ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓު ލިބިފައިވާ 212 ކެންޑިޑޭޓުން އަދިވެސް އިލެކްޝަން ކޮމިޝަން (އީސީ) ހުށަހަޅަން ޖެހޭ ކެންޑިޑަސީ ފޯމު ހުށަހަޅައިފައި ނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތްތަކާ ބެހޭ ގޮތުން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ތަރުޖަމާނު މުހައްމަދު ސައިފް ހާތިމް ވިދާޅުވީ މިހާތަނަށް އައި އިރު، އެމްޑީޕީގެ 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕާޓީން މަސައްކަތް ކުރަނީ ބާކީ ތިބި ހުރިހާ ކެންޑިޑޭޓުންގެ ފޯމް ހުށަހަޅަން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިއަދު ތިނެއް ޖަހާ އިރު ހަމަވާނެއެވެ.

މިއަދު ތިނެއްގެ ކުރިން، ފޯމް ހުށަނާޅައި ހުރި ހުރިހާ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައިފް ވިދާޅުވިއެވެ.

"މިއަދު ހެނދުނާ ހަމައަށް 669 ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި،" ސައިފް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ވަނީ ބޮޑު ޕްރައިމަރީއެއް ބާއްވައި، ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައަޅައިފައެވެ.

އަދި ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުން ކަނޑައަޅާފައި ވަނީ ޕްރައިމަރީއަކާ ނުލައެވެ. އެމްޑީޕީއާ ވާދަވެރި ޕީޕީއެމުން ވެސް ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިމް

    އެއްހަރުގެއިން އަނެއް ހަރުގެޔަށް ފޯމް ހުށަނޭޅިޔަސް ރަގަޅުވާނެ

    18
  2. 19 ނަވާރަ

    އެބައިގަނޑަކީ އެކުވެރި އެބައެއްވަންތަ ބައެއް އެހެންވީމާ ބެރު ދުންމާރި ތާޅަފިލީގައި ފޯމްހުށައަޅުން އޮންނާނީ

    17
    1
  3. ޙަމަހަމަ

    ބޮޑުމީހާ ބުނެފަ އޮތީ އޭނަގެ މީހުންނޭ ކާމިޔާބުކުރާނީ. ޢެހެންވީމަ ކީއްކުރަން ފޯރމުލާން އެވަރަކުން އުޅެންވީ.

  4. ވެރިން

    ހާސް ވާނެ ކަމެއްނެތް މުއްދަތު އިތުރު ކޮށް ދޭނެ، އީސީ ގެ ވެރިޔަކީ ތިބާއިގަނޑުގެ އެޖެއްޓެއްނޫން.

  5. މިއަދު

    އެމްޑީޕީގެ ހުރިހަފޯމެއްހުށަ ނާޅަނީސް 3 ނުޖަހާނެ 3 ޖެހިކަމަށްވާނީ އެފަރާތްތަކުގެ ފޯމުހުށައެޅުމުން