކުރީ ވ.އަތޮޅު ފެރީގަ. އަޅުގަނޑު ދަތުރަށް ފުރަނީ ހެނދުނު 7 ޖަހާއިރު. އެނބުރި އާދެވޭއިރު ހުންނާނީ އިރުއޮއްސޭން ކައިރިވެފަ. އަޅުގަނޑު އަންނަ އިރު، ގިނަ ދުވަސް ދުވަހު އިބްތިހާލު ހުންނާނީ ހެނދުނު ޖެއްސި ނެޕީ އާއި އެކު. އަޅުގަނޑު އެ ގެންނަ ހަދިޔާކޮޅު ކާންވެގެން ދުވެފަ އަޅުގަނޑާއި ދިމާލަށް އަންނާނެ. ކޮތަޅުން ނުނެގެނިސް އައިސް އޮޅުލާ ގަންނާނެ. އެހާވެސް ބަނޑުހައިވެފަ އެ ދަރި ހުންނާނީ." ވަރަށް އަސަރާއި އެކު އެވާހަކަތައް ޝަރީއަތާއި ހިއްސާކުރަމުން، ޝަފީޢު ކިޔައިދިއެވެ.

ޝަފީޢު ޖަވާބުދެމުން ގެންދިޔައީ ދަޢުލަތުން އޭނާއާއި ކުރި ސުވާލުތަކަށެވެ.

"ޝަފީޢު އަންނަ އިރު އިބްތިހާލު ހުންނަނީ ކޮންތާކުތޯ. ފެންވަރުވާފަތޯ ހުންނަނީ. އެއްވެސް ކަހަލަ ކަމެއް އޭނާގެ ކިބައިން ފާހަގަވޭތޯ. އިބްތިހާލުގެ އިތުރުން، ޝަފީޢުގެ ދެ ކުދިން ތިބޭއިރު، އެކުދިންނާއި މެދުވެސް އާފިޔާ ކަންތައް ކުރަނީ އެ ގޮތަށްތޯ. ކާންނުދީ އިބްތިހާލު ބަހައްޓާފައި އެ ހުންނަނީ ކިހާ އިރެއް ވަންދެއްކަން އެނގިލައްވާތޯ. ކީއްވެގެންތޯ ޝަފީޢު އާއި އެކު އިބްތިހާލު، ދަތުރު ތަކުގައި ގެއްދަން ނިންމެވީ" މިއީ ދަޢުލަތުން އޭނާ އާއި ކުރި ސުވާލުތަކެވެ.

"އަޅުގަނޑު އަންނަ އިރު ހުންނާނީ ފެންނުވަރުވަ. ދެން އަޅުގަނޑު ފެންވަރުވަނީ. ފެންވަރުވާއިރު، އަޅުގަނޑަށް ފެނޭ ނޫފައި ގަނެފަ ހުންނަ ތަންތަން. އެކަމާއި ގުޅޭގޮތުން އިބްތިހާލު ކައިރި އެހީމަ ބުނާނެ، މަންމަ ޖެހީއޭ. އާފިޔާ އާއި އެ ސުވާލު ކުރީމަ ބުނާނެ އެއީ އެހެން ކުދިންނާއި އެކު ކުޅެން އުޅެނިކޮށް ވެފަ ހުރި ކަމެކޭ. ދެން އަނެއް ދެކުދިންނާ އިބްތިހާލް އާއި ވަރަށް ތަފާތު ކުރޭ. ބަލިވީމަ ބޭސްކޮށްދިނުމާއި، ކާންދިނުމާއި ފެންވެރުވުމާއި، މި ހުރިހާ ކަމެއްގަވެސް އިބްތިހާލާއި ވަރަށް ތަފާތު ކުރާނެ. އެކަން އެގޮތަށް ވާން ފެށުމުން އަޅުގަނޑު ނިންމީ ދަތުރު ތަކުގަ އޭނަ ގެންދަން. އެކަމު ކިހިނެއްތޯ ހުރިހާ ދުވަހަކު ގެންދާނީ. ގެންދާ ދުވަހަކުވެސް އިބްތިހާލް ވަރަށް އުޅޭނެ ގެއަށް ނާންނަންވެގެން. އެއީ މަންމަގެ ފަރާތުން އަޅާލުން ނުލިބޭތީ. ނަމަވެސް އެއީ ވަރަށް ބަސްއަހާ ކުއްޖެއް. ކާންދޭންވެސް ވަރަށް ފަސޭހަ ވާނެ. ކޮންމެއެއްޗެއް ދިނަސް ކާނެ. ބުނީމަ ބުނާއަޑު އަހާނެ." ޝަފީޢު ކިޔައިދިނެވެ.

ޝަފީޢުގެ މި ވާހަކަތަކަށްފަހު، ދަޢުލަތުން ވަނީ އޭނާ އާއި ސުވާލު ކުރުމުގެ ފުރުޞަތު އާފިޔާ އަށްވެސް ދީފައެވެ.

"އެއީ ހުސް ދޮގު. އިބްތިހާލުގެ ބައްޕަ އަކީ އިބްރާޙިމް ޝަފީޢު." އާފިޔާ ހަމައެކަނި ބުނި ވާހަކަ އަކީ މީއެވެ. އިތުރު އެއްވެސް ވާހަކައެއް ބުނަން އޭނާ ބޭނުމެއް ނުވިއެވެ. ތަކުރާރުކޮށް، ސުވާލު ކުރުމުގެ ފުރުޞަތު އެބަ އޮތްކަމާއި، އަދި އާފިޔާގެ ދިފާޢީ ހެއްކެއްގެ ގޮތުގައިވެސް ޝަފީޢުގެ ނަން ހުށަހަޅާފައިވާތީ މި ފުރުޞަތުގެ ބޭނުން ހިފުމަށް ދަޢުލަތުން ވަނީ އާފިޔާގެ ކިބައިން އެދިލައްވާފައެވެ.

"އަޅުގަނޑު ނެތް އެއްވެސް ކަމެއް ސާފު ކުރާކަށް. އިބްތިހާލުގެ ބައްޕަ އަކީ އިބްރާޙިމް ޝަފީޢު." ދެންވެސް އާފިޔާ ބުނީ މިހެންނެވެ. އާފިޔާގެ ދިފާޢުގައި ކުރާނެ އެއްވެސް ސުވާލެއް ނެތުމުން، ދަޢުލަތުންވެސް ވަނީ ތަކުރާރުކޮށް، އާފިޔާ އަށް ނަޞޭހަތްތެރިވެފައެވެ.

"އާފިޔާ ހަނދުމަފުޅު އެބަހުރިތޯ އާފިޔާގެ ދިފާޢީ ހެއްކެއްގެ ގޮތުގަ މި ހެކިވެރިޔާ (އިބްރާޙިމް ޝަފީޢު) ގެ ނަން ހުށަހެޅިކަން. މި ފުރުޞަތަކީ ދިފާޢުވުމަށްވެސް އާފިޔާ އަށް ލިބޭ ފުރުޞަތު. އެއްވެސް ސުވާލެއް އޮތްނަމަ، އެ ސުވާލު ކުރުމުގެ ފުރުޞަތު އާއިޔާއަށް ލިބޭނެ." ދަޢުލަތުން އާފިޔާ އަށް އޮޅުން ފިލުވައިދިނެވެ.

މި މައްސަލައިގައި ދެން އޮންނާނީ، ހުލާސާ ބަޔާން އިއްވުން ކަމަށާއި، މާރޗް މަހުގެ 8 ވަނަ ދުވަހު މި މައްސަލައިގެ ޙުކުމް އިއްވާނެ ކަމަށް، މި މައްސަލަ ބައްލަވާ ޤާޟީ، މުޙައްމަދު ޞަމީރު މިއަދު ވަނީ އިޢުލާން ކުރައްވާފައެވެ.

ވ. ރަކީދޫ، ލައިޓްހައުސް، އާފިޔާ މުޙައްމަދު މަނިކުގެ މައްޗަށް 2 ދަޢުވާއެއް ކުރެއެވެ. އެއީ ޤަސްތުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާއެކެވެ.

އަނިޔާވެރި ގޮތަކަށް އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރު ތެރޭގައެވެ. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ ހުރި ކަމުގެ ނިޝާންތައް ވަނީ ހަށިގަނޑުން ފެނިފައެވެ. އާފިޔާގެ މައްޗަށް އިބްތިހާލް މެރިކަމުގެ ދަޢުވާ ކުރެވޭއިރު އޭނާ ވަނީ އިބްތިހާލަށް ވަރަށް ގިނައިން އަނިޔާކޮށްފައިވާނެ ކަމަށް މީގެ ކުރިން ބޭއްވި ބައެއް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފް ވެފައެވެ. އަދި އޭނާ އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދަމަކުން

    ހަމަ އަސްލަށް ވެސް ރޮވިއްޖެ ބޭއިޚްތިޔާރުގައި ޚަބަރުކިޔާ ނިމުނު އިރުގައި

    46
  2. މަރީ

    ބައްޕަ ނެތް ކުއްޖަކައް ވީ އެ ކުއްޖާގެ ކުއްތަ؟

    60
  3. ޖިން

    މި ފޮޓޯ ފެނުނަސް ހަމަ ރޮވެނީ

    48
  4. މޫނިސް

    ދައުލަތުން ތިކަން ކުރަން ނުކުޅެދިފަވާކަން ވަރައްސާފު. ތި އާފިޔާއެއް މަރާލަން ވެއްޖެނޫން. އެއްފަހަރު ދައްކާވާހަކައެް ދެފަހަރަކު ނުބުނެވޭ. އޭނައަށް ނޭގޭތަ އޭނައަށް ދެން އިތުރު ސަލާމަތެއް ނެތްކަން. ތި އާފިޔާޢެއް މަރާލިއަސް ފާފަވެެރިއެއް ނުވާނެ' ކީކުރަން ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކެއްމީ...؟

    42
    2
  5. ސީސީ

    ކިހާ ބޮޑުވެއްޖެ ކަމެއް. ތިޔަ ވާހަކަ ނިންމަބަލަ.

    34
  6. މަހްމޫދު

    މިއަދު ދޯ އެ ކުއްޖާ ބަސް އަހާކަން ވެސް އިޙްސާސްތިވީ

    38
    2
  7. ޝާން

    ތި ދޮން ބައްފައަށް ވެސް ފިޔަވަޅު އަޅަންޖެހޭ. މަންމަ އިބުތިހާލު އާއިދޭތެރޭ އެގޮތަށް ރަހުމް ކުޑަކޮށް އިހުމާލުވިކަން އެނގި ހުރެ މީނަ ހުރީ އެކަން ނާންގާ.

    60
    4
  8. ސުވާލު ތައް

    އަޅެ އެއޮށް ބަސް އަހާ ބޭބީ.. އިބްރާޙިމް ޝަފީޢު.. ކީއްވެތަ އެސޮރު ސަލާމަތް ނުކުރީ.. ކޮންމެ ދުވަހަކު ފެންވެރުވިއިރު އެސޮރުގެ ގައިން ފެނުނު ބްރޫޒް ތަކުންވެސް. ނުދާން އުޅުނީމާ ކީއްވެތަ ގެންދިޔައީ.. އަބަދު ކައިރީ ކީއްވެތަ ނުބެހެއްޓީ.

    57
    1
  9. ރިޖާލު

    މި އީ ދިވެހިރާއްޖޭގެ ތާރީޚްގައި ހިނގި އެންމެ ހިތްދަތި އަނިޔާވެރި މަރު. އަމިއްލަ މައިމީހާގެ އަތުން ކުޑަކުޑަ މަޢުސޫމް ދަރިއަކަށް އެތައް ދުވަހެއް ވަންދެން ލިބެމުން ދިޔަ އަނިޔާ އަކީ ހާދަ އަސަރުގަދަ އަނިޔާއެކޭ.

    33
    1
  10. ޝޫލައިމާން

    ޢެކުއްޖާގެ ދޮނަބައްޕަމައްޗައް ވެސް ދެމީހުންރާވައިގެން އެކުއްޖާ މަރާލި ކަމައް ސާބިތުވާނެ މިހާރުވެސް ރަގަންޅައް ބަލާފިއްޔާ. ޙަމަ ދެމީހުން ރާވައިގެން އެކުއްޖާ މަލާލީ. ދެމީހުންނަށް މަރުގެ ހުކުމް އިއްވަންޖެހޭ.

    9
    5
  11. ވިސްނާ

    ޢަނިޔާވެރިންނަށް ހައްގު އަދަބު ލިބޭނެ ދުވަސް އަންނާނެ

    25
  12. މެކް

    ދިމާވެފައިވާ ހިއްދަތިކަންކަން ކޮށްފައިވާ ގޯސް ކަންކަން އަބަދާ އަބަދު ނޫސްތަކުގައާއި ހޮޅު އަށިތަކުގައި ހާމަކުރުމަކީ ދީނުގައި ނަހީކުރައްވައި ފައިވާ ކަންކަމން

    9
    6
  13. އިއްސޭ

    ތަފާތު އަނިޔާވެރި އަޑުތަކާއި މަންޒަރު ފެނި އެކަމަށް ހޭނިފައިވާ މީހެއް މަށަކީ. މިފޮޓޯ ހަމައެކަނި ފެނުނަސް ހިތްފަޅައިގެންދޭ. އެކުއްޖާ ކަންފަތް އެވަނީ ލޭއަރާ ފުރިފަ. މިކަމުގެ އަޕްޑޭޓެއް މީޑިޔާއިން ފެންނައިރަށް ނުކިޔާވޭތޯ ބަލަނީ. ކީމަ ލޭކެކި ބޮލުގަ ރިއްސާގަންނަނީ. މިކަން މާ ލަސްވެއްޖެ. ޤާތިލަކީ އަންހެނަކަށް ނުވިނަމަ އެގާތިލު ޖަލުގަ ހުއްޓަސް އޭނާގެ ކަންތައް ނިމިގެންދާނީ ރައްޔިތުންގެ އަތްމަތިންކަން ޔަގީން.