މިދިޔަ އަހަރު ބޯޓެއްގެ ތެރޭގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމަށް ފަހު، ށ. ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑު އޮޅިއަށް ފެއްތި ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ލުތުފަރު ކަން އެނގުނު ގޮތާ މެދުގައި ދިފާއީ ވަކީލް މިއަދު ސުވާލު އުފައްދަވައިފިއެވެ.

އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ "ކުރިމަގު 1" ނަމަކަށް ކިޔާ ބޯޓުގައި ލުތުފަރު މަރާލުމަށް ފަހު، ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި މައްސަލައިގައި ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. ގާނޫނުލް އުގޫބާތުގެ ދަށުން އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސެއިންގެ މައްޗަށް ދައުލަތުން ކުރީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި ތިން މީހުން ވެސް ޝަރީއަތަށް ހާޒިރުވީ ވަކީލަކާ އެކުގައެވެ. އަދި ދައުވާ އަށް ޖަވާބުދާރީވުމަށް ދިފާއު އަށް ދިން ފުރުސަތުގައި ދިފާއުން ބައެއް ކަންކަން ފާހަގަކުރިއެވެ.

"ފުރަތަމަ ކަމަކީ މަރާލި މީހަކީ މި ދައުވާގައި ބުނާ ލުތުފަރުތޯ؟ އެއީ ކާކުތޯ؟ އެއީ ރާއްޖެ މީހެއްތޯ؟ އޭނާ އުޅެނީ ކޮންތާކުތޯ؟ އޭނާގެ ފުރިހަމަ ނަމަކީ ކޮބައިތޯ؟ މިއިން އެއްވެސް ސުވާލަކަށް ޖަވާބު ލިބޭ އެއްވެސް ލިޔުމެއް ދައުލަތުން ހުށަހަޅާފައެއް ނެތް،" ނޫރުލް އިސްލާމްގެ ދިފާއީ ވަކީލް ވިދާޅުވިއެވެ.

"އަނެއް ކަމަކީ މި މައްސަލަތަކުގައި ދައުވާ ކުރުމަށް އޮންނަ ހާއްސަ ގާނޫނަކީ ބިރު ދެއްކުމާއި ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުން ކުރުމުގެ ގާނޫނު. މި ހާއްސަ ގާނޫނަށް އިސްކަން ދޭން ޖެހޭ ކަމަށްވިޔަސް، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އިޖުރާއަތާ ބެހޭ ގާނޫނުގައި އެބަ ބުނޭ،"

އަލަމިން އާއި އެމްޑީ އަހްތަރު ހުސެއިންގެ ފަރާތުން މަސައްކަތް ކުރައްވަނީ އެއް ވަކީލެކެވެ. މި ދެ މީހުންނަށް ލިބުނު ފުރުސަތުގައި ފާހަގަކުރެއްވީ ތަފާތު ކަމެކެވެ.

"ދައުވާގައި އެބަ ބުނޭ ލުތުފަރު މަރާލުމަށް ފަހު، އެ ރަށު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި ވާހަކަ. ކަނޑެއް ފަޅެއް ވަކި ކުރަން ދައުލަތުގެ ވަކީލަށް އެނގިނުލައްވާ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. އުރަފަށް ކައިރިތޯ ނޫނީ ކަނޑު އޮޅިތޯ. މިސާލަކަށް މާލެ އާއި ވިލިމާލޭ މި ދޭތެރެއަށް ބަލާއިރު ކަނޑު އޮޅިއަކަށް ވާނީ އެ ދޭތެރޭގެ އެންމެ ފުން ދިމާ." ދިފާއީ ވަކީލް ވިދާޅުވިއެވެ.

ދަޢުލަތުން ހުށަހެޅި ދައުވާ ސީޣާގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅިގެން، ޖަވާބުދާރީވުމުގެ ފުރުސަތު ދަޢުލަތުގެ ވަކީލަށް ދެއްވުމުން، ވަކީލް ވިދާޅުވީ، މި މައްސަލައިގައި މަރާލާފައިވާ ލުތުފަރަކީ ކާކުކަން ދެނެގަތީ ކަނޑު އަޑިން ނެގި ކަށިތަކުން ހަދާފައިވާ ޑީއެންއޭ އިން ކަމަށެވެ.

އެގޮތުން އެ ކަށިތަކުން ލުތުފަރު މަންމަ، އަދި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދައުވާގައި "ކަނޑުއޮޅި" އޭ ބުނަނީ ބަނދަރާ ދިމާ ބޭރު ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނަމަވެސް، ޑީއެންއޭ އާ ގުޅޭ ލިޔުންތައް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ތަކުރާރުކޮށް، ދިފާއުން މިއަދު ފާހަގަ ކުރިއެވެ. އަދި ޝަރީއަތުން ވަނީ، މައްސަލައާ ގުޅޭ ހުރިހާ ލިޔުމެއް ތިން ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތްތަކަށް ދިނުމަށް އަންގައިފައެވެ.

އެ މައްސަލައާ ގުޅިގެން ހޯދި ހޯދުންތަކުން ފެނުނު ކަށިތަކަކީ ލުތުފަރުގެ ހަށިގަނޑުގެ ބައެއްކަން ފުލުހުން 100 ޕަސަންޓު ކަށަވަރެއް ނުކޮށްދެއެވެ.

"ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ލުތުފަރާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ ފަރާތަކުން އަޅުގަނޑުމެންނަށް އަދި ލިބިފައެއް ނުވޭ. އަދި ކަނޑު އަޑިން ފެނިފައިވަނީ އޭނާގެ ހަށިގަނޑުކަން 100 ޕަސަންޓް ދަންނަވަން އުނދަގޫ ވިޔަސް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އެއީ އޭނަގެ ހަށިގަނޑުކަން. އަޅުގަނޑުމެން މި ދަނީ އެކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ސައިންޓިފިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް މިހާރު ވަނީ އޭނާގެ އާއިލާއާ ވެސް ވާހަކަ ދެއްކޭ ގޮތް މެދުވެރިވެފައި." ފުލުހުން ކުރިން ބުނެފައިވެއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދައުވާ އަށް ޖަވާބުދާރީ ވުމެވެ. ދެން އަޑުއެހުން ބާއްވާނެ ދުވަހެއް ޝަރީޢަތުން އިޢުލާން ކޮށްފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީ ގާޒީ ޙުސައިން ފާއިޒް ރަޝާދެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޖްވާ

    ކީކޭ ދެން އަޅެ ފަހެ ބުނާނީ؟ މީ ހަމަ ހޭގަ ތިބި ޤާނޫނީ ވަކީލުންބާވެއޭ މަގޭ ހިތަށް އަރާ އިނގޭ! މީހަކު މެރާލިކަން އެބަ އެނގޭ، ކަނޑު އަޑިން ނެގި އިންސާނެއްގެ ބައިތަކުގެ ޑީއެންއޭ ހަދައިގެން ބަންގާޅަށް ގޮސް ލުތުފަރުގެ އާއިލާ މީހުންގެ ޑީއެންއޭ އާ އަޅާ ކީމަ އެބަ ދިމާވޭ އެއީ ލުތުފަރުކަން! ދެން ކޮން ބަހަނާ އެއް ބާ ދައްކާނީ ދިފާއޭ ބިފާއޭ ކިޔައިގެން!

    34
  2. ބާރީ

    ތީ ލުތުފާރު ކަމަ ނުބެލެވޭ... ކަނޑު ރަސް ގެފާނު ދަރި

    12
    15
  3. ލޯންގޭ

    ތީބޮޑުމހުގެ ކަށިގަނޑެކޭ ކިޔާފަ ނިންމާލާ

    23
  4. އިންސާނާ

    އަހަރެން މައްސަލަނެތީ ބަކަރި މައްސަލަ ނެތީ.ދެން ދައުލަތަށް ކޮންމައްސަލަ އޮއްނަނީ.

    13
    1
  5. ޑިކްޓޭޓަރ ހުސެންހަލީމް

    ވަކީލަކާ އެކުތަ؟ ތީގެން މީހަކު އޭރު ދިވެހިރާއްޖޭގަވެސް ނުތިބޭނެ ތިކަމެއްކުރިއިރު!

  6. Anonymous

    100 ޕަސެނޓް ޔަޤީން ކުރެ ވޭނެ ފުރުސަތު އޮއް ވާ އެ ނުހޯދާ ހުށަހެޅުން، ތަހުގީގު ފުރިހަމަ ނު ވޭނު.