އަންނަ އެޕްރިލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި 982 ގޮނޑިއަށް ވާދަކުރުމަށް އެދި މިހާތަކަށް ހުށަހަޅާފައި ވަނީ 1980 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، އެވްރެޖްކޮށް ބަލާއިރު ކޮންމެ ދާއިރާއަކަށް ވެސް މިހާތަނަށް ކުރިމަތިލާފައިވަނީ ދެ މީހުން ކަމަށާ، މިހާރު ކުރިމަތިލާފަިއވާ މީހުންގެ އިތުރުން ހާހެއްހާ ކެޑިޓޭޓުން ކައުންސިލްތަކަށް ކުރިމަތިލާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ކޮންމެ ދާއިރާއަކަށް ވެސް މަދުވެގެން 4 މީހުން އެވްރެޖްކޮށް ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާ، ބައެއް ދައިރާތަކުގައި އިންތިޚާބަކާއި ނުލާއި ކައުންސިލަށް މީހަކު ހޮވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ބައެއް ދާއިރާތަކުގައި އިނގޭތޯ އެކަށީގެންވޭ އެކަކު ކުރިމަތިލުމުން ނޫނިއްޔާ އެކަނޑައެޅިފައިވާ އެ ގޮނޑީގެ އަދަދަށް މީހުން ކުރިމަތިލާފަވާ ކަމަށް ވަންޏާ އިންތިޚާބެއް ބާއްވަން ނުޖެހި ޤާނޫނުގައިވާ ގޮތުގެ މަތިން އެމީހުން ހޮވިގެން ދިއުން ހަމަ އެކަށީގެންވާ ބައެއް ދާއިރާތައް އެބަހުރިި. އަދި ޚާއްސަކޮށް ކުދިކުދި ރަށްރަށާ ކުދިކުދި އާބާދީތަކުގައި މިދެންނެވީ ބައެއް އަތޮޅުތަކުން ވެސް މިހެން ވުމަކީ އެކަށީގެންވާ ކަމެއް." ފުއާދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮތީ މި މަހުގެ 24 ވަނަ ދުވަހުގެ ތިނެއްގެ ކުރިންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މިހާތަނަށް ޖުމުލަ 141 ފަރާތަކުން ކުރިމަތިލާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 47 އަންހެނުންނާއި 94 ފިރިހެނުންނެވެ. އެ ހުރިހާ އެންމެންނަކީ ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ މީހުންނެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވާދަވެރިވާނެ ކަމަށް ބެލެވެއެވެ. ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ވަނީ ބައެއް ދާއިރާތަކުގެ ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިލެކްޝަން ކޮމިޝަނުގެ މެންބަރުންދަނީ ޖެއްސުންކުރަމުން

    އިންތިޚާބުގައި ވާދަކުރަންއެދި ލިޔެކިއުންތައް ހުށައެޅި ފަރާތްތަކައް އިލެކްޝަންކޮމިޝަންގެ މެންބަރުން ޖެންސުންކޮއް ދަތިކުރަމުން އެބަގެންދޭ! އެޕލިކޭޝަންގެ ޖަވާބު ހޯދުމްއް 48ގަޑިއިރު ފަހުން ދާންބުނެހެން މިއަދު މިހާރު 3 ފަހަރެއްގެމަތިން ދެވިއްޖެ، ހަމަކޮންމެފަހރަކުވެސް ދޭޖަވާބަކީ މެންބަރުން ސޮއިނުކުރައްވައިގެން އޮފީހުގައި ނޫޅުއްވާތީ އަދިނުނިމޭކަމައް؟ ދައުލަތުގެ މިނިވަން މުއައްސަސާއަކުންދޭ ޚިދުމަތް މިއައްވުރެނ ރަނގަޅުވާންވާނެ. ގަޑިއަކައް ކަމެއްނިންމަން، އަނަންބުނާއިރު އެހންމީހުންގެ ވަގުތުވެސް މުހިންމުވާނެކަން ވިސްނަންވާނެ. ރައްޔިތުންގެ ފައިސާއިން ބޮޑަތި މުސާރަޔާއި އިނާޔަތްތައްނަންގަވަަައިގެން ތިއްބަވާއިރު، ދިރިއުޅުމައްޓަކައި އާމްދަނީހޯދަން އެހެންމީހުންވެސް ބުރަމަސައްކަތްކުރާކަން ވިސްނަންޖެހޭނެ